ޤަތަރުގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕް ގްރޫޕް ބީގައި އޮސްޓްރޭލިއާ އާއި އިންޑިއާ ބައްދަލުކުރި މެޗު އޮސްޓްރޭލިއާއިން ކާމިޔާބު ކޮށްފިއެވެ.
އަލް ރަޔާންގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު އޮސްޓްރޭލިއާއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. އެ މެޗު 35،253 ސަޕޯޓަރުން ކުރިމަތީ ކުޅުނުއިރު، މިމެޗުވީ އޭޝިއަން ކަޕްގެ މެޗެއްގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީންގެ ޓީމެއް ރެފްރީކަން ކުރި ފުރަތަމަ މެޗަށެެވެ. މި ތާރީޚީ މެޗުގައި ރެފްރީކަން ކޮށްފައިވަނީ ޖަޕާންގެ ޔޮޝިމީ ޔަމަޝީޓާއެވެ. އަދި އެސިސްޓަންޓް ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ މަކޯޓޯ ބޮޒޯނޯ އާއި ނައޯމީ ޓެޝިރޯގީއެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އޮސްޓްރޭލިއާއިންނެވެ. މިގޮތުން މިމެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. އަދި މެޗުގެ 16 ވަނަ މިނެޓްގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެޓްރީއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.
މިފުރުސަތު ލިބުނުތާ ފަސް މިނެޓް ފަހުން އިންޑިއާގެ ކީޕަރު ގުޕްރީތު ސިންގްއަށް ހެދުނު ގޯހެއްގެ ފައިދާ އޮސްޓްރޭލިއާއަށް ނެގޭގޮތެއް ނުވިއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި އޮސްޓްރޭލިއާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިންޑިއާއިން ދިފާއު ކުރަމުންދިޔަ ގޮތް ވަރުގަދަ ކަމުންނާއި އޮސްޓްރޭލިއާ ކުޅުންތެރިންގެ ނިންމުން ރަނގަޅު ނުވުމުގެ ސަބަބުން ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.
މިމެޗުގައި އޮސްޓްރޭލިއާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 50 ވަނަ މިނެޓްގައި ޖަހައި އެޓީމަށް ލީޑު ނަގައިދިނީ ޖެކްސަން އާވިންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓްގައި ޖަހައިދިނީ ޖޯޑަން ބޮސްއެވެ.
މިކާމިޔާބީއާއެކު އޮސްޓްރޭލިއާއިން މިވަނީ އެޓީމްގެ ފެށުން ރަނގަޅު ކޮށްފައެވެ. އަދި އިންޑިއާއަށް މިވަނީ އެޓީމްގެ ކުޅުން ދެން ހުރި މެޗުތަކުގައި އިތުރަށް ރަނގަޅު ކުރަން ޖެހިފައެވެ. މިގްރޫޕްގައި ދެން ހިމެނެނީ ސީރިއާ އާއި އުޒްބެކިސްތާންއެވެ.
މިމުބާރާތުގެ ގްރޫޕް އޭގައި ޗައިނާ އާއި ތަޖިކިސްތާން ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. މި ދެ ޓީމާއެކު މިގްރޫޕްގައި ދެން ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ޤަތަރާއި ލުބްނާނެވެ. ޤަތަރުވަނީ އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ލުބްނާން ތިން ލަނޑު ސުންލަނޑުން ބަލިކޮށްފައެވެ.