މި ސަރުކާރުން ހިންގާ ތަރައްގީގެ އެންމެ ބިޔަ ޕްރޮޖެކްޓު، ފުށިދިއްގަރުފަޅުގައި ކުރިއަށް އޮތް 30 އަހަރާއި 50 އަހަރާ ދެމެދުވެސް ރައްޔިތުންނަށް އާބާދުނުވެވޭނެ ކަމަށް، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު އެރުވުމުގެ ގޮތުން "ރައްޔިތުންގެ ދަރުބާރު" ނަމުގައި މިރޭ ބޭއްވި ކެމްޕެއިން އިވެންޓުގައި އާޒިމްއަށް ވަނީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ.
އެ ސުވާލުތަކަށް ޖަވާބުދެއްވައި އާޒިމް ވިދާޅުވީ، މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އޮތް ހައްލަކީ އުތުރުތިލަފަޅު ތަރައްގީކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ ހިޔާ ފްލެޓާއި ކުދިކުދި ފްލެޓްތައް ދޫކޮށްލާ ރައްޔިތުންނާއި، ދަފުތަރަށް ނިސްބަތްވާ މީހުންނަށް އުތުރުތިލަފަޅު ތަރައްގީކޮށް ދޭން ޖެހޭ ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ތަރައްގީކުރަން ފަށާފައިވާ ގުޅީފަޅާއި ގިރާވަރުފަޅުން މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަން ހައްލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާދަމާ ވެސް ކޮންމެވެސް މީހަކު ވިހާނެ. މާދަމާ ވެސް ކޮންމެވެސް ބަޔަކު އިންނާނެ. ހަމަ އެއިން ކޮންމެ މީހަކު ވެސް ފްލެޓެއް ބޭނުންވާނެ. މިއީ ލަސްކުރެވެން ނެތް ކަމެކޭ. އެހެންވީމަ މި ބުނަނީ މިދިޔަ ސަރުކާރުން ދޭން ބުނި ގޯތިތަކާއި ފްލެޓުތައް އަވަހަށް ދޭށޭ،" މި ސަރުކާރަށް އަމާޒުކޮށް އާޒިމް ވިދާޅުވިއެވެ.
"އެހެންވީމަ ދަފުތަރުގެ ރައްޔިތުންނަށް އުތުރުތިލަފަޅު ތަރައްގީކުރަން މިދިޔަ ސަރުކާރުން ފެއްޓެވި ސިޔާސަތާ އެއްގޮތަށް އަޅުގަނޑު މޭޔަރު ކަމުގައި ހުންނަވައިގެން އެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން،"
މީގެ ކުރިން ވެސް އާޒިމް ވަނީ މި ސަރުކާރުން ކުރިއަށްގެންދާ ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށް ވިދާޅުވެފައެވެ.
އަލަށް ހިއްކާ ތަނެއްގައި މީހުން އާބާދުކުރާނަމަ އެތަނަކަށް ރަނގަޅު ފެނާއި ނަރުދަމާއާއި، ސްކޫލަކާއި، ހޮސްޕިޓަލަކާއި، ވަޒީފާގެ އިތުރުން އެހެނިހެން މުހިންމު ޚިދުމަތްތައް ލިބެން ހުންނަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"ވިސްނާލާ ދޮޅު ގަޑިއެއްހާއިރުން ދަތުރުކޮށްފައި ދާންޖެހޭ ތަނަކުން މާލެއަށް ޚިދުމަތެއް ހޯދަން ދާން ޖެހެންޏާ ވާނެ ގޮތް. ފަށައިގަންނައިރު އެތަނަކު ނުހުންނާނެ ހޮސްޕިޓަލެއް، ސްކޫލެއް، ވަޒީފާއެއް،" އާޒިމް ވިދާޅުވިއެވެ.
"ހުންނާނީ ވެސް އެތަނުގައި ލައްކައެއްހާ މީހުން އާބާދުކުރެވިގެން. މިއުޅެނީ އައްޑޫގައި ވެސް ރަނގަޅު ސިއްޙީ ނިޒާމެއް ގާއިމް ނުކުރެވިގެން. އަދި ކިހިނެއް ހިއްކި ތަނަކުން އެހާ އަވަހަށް އެކަން ކުރާނީ؟"
އާޒިމް ވިދާޅުވީ، ބްރިޖަކުން ގުޅާލެވިފައި އޮންނަ ތަނަކަށް މާލެ ރައްޔިތުންނާއި ދަފުތަރުގެ ރައްޔިތުން ގެންދަން އެމްޑީޕީ ސަރުކާރުން ނިންމީ އެ ސަބަބުުތަކާ ހެދި ކަމަށެވެ.
"މިތާ [އުތުރުތިލަފަޅު] އެބަހުއްޓޭ ގާތްގަނޑަކަށް 800 ހެކްޓަރުގެ ބިން. އެއީ މާލެއާއި ހުޅުމާލެ އެއްކޮށްލީމަ ވާ ވަރަށް ވުރެ ވެސް ބޮޑު ބިމެއް. އެހެންވީމަ ވިސްނާލައްވާ. މިތަނުގަ [މާލޭގައި] ގެދޮރު ނެތިފައި ތިބި މީހުންނަށް އެތަނަށް ގޮސް އުޅެވޭނެ،" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އުތުރުތިލަފަޅަކީ 10 ވަރަކަށް އަހަރުން ތަރައްގީކުރެވި މީހުން އާބާދުވެވޭނެ ތަނެކެވެ.
"ފުށިދިއްގަރުފަޅަށް ގޮސްފިއްޔާ ލާހިކެއް ނޫން 30 އަހަރާ 50 އަހަރާ ދޭތެރޭ މީހުންނަށް އުޅޭކަށް އަދި މީހުން އާބާދުކުރާކަށް. އެހެންވީމަ އަޅުގަނޑުމެންނަށް އޮޅުވާލަން ނޫޅޭށޭ މިބުނަނީ،" އާޒިމް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއްކޮށް ނުނިމެނީސް މި ސަރުކާރުން ފެށި ފުށިދިއްގަރުފަޅުގެ ބޮޑު މަޝްރޫއާ ގުޅިގެން އިދިކޮޅުގެ ގިނަ ފަރާތްތަކުން، ޚާއްސަކޮށް އެމްޑީޕީން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.