އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށަހަޅައިފި

އެފްއޭއެމް އިން ބޭއްވި ކޮންގްރެސްއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ --- ސަން ފައިލް ފޮޓޯ/ މުޙައްމަދު ހައްޔާން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މެންބަރު ކްލަބުތަކުގެ ތެރެއިން ދިހަ ކްލަބެއް ސޮއިކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އެދި ހުށަހަޅައިފިއެވެ.

އެފްއޭއެމްގެ މެންބަރު 18 ކްލަބެއްގެ ތެރެއިން ދިހަ ކްލަބަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ހުށަހަޅައިފައިވަނީ އިދާރާ މުއައްސަސާއެއްގެ ގޮތުގައި ހިންގަން ހުންނަންޖެހޭ ކޮމިޓީތައް އެކުލަވައިލުމަށް ޓަކައެވެ.

އެ ހުށަހެޅުމުގައިވާ ގޮތުން އެފްއޭއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން އެކުލަވައިލަންޖެހޭ ޑިސިޕްލިނަރީ ކޮމިޓީ އާއި އެތިކްސް ކޮމިޓީ އަދި އެޕީލްސް ކޮމިޓީއެއް ކޮންގްރެސްގައި އެކުލަވައިލަން ޖެހެއެވެ.

އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ކޮންގްރެސް ބާއްވަން އަސާސީ ގަވާއިދުގައި ބުނާކަން ވެސް އެ ހުށަހެޅުމުގައި ވަނީ ފާހަގަކޮށްފައެވެ.

އެފްއޭއެމްގެ ތެރޭގައި އެންމެ ފަހުން ޖެހިފައިވާ މައްސަލައަކީ މި މަހުގެ 31ގައި ބާއްވަން އިއުލާންކޮށްފައިވާ އެ އިދާރާގެ އިންތިޚާބެވެ. އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ ރައީސްކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ވެސް ކްލަބު ވެލެންސިއާއިން ތާއީދު ސިޓީ ދީފައިވާތީ، އެ މައްސަލަ ބެލުމަށްފަހު ވެލެންސިއާގެ ސިޓީ ބާތިލުކޮށްފައެވެ.

އެއާއެކު ބޭނުންވާ އަދަދަށް ކްލަބުތަކުގެ ތާއީދު ނެތުމުން އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާ އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތާރިގު (ޓޮމް)ގެ ކެންޑިޑެސީ ވަނީ ބާތިލުވެފައެވެ.

ޓޮމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހެވެ. ނަމަވެސް އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތަށް އެފްއޭއެމުން އެޕީލް ކޮމިޓީއެއް އެކުލަވައިލައިފައި ނުވުމުން، މައްސަލަ ބަލައި ޓޮމްއަށް ޖަވާބުދޭން ޖެހޭ މުހުލަތުގައި އެ އިދާރާއަށް ޖަވާބު ދެވިފައެއް ނުވެއެވެ.

އެފްއޭއެމުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ އަސާސީ ގަވާއިދާއި އިލެކްޓޯރަލް ކޯޑުގެ ދަށުން އިސްތިނާފުކުރުމުގެ ހައްގަކީ ކަށަވަރުކޮށްދޭން ޖެހޭ ހައްގެއް ނަމަވެސް މި ވަގުތު އެ އިދާރާގައި އިންތިހާބީ އެޕީލްސް ކޮމިޓީއެއް އޮންނަންޖެހޭ އުސޫލުގެ ތެރެއިން އެކުލަވާލެވިފައި ނެތްކަމަށެވެ އެހެންވެ އެ މައްސަލައަށް ހައްލެއް ހޯދުމަށް އެދި ފީފާ އާއި އޭއެފްސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީގެ މައްސަލަ ޓޮމްގެ ފަރާތުން ވެސް ވަނީ ފީފާ އާއި އޭއެފްސީއަށް ހުށަހަޅައިފައެވެ. ޓޮމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އިންތިޚާބަށް ހުޅުވައިލި ފުރުސަތުގައި އެފްއޭއެމްގެ 18 މެންބަރު ކުލަބުގެ ތެރެއިން ނުވަ ކުލަބުގެ ތާއީދާއެކު ހުށަހެޅި ކެންޑިޑެސީ ބާތިލުކުރުން ހިމެނެއެވެ.

އަދި އެއީ ކުލަބު ވެލެންސިއާގެ ދެ ސިޓީ ވެސް ސައްހަ ކަމަށް ނިންމައި، ފީފާގެ އަސާސީ ގަވާއިދުގެ މާއްދާއަކަށް ރިއާޔަތްކޮށް ކަމަށް އޭނާ މިދިޔަ އާދީއްތަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އެފްއޭއެމްގެ އިންތިޚާބީ ގަވާއިދުގެ 12ވަނަ މާއްދާގައި ބުނާ އިލެކްޓޯރަލް އެޕީލް ކޮމިޓީ ކޮންގްރެސްގައި ނިންމާފައި ނެތް ކަމަށް ފާހަގަކުރަމުން ޓޮމް ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހު މައްސަލަ އިސްތިއުނާފުކޮށްފައިވީ ނަމަވެސް ކޮމިޓީއެއް ނެތުމުން ޖަލްސާއެއް ނުބޭއްވޭ ކަމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ޓޮމް ފާހަގަކުރައްވާފައިވަނީ އެފްއޭއެމް އިލެކްޓޯރަލް ކޯޑުގެ ހަތަރުވަނަ މާއްދާގައި އިލެކްޓޯރަލް ކޮމިޓީގެ މެންބަރުން ޖެހިޖެހިގެން ދެ ދައުރަށް އިންތިޚާބުކޮށްގެން ނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް، އިލެކްޓޯރަލް ކޮމިޓީ އިތުރު ދައުރަކަށް 2023 ވަނަ އަހަރުގެ ކޮންގްރެސްގައި އިންތިޚާބުކޮށްފައިވުމެވެ.

އެގޮތުން އިލެކްޓޯރަލް ކޮމިޓީގެ ޗެއާ އަބްދުﷲ އަލީ ޖެހިޖެހިގެން ތިން ދައުރު ގަވާއިދާ ހިލާފަށް މެންބަރުކަންކޮށްފައިވާ ކަމަށާއި ވައިސް ޗެއާ އަހުމީމް އަބްދުއްރައްޒާގު އަދި އަބްދުﷲ އަލީ ދެވަނަ ދައުރަކަށް އިލެކްޓޯރަލް ކޯޑާ ހިލާފަށް ކޮންގްރެސްއިން އިންތިޚާބުކޮށްފައިވާ ކަމަށް ޓޮމް ފާހަގަކުރެއްވިއެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ ވެލެންސިއާއިން ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދު ސިޓީ ދީފައިވާ މައްސަލައިގައި އަމަލުކުރާނެ ގޮތަކާ މެދު ފީފާއާއި އޭއެފްސީގެ ލަފައެއް ވެސް ހޯދައިފައެވެ.

ވެލެންސިއާއިން ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދު ސިޓީ ދީފައިވާ މައްސަލަ އެ ކްލަބުގެ އެތެރޭގައި ވެސް ވަނީ ބޮޑުވެފައެވެ. އެ މައްސަލައިގެ ތެރެއިން ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީންގެ އިތުބާރު ނެތް ކަމަށް ވެސް އެ ކްލަބުގެ ބޯޑުން މިހާރު ވަނީ ނިންމައިފައެވެ.

އެފްއޭއެމުން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދަނީ އެ މަސައްކަތް މަޑުޖައްސާލުމަށް ސްޕޯޓްސް ކޮމިޝަނަރު ވެސް އެދިފައިވަނިކޮށެވެ.

comment ކޮމެންޓް