މާޗު 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެދިއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެ މަނިކުފާނު ވަނީ އާ އަހަރުގެ ތަހުނިޔާ ދަންނަވާފައި -- ފޮޓޯ/ ރައީސް އޮފީސް

މާޗު މަހުގެ 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން ރައީސް ޑރ، މުހައްމަދު މުއިއްޒު، އިންޑިއާ ސަރުކާރުގައި މިއަދު އެދިވަޑައިގެންފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، މާޗު 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާ ސިފައިން ފޮނުވައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ދެ ގައުމުން ވަނީ މަތީ ފަންތީގެ ކޯ ގްރޫޕެއް އެކުލަވާލައިފައެވެ. އެ ގްރޫޕުގެ ބައްދަލުވުމެއް މިއަދު ހެނދުނުން ފެށިގެން ފޮރިން މިނިސްޓްރީގައި އަންނަނީ ބާއްވަމުންނެވެ. އެ ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވައި ސަފީރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ނާޒިމް މިއަދު ވިދާޅުވީ، ރައީސް މިއަދުގެ ބައްދަލުވުމުގެ އެޖެންޑާއަކަށް ނަންގަވާފައިވަނީ މި އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިިން ބޭލުން ކަމަށެވެ. އެހެންވެ، އެ މަޝްވަރާތައް މިއަދުގެ ހަވީރާ ޖެހެންދެން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާ ސިފައިންނަކަށް ރާއްޖެއަކު ނުތިބެވޭނެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ، އެއީ ސަރުކާރުގެ ސިޔާސަތަކީ،" ނާޒިމް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ފޮނުވައިލުމާ ގުޅޭ މަޝްވަރާ ބައްދަލުވުން މިހާރު ފޮރިން މިނިސްޓްރީގައި ކުރިއަށްދާއިރު، ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، އެނބުރި މާލެ ވަޑައިގެން އިއްޔެ ވަނީ އިންޑިއާއަށް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ ކުޑަވުމަކީ ބޭރުގެ ބޮޑެތި ގައުމުތަކުން ބުލީކުރަން ލިބޭ ލައިސަންސެއް ނޫން ކަމަށެވެ.

ރާއްޖެއިން އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަކުރަން ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، އިއްޔެ އެ މަނިކުފާނު ވަނީ ބޭހާއި ކާޑުގެ ބާވަތްތައް އެހެން ގައުމުތަކުން އެތެރެކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަން އިއުލާނުކުރައްވައިފައެވެ.

"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް،" ރައީސް އިއްޔެ ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެއްވެސް ގައުމަކުން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެއީ ދިވެހީން ބޭނުންވާ ގޮތެއް ވެސް ނޫން ކަމަށެވެ. އެހެންވެ، އެއްވެސް ގައުމަކުން ރާއްޖޭގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވިޔަ ނުދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ އަރުއްވައިފައެވެ.

އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުފުޅެވެ.

comment ކޮމެންޓް