މޯދީއަށް ކުޑައިމީސްކުރި ބޭފުޅުންނަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނަން: ސަރުކާރު

ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށް، މީސްމީޑިއާގައި ވާހަކަތައް ފެތުރި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންނަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު އަރުވައިފިއެވެ.

ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އިންޑިއާއާއި އެ ގައުމުގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކޮށް ޕޯސްޓުކުރުމުން ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެ މައްސަލަ ބޮޑުވެފައި އޮއްވައި ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިއާގައި ހާމަކޮށްފައި އެވަނީ ސަރުކާރުގެ ރަސްމީ ސިޔާސަތު ނޫން ކަމަށެވެ. އަދި، އެއީ އެ ބޭބޭފުޅުންގެ އަމިއްލަ ހިޔާލާއި ވިސްނުންފުޅު ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

https://sun.mv/187029

އެ ބަޔާނުގައި ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންވާނީ، ދޭދޭ ގައުމުތަކާ އެކު އޮންނަ ގާތް ގުޅުމަށް ބުރޫނާރައި ފަދަ ގޮތަކަށް، ނަފުރަތާއި ރުޅިވެރިކަން ވެސް ނުފެތުރޭ ފަަދަ ހަމަތަކުގެ ތެރޭގައި ކަމަށެވެ.

"އެފަދަ ފުރައްސާރައިގެ ބަސްތައް ރައްދުކުރާ ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކުން ފަސްނުޖެހޭކަމުގެ ޔަގީންކަން އަރުވަން،" ބަޔާނުގައި ވެއެވެ.

އިންޑިއާގެ ބޮޑުވަޒީރަށް ކުޑައިމީސްކުރި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއާއި އަދި، ނިމުނު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ވެސް ވަނީ އެ މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައިފައެވެ.

ރާއްޖެއާއި އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ލަކްޝަދުވީޕާ އަޅައިބަލައި، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދާދި ފަހުން ލަކްޝަދުވީޕަށް ވަޑައިގެންނެވިކަން އެކްސްގައި ހާމަކުރެއްވި ފަހުންނެވެ.

https://sun.mv/187053

މޯދީގެ ސަރުކާރަށް ތާއިދުކުރާ އެކައުންޓުތަކުން ވަނީ، އެއީ އިންޑިއާގެ ފަތުރުވެރިން ރާއްޖޭގެ ބަދަލުގައި ލަކްޝަދުވީޕްއަށް ދިޔުމަށް ބޮޑުވަޒީރު ގޮވާލެއްވުމުގެ ގޮތުގައި ސިފަކޮށްފައެވެ. އަދި، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ކަމަށް ބައެއް މީހުން ލަފާކޮށްފައިވެއެވެ.

އެ ކެމްޕެއިން ގުޅުވާފައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަށް ގޮވާލައި ކުރިއަށްގެންދިޔަ 'އިންޑިއާ އައުޓް' ހަރަކާތާއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެ ހަރަކާތުގެ މަގުސަދު ފުއްދަވައި، އިންޑިއާ ސިފައިން ފޮނުވާލާނެ ކަމުގެ ރިޔާސީ ވައުދުފުޅާ އެކުގައެވެ. މި ސަރުކާރުން ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެ ގައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް އިންޑިއާއިންނެވެ. އެއީ ޖުމްލަ 209،198 ފަތުރުވެރިންނެވެ.

comment ކޮމެންޓް