މާލޭ ކައުންސިލްގެ ދެ ގޮނޑި ޕީއެންސީއަށް، އެއް ގޮނޑި އެމްޑީޕީއަށް

މިއަދު އޮތް މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ލުމުގެ ތެރެއިން: އެ އިންތިޚާބުގައި ކައުންސިލްގެ ދެ ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީން ވަނީ ކާމިޔާބުކޮށްފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މޫސާ ނަދީމް

މިއަދު އޮތް މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓަށް ހުޅުވާލި ތިން ދާއިރާގެ ތެރެއިން ދެ ދާއިރާ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން ކާމިޔާބުކުރިއިރު، އިދިކޮޅު އެމްޑީޕީން އެއް ގޮނޑި ނަގައިފިއެވެ.

މާލޭ ސިޓީގެ ހުސްވެފައިވާ މޭޔަރު ކަމާއި، މާފަންނު ދެކުރު ދާއިރާއާއި މެދުހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރަން ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އޭގެ ތެރެއިން ހެންވޭރު ދެކުނާއި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީންނެވެ. އެމްޑީޕީން ކާމިޔާބު ކުރީ މެދު ހެންވޭރު ދާއިރާގެ ގޮނޑިއެވެ.

އެ އިންތިޚާބުގައި މާފަންނު ދެކުނު ދާއިރާގެ ނަތީޖާއަކީ:

  • މުޙައްމަދު ރަފީއު (އަމިއްލަގޮތުން) - 58
  • ހަސަން ނިޒާމް (ޕީއެންސީ) - 383
  • އަލީ އިސްހާގު (ދަ ޑިމޮކްރެޓްސް) - 84
  • އަހުމަދު އިމްރާން (އެމްޑީޕީ) - 343
  • މުޙައްމަދު މައިޒަރު އާދަމް ޒާހިރު (އަމިއްލަގޮތުން) - 215

ހެންވޭރު ދެކުނު ދާއިރާގެ ނަތީޖާއަކީ:

  • ހައްވާ ނިހްލާ (އެމްޑީޕީ) - 308
  • އާމިނަތު ރިޝްފާ އަހުމަދު (ޕީއެންސީ) - 411
  • އާއިޝަތު އަފްނާން އަލީ (އަމިއްލަ ގޮތުން) - 160
  • އާއިޝަތު ލީނާ (ދަ ޑިމޮކްރެޓްސް) - 139

މެދު ހެންވޭރު ދާއިރާގެ ނަތީޖާއަކީ:

  • އަހުމަދު ރިޝްވާން ރަޝީދު (އެމްޑީޕީ) - 320
  • މުޙައްމަދު ޒައިން ޙަސަން (އަމިއްލަ ގޮތުން) - 190
  • ފާތިމަތު ޝައުފާ ސަލީމް (ޕީއެންސީ) - 305
  • އަބްދުﷲ އަތޫފް (އަމިއްލަ ގޮތުން) - 229

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަން ކާމިޔާބުކުރައްވާފައިވަނީ، އެމްޑީޕީއިން ވާދަކުރެއްވި، އާދަމް އާޒިމެވެ. އެގޮތުން، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އާޒިމް ވަނީ 7،621 ވޯޓު ހޯއްދަވައިފައެވެ. އެއީ، ވޯޓުލާން ނުކުތް 17،410 މީހުންގެ ތެރެއިންނެވެ.

އާޒިމްއަށް ފަހު އެންމެ ގިނަ ވޯޓު ހޯދައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރެވެ. އެއީ، 5،031 ވޯޓެވެ.

އެ ޕާޓީން ވަނީ މޭޔަރު އިންތިޚާބުން ނާކާމިޔާބުވީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން ކަމަށް ބުނެފައެވެ. ނަމަވެސް މި އިންތިޚާބުން ލިބުނު ފިލާވަޅުން، ކުރިއަށް އޮތް އިންތިޚާބުތަކުގައި ވަރުގަދައަަށް މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

https://sun.mv/187348

މި އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަން (އީސީ)ން ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވޯޓުލުމުގެ ހައްގު 54،680 މީހުންނަށް ލިބިފައިވާއިރު ވޯޓުލާން ނުކުމެފައިވަނީ 31.84 ޕަސެންޓެވެ.

comment ކޮމެންޓް