ދަރަނި އިންތިހާއަށް ބޮޑުވާއިރު، ކަނޑު އަޑީގެ ޓަނަލްއެއް ހެދުމުގެ މާނައެއް ނެތް: ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު: ރައީސް މުޢިއްޒު ރަސްމާލެއާއި މާލެއާ ގުޅުވާލާނީ ކަނޑު އަޑީގެ ޓަނެލްއަކުން ކަމަށް ވިދާޅުވުމުން އޭނާ ވަނީ އެކަމަށް ފާޑުވިދާޅިވެފައި -- ސަން ފޮޓޯ/ އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ

ގައުމުގެ ދަރަނި އިންތިހާއަށް ބޮޑުވާއިރު ކަނޑުއަޑީގެ ޓަނެލްއެއް ހެދުމަކީ މާނައެއް ނެތް ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމިލު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރޭ އޮތް މާލޭ މޭޔަރާއި އެ ކައުންސިލުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ، މި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެއާއި މާލެ ގުޅުވައިލާނީ ކަނޑުއަޑީގެ ޓަނެލްއަކުން ރޭލުގައި ދަތުރުކުރާ ގޮތަށް ކަމަށް ވިދާޅުވެފައެވެ.

މި ކަމަށް ފާޑު ވިދާޅުވެ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ އިގުތިސާދީ މައްސަލަތަކާއި، ތަކެތީގެ އަގުތައް ބޮޑުވަމުން އަންނަ ކަމަށެވެ. އަދި، އިންތިހާއަށް ބޮޑުވަމުން އަންނަ ދަރަންޏާ ގައުމު ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި ކަނޑު އަޑީގެ ޓަނެލް ހެދުމުގެ މާނައެއް ނެތް ކަމަށެވެ.

އަދި މި ކަމަކީ އާންމުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ގިނަ ވައުދުތަކެއްވެ، މޮޅެތި ވާހަކަ ދެއްކެވި ނަމަވެސް އަދިވެސް އެންމެ ފުރަތަމަ ވީ ވައުދުފުޅު ކަމަށްވާ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރައްވަން ވެވަޑައިގެން ވައުދުފުޅު ނުފުއްދަވާ ކަމަށެވެ.

"އިގުތިސާދީ މައްސަލަތަކާއި، އިންފްލޭޝަން އިތުރުވުމާއި، ބޮޑުވަމުން އަންނަ ދަރަނިތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމެއްގައި، މިހާރު އެ ހުށަހަޅަނީ މާނައެއް ނެތް ކަނޑު އަޑީގެ ޓަނަލެއް. ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި،" ޖަމީލް ވިދާޅުވިއެވެ.

އަދި، ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ޑިސްކޮލިފައިކުރުމުން އެ ކަމަށް ވެސް ޖަމީލު ވަނީ ފާޑުވިދާޅުވެފައެވެ. ކުރިމަތިލީ ބައެއް މީހުން ޑިސްކޮލިފައިކުރި ނަމަވެސް ފަހުން ރައީސް މުޢިއްޒު ވަނީ ކުރިމަތިލީ ހުރިހާ ކެނޑިޑޭޓުންނަށް ފުރުސަތު ދޭން ނިންމަވައިފައެވެ.

ޖަމީލު ވިދާޅުވީ މިހާރު އޮތް އެންމެ ބޮޑު ބިރަކީ ގައުމުގެ އިގުތިސާދު އޮތް ހާލަތު ނޭނގޭ، ކުރިއެރުމާއި، ހުރަސްތައް ނޭނގޭ ރައީސެއް އިންތިޚާބު ކުރެވުނުކަމުގެ ބިރު ކަމަށެވެ.

ރައީސް ރޭ އިއުލާނުކުރެއްވި މަޝްރޫއާ އެކު ރަސްމާލެއާއި މާލެ ގުޅައިލާނީ ކަނޑު އަޑީގެ ޓަނަލަކުންނެވެ. އެ މަނިކުފާނު ވިދާޅުވީ އެ ޓަނަލުން ދަތުރުކުރާއިރު ކަނޑު އަޑީގެ ރީތިކަން ވެސް ބަލައިލެވޭނެ ކަމަށާއި އެ މަޝްރޫއު ވެގެންދާނީ ފަތުރުވެރިކަމަށް ކުރިއެރުން ގެނެސްދޭ މަޝްރޫއަކަށް ކަމަށެވެ.

"އެ މަސައްކަތް ކުރުމަށް ޓަކައި އަޅުގަނޑުމެން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކުގައި މިހާރު ވަނީ ފީޒިބިލިޓީ މަސައްކަތް ފަށާފައި. މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ ރާއްޖެއަަށް ޓޫރިސްޓުން އިތުރުވާނެ މަޝްރޫއެއް،" ރައީސް ރޭ ވިދާޅުވިއެވެ.

comment ކޮމެންޓް