މާލޭ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި ވޯޓުލާން ހަދާފައިވާ ކިޔުތައް ހަވީރު ފަހެއް ޖެހުމާ އެކު ބަންދުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު 'ސަން'އަށް ވިދާޅުވީ ހަވީރު ފަހެއް ޖެހުމާ އެކު ކިޔުތައް ބަންދުކުރި ކަމަށެވެ. ނަމަވެސް މިހާރު ކިޔުއަށް އަރާ ތިބި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޯޓު ލާން އައި މީހުންގެ އަދަދު ވަރަށް މަދެވެ.
މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު 54,680 އަށްވުރެ ގިނަ މީހުންނަށް ލިބެއެވެ.
އެހެންނަމަވެސް ހަވީރު 16:00 އާ ހަމައަށް ވޯޓު ލީ އެންމެ 14،605 މީހުންނެވެ. ވޯޓު ނުލާ ބާކީ 41،397 މީހުން އެބަތިއްބެވެ.
ހަބީބު މީގެ ކުރިން ވިދާޅުވީ، އާންމު ގޮތެއްގައި ބައި އިލެކްޝަންތަކުގައި ވޯޓުލާން ނުކުންނަނީ 40 ޕަސެންޓް މީހުން ކަމަށެވެ. އަދި އުންމީދުކުރައްވަނީ ކުރިއަށް ހުރި ވަގުތުތަކުގައި ވޯޓުލާ މީހުންގެ އަދަދު 30 ޕަސެންޓުން މަތިވާނެކަމަށް ކަމުގައި ހަބީބު ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ މި ވަގުތު ކިއުއަށް އަރާ ތިބި މީހުންނަށް ބަލާއިރު 30 ޕަސެންޓަށް ވުރެ މައްޗަށް ވޯޓު ލީ މީހުންގެ އަދަދު އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މާލޭ ސިޓީގެ މޭޔަރުކަން ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ނޮބެމްބަރު 17 ގައި ވަނީ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
އޭގެ ފަހުން، މާލޭ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ކައުންސިލަރުން ވެސް ވަނީ ސަރުކާރުގެ ބައެއް މަގާމުތަކާ ހަވާލުވެވަޑައިގަންނަވަން މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ، އެ ދާއިރާތަކަށް ކައުންސިލަރުން އިންތިޚާބުކުރުން ވެސް މިއަދު ބާއްވާފައިވެއެވެ.
މާލޭގެ މޭޔަރުކަމަށް މި އިންތިޚާބުގައި ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ،
- ޝުއައިބު އަލީ (ފުރަހަނި) - އަމިއްލަ ގޮތުން
- ހުސައިން ވަހީދު - ޕީއެންއެފްގެ ތާއީދާއެކު އަމިއްލަ ގޮތުން
- މުހައްމަދު ސައިފް ފާތިހު - ދަ ޑިމޮކްރެޓްސް
- އާދަމް އާޒިމް - އެމްޑީޕީ
- އާއިޝަތު އާޒިމާ ޝަކޫރު - ޕީއެންސީ
އީސީން ބުނީ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ 20:00ގެ ކުރިން ނެރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.