ދުވަސްތަކަކަށް ފަހު ޞާލިޙް: ވިދާޅުވީ މޭޔަރުކަން އޮތީ އެމްޑީޕީ އަތުގައި ކަމަށް

އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު، މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ހެދި ފަދަ 'މިސްޓޭކެއް' މިފަހަރު ނުހެދުމަށް އިލްތިމާސްކުރައްވައި، މާލޭ މޭޔަރުކަމުގެ އިންތިޚާބުން އެމްޑީޕީއަށް ފުރިހަމަ ކާމިޔާބީއެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ޞާލިހު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭން ރަސްމީކޮށް ނިންމުމުގެ ގޮތުން މިރޭ މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު 30ގައި އޮތް ރިޔާސީ އިންތިޚާބުން ލިބިވަޑައިގަތް ނާކާމިޔާބީއަށްފަހު ޕޯޑިއަމެއްގައި އެންމެ ފުރަތަމަ އެ މަނިކުފާނު ވާހަކަދެއްކެވީ މިރެއެވެ.

ޞާލިހު ވިދާޅުވީ، ނިމިިދިޔަ ރިޔާސީ އިންތިޚާބުން ލިބުނު ނާކާމިޔާބީއިން ފިލާވަޅު ނަގައި ދެން މަސައްކަތް ކުރަންވީ މާލޭ މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކުރުމަށް ކަމަށެވެ.

"މިއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން އަތުގައި އޮތް އިންތިޚާބެއް،" ޞާލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު، މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕޭން ޖަލްސާގައި -- ފޮޓޯ/ އެމްޑީޕީ

އެ މަނިކުފާނު ވިދާޅުވީ، އާޒިމަކީ މާލޭގެ މޭޔަރުކަން އެންމެ ފުރިހަމައަށް އަދައިކުރުމުގެ ގާބިލްކަން ހުރި ކެންޑީޑޭޓު ކަމަށެވެ. އޭނާ ވަނީ ހިންގުމުގެ ދާއިރާއިން ނިމިދިޔަ ސަރުކާރުގައި އެ ކަން ރައްޔިތުންނަށް ކަށަވަރުކޮށް ދެއްވައިފައި ކަމަށް ވެސް ޞާލިހު ވިދާޅުވިއެވެ.

ހަމައެއާއެކު އާޒިމް ނިކުންނަވަނީ ތަޞައްވުރަކާއެކީ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ ތަޖުރިބާގައި އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ މި ރާއްޖޭގައި މި ވަގުތު އާދަމް އާޒިމަށްވުރެ މި ފަދަ ކަމެއް ކުރަން އެކަށީގެންވާ އެހެން މީހަކު ނެތް. އަޅުގަނޑުމެންގެ ސަރުކާރުގައި އާދަމްއާ ހަވާލުކުރި ކޮންމެ ކަމެއް ކުރައްވައިފައިވަނީ އެންމެ ފުރިހަމައަށް އެންމެ ރަނގަޅަށް،" ޞާލިހް ވިދާޅުވިއެވެ.

ޞާލިހް ވިދާޅުވީ މިހާރު އޮތް މާލޭ ސިޓީ ކައުންސިލްގައި މީގެ ކުރިން މަސައްކަތް ކުރަމުން އައީ ވަކި ސަރުކާރެއް ހިންގަން ކަމަށެވެ.

އެގޮތުން ކުރިން ކައުންސިލުން މަސައްކަތް ކުރަމުން އައީ ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބިނުދޭ ބާރުތަކެއް "އަތް ދޮށަށް" ގެނައުމަށްކަމަށް ވިދާޅުވިއެވެ.

ނަމަވެސް އާޒިމަކީ ލާމަރުކަޒީ ގާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާނެ ބޭފުޅެއްކަމަށް ޞާލިހު ވިދާޅުވިއެވެ. އަދި އާޒިމް މަސައްކަތްކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް ވިދާޅުވިއެވެ.

"މޭޔަރަކަށް އާދަމް ނިކުމެ އެ ހުންނެވީ ގާނޫނީ ގޮތުން ކައުންސިލަށް މަތިކޮށްފައިހުރި މަސައްކަތްތަކެއް ކުރަން. އިތުރު ސަރުކާރެއް ހަދައިގެން ވަކި ވެރިކަމެއް ކުރާކަށް ނޫން. އަދި ނޫނިއްޔާ މިހާރު މި އޮތް ސަރުކާރަށް ޖެއްސުން ކުރާކަށް ވެސް ނޫން،" ޞާލިހު ވިދާޅުވިއެވެ.

އެއާއެކު މަނިކުފާނު ވިދާޅުވީ މާލޭގެ ކަންކަމަށް ހައްލު ހޯދުމަށް މިއަދު މުހިންމީ އެމްޑީޕީގެ މޭޔަރަކު ހުރުން ކަމަށް ވެސް ވިދާޅުވެފައެވެ.

ގިނަ ދުވަސްތަކަކަށްފަހު ޞާލިހު ސިޔާސީ ހަރަކާތަކުން ފެނިފައިވާއިރު، މިރޭ އެ މަނިކުފާނު ވަނީ އަބަދުވެސް ހުންނަވާނީ އެމްޑީޕީއާއެކުގައި ކަމަށް ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް