ރައީސާ ސުވާލުކުރެވޭ ގޮތަށް، ރައްޔިތުންނާ ބައްދަލުކުރައްވާ ފޯރަމްތަކެއް ބާއްވަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު: އެމަނިކުފާނާ ރައްޔިތުންނަށް ސުވާލުކުރެވޭ ފޯރަމްތަކެއް ބާއްވަވާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ

ރައީސާ ބައްދަލުކޮށް ސުވާލު ކުރެވޭ ގޮތަށް، ރައްޔިތުންނަށް ހުޅުވާލައިގެން ކޮންމެ ތިން މަހުން އެއް މަހު ފޯރަމްތަކެއް ބާއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރާއި ކައުންސިލަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވާ ފުރަތަމަ ފޯރަމް އަންނަ މަހު އޮންނާނެ ކަމަށެވެ.

އެމަނިކުފާނު ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށާއި އެކަމަށް ޓަކައި އަންނަ ހަފުތާގެ ތެރޭގައި ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންނާ ވެސް ބައްދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނަން. އަދި އަޅުގަނޑުމެން ރައްޔިތުންނަށް ކުރާ މަސައްކަތް ސަރުކާރުން ގާތުން އޮޅުންފިލުވައި ދިނުމަކީ މީގެ ތެރޭގައި ހިމެނޭ އަނެއް ކަންތައް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، ކޮންމެ ދެ މަހުން އެއް މަހު ވަޒީރުންގެ ފޯރަމެއް ބާއްވާނެ ކަމަށާއި އެ ފޯރަމުގައި ވެސް، ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެއީ ޕަބްލިކް ފޯރަމެއް، އެ ފޯރަމްގައި ބޭނުން ސުވާލެއް އެ ފޯރަމްގައި އެ ވަގުތު ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރުމުގެ ފުރުސަތު ދޭނެ، ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗު އޮފް ކެބިނެޓް މެމްބާސް ވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

"ފަސް ބޭފުޅުން، ފަސް ބޭފުޅުން ގޮތަށް އަޅުގަނޑުމެން މި ދެންނެވި ދެ މަހުން އެއް މަހު އޮންނަ ޕަބްލިކް ފޯރަމް ބާއްވާނަން."

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދާނީ ރައްޔިތުންނާ ވަރަށް ގާތުން ކަމަށާއި ރައްޔިތުންނަށް ޖަވާބު ނުދެވޭނެ ސުވާލެއް ނޯންނާނެ ކަމަށެވެ.

comment ކޮމެންޓް