ކުރީ ސަރުކާރުގައި ހުއްޓިފައިވާ 64 މަޝްރޫއިން 32 މަޝްރޫއު މިހާރު ފަށައިފި: މިނިސްޓަރު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު-- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުހައްމަދު ޝާތިއު އަބްދުﷲ

ނިމިދިޔަ, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ހުއްޓިފައިވާ 64 މަޝްރޫއުގެ ތެރެއިން 32 މަޝްރޫއުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އިންފްރާންޓަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭން ނިންމުމުގެ ގޮތުން މާލޭގައި ބޭއްވި ޖަލްސާގައި ރައީސް ޞާލިޙު ރޭ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އެ މަނިކުފާނު ވަނީ އެމްޑީޕީގެ ސަރުކާރުން ފެށި ބައެއް މަޝްރޫއުތައް މި ސަރުކާރުން ހުއްޓުވާކަމުގެ ތުހުމަތު ކުރައްވައިފައެވެ.

އެއާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު ހުއްޓިފައިވާ 64 މަޝްރޫއެއް ހުއްޓިފައި އޮތް ކަމަށެވެ.

އެއީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައިވާ މަޝްރޫއުތަކެއް ކަމަށް ވިދާޅުވިއެވެ.

އެ މަޝްރޫއުތަކަކީ މަސައްކަތް ފެށި ހުއްޓިފައިވާ މަޝްރޫއުތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިހާރު އޭގެ ތެރެއިން 32 މަޝްރޫއެއްގެ މަސައްކަތް އަލުން ފަށައިފައިވާނެކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމްޓީސީސީއާއި އާރްޑީސީއާއެކު ސޮއި ކުރެވި މަސައްކަތް ފެށިފައި ނުވާ 83 މަޝްރޫއެއް އަދިވެސް އެބައޮތް ކަމަށެވެ.

މީގެ އިތުރުން ފެނަކައާއި، އެމްޑަބްލިއުއެސްސީ އަދި އަމިއްލަ ބައެއް ކުންފުނިތަކާ ހަވާލުކުރެވިފައިވާ ވަރަށް ގިނަ މަޝްރޫއުތައް ވެސް ހުރީ ނުފެށި ހުއްޓިފައި ކަމަށް ފާހަގަކުރެއްވިއެވެ.

ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ހުއްޓިފައިވާ ހުރިހާ މަޝްރޫއެއް ވީހާ ވެސް އަވަހަކަށް ފެށުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު މިދިޔަ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯއަކަށް ހުންނެވި އާދަމް އާޒިމް، އެމްޑީޕީގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވައެވެ.

ނިމިދިޔަ ސަރުކާރުގައި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ މަޝްރޫއުތަކެއް ފެށި ނަމަވެސް އެންމެ އެކަށީގެންވާ ސްޕީޑުގައި އެ މަސައްކަތްތައް ނުހިނގުމެވެ. ދައުރު ނިމުނުއިރު ގިނަ މަޝްރޫއުތަކެއް ހުރީ ފެށި ގޮތަށް ނުނިންމައެވެ.

comment ކޮމެންޓް