ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ވާދަކުރައްވާ އަހުމަދު ތާރިގު (ޓޮމް)ގެ ކެންޑިޑެސީ ބާތިލުކުރި މައްސަލަ، އޭނާގެ ފަރާތުން އިސްތިއުނާފުކޮށްފިއެވެ.
ޓޮމްގެ ކެންޑިޑެސީ ބާތިލުވީ އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ވެސް ކްލަބު ވެލެންސިއާއިން ތާއީދު ސިޓީ ދީފައިވާތީ، އިލެކްޓޯރަލް ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު ވެލެންސިއާގެ ސިޓީ ބާތިލުކުރުމުން ބޭނުންވާ އަދަދަށް ކްލަބުތަކުގެ ތާއީދު ނެތުމުންނެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން އިންތިޚާބުގައި ވާދަކުރުމަށް މަދުވެގެން ތިން ކްލަބެއްގެ ތާއީދު ބޭނުންވާނެއެވެ. ޓޮމް ފޯމު ހުށަހެޅުއްވީ ތިން ކްލަބެއްގެ ތާއީދާ އެކުގައި ކަމަށްވެފައި، އޭގެ ތެރެއިން ވެލެންސިއާގެ ތާއީދު ސިޓީ ބަލައިނުގަތުމަށް ނިންމުމުން މިހާރު އެ އަދަދު ވަނީ ދެ ކްލަބަށް މަދުވެފައެވެ.
އެފްއޭއެމްގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތުދިން ގޮތުގައި މިހާރު ޓޮމްގެ ފަރާތުން ވަނީ އިސްތިއުނާފަށް އެ މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލަ ބަލާނެ ކޮމިޓީއެއް އަދި ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ ވެލެންސިއާއިން ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދު ސިޓީ ދީފައިވާ މައްސަލައިގައި އަމަލުކުރާނެ ގޮތަކާ މެދު ފީފާއާއި އޭއެފްސީގެ ލަފައެއް ވެސް ހޯދައިފައެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މިހާރު ވެސް ހުންނެވި މުފާވިޒް ހާޝިމް (މުފާ)، އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ވެލެންސިއާ ހިމެނޭގޮތަށް ހަ ކްލަބެއްގެ ތާއީދާއެކުއެވެ. ޓޮމްގެ ކެންޑިޑެސީއަށް ގޮތެއް ނުނިންމިއްޖެ ނަމަ, މި މަހުގެ 31 ވަނަ ދުވަހު ނަގާނީ މަގާމަށް މުފާ ނެގުމަށް ފެންނަ ނުފެންނަ ވޯޓެކެވެ.
ވެލެންސިއާއިން ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދު ސިޓީ ދީފައިވާ މައްސަލަ އެ ކްލަބުގެ އެތެރޭގައި ވެސް ވަނީ ބޮޑުވެފައެވެ. އެ މައްސަލައިގެ ތެރެއިން ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީންގެ އިތުބާރު ނެތް ކަމަށް ވެސް އެ ކްލަބުގެ ބޯޑުން މިހާރު ވަނީ ނިންމައިފައެވެ.