މޯދީއަށް ކުޑައިމީސްކުރުން، ސަރުކާރު ކޯލިޝަންގައި އޮތް އެމްއެންޕީން ކުށްވެރިކޮށްފި

ޕީޕީއެމް/ޕީއެންސީއާ އެކު އެމްއެންޕީން ކޯލިޝަން އެއްބަސްވުން ހެދުން -- ފޮޓޯ/ ޕީޕީއެމް

ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންތަކެއް، އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކުރާތީ، ސަރުކާރު ކޯލިޝަންގައި އޮތް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން އެކަން ކުށްވެރިކޮށްފިއެވެ.

އިންޑިއާއިން، އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާ އެކު، މީސްމީޑިއާގައި ބައެއް ދިވެހީންނާއި އިންޑިއާ މީހުން އަންނަނީ އަރައިރުންވަމުންނެވެ.

އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ މޯދީއަށް ފުރައްސާރަކޮށް އެކްސްގައި ވާހަކަދައްކަވާފައެވެ.

އެކަމާ ގުޅިގެން އެމްއެންޕީން މިއަދު އެކްސްގަ ކުރި ޕޯސްޓެއްގައި ބުނީ، ބޭރު ގައުމެއްގެ ވެރިޔަކާ މެދު ސަރުކާރުގެ އޮފިޝަލަކު ދެއްކެވި ޒާތީ އަދި އިހާނެތި ވާހަކަތައް އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.

އަދި މިއީ އެ ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، މިކަމުގައި ޝާމިލުވި ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ލަކްޝަދުވީޕާއި ރާއްޖެއާ އަޅައިބަލައި، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދާދި ފަހުން ލަކްޝަދުވީޕަށް ވަޑައިގެންނެވިކަން އެކްސްގައި ހާމަކުރެއްވި ފަހުންނެވެ.

މޯދީގެ ސަރުކާރަށް ތާއިދުކުރާ އެކައުންޓުތަކުން ވަނީ، އެއީ އިންޑިއާގެ ފަތުރުވެރިން ރާއްޖޭގެ ބަދަލުގައި ލަކްޝަދުވީޕްއަށް ދިޔުމަށް ބޮޑުވަޒީރު ގޮވާލެއްވުމުގެ ގޮތުގައި ސިފަކޮށްފައެވެ. އަދި، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ކަމަށް ބައެއް މީހުން ލަފާކޮށްފައިވެއެވެ.

އެ ކެމްޕެއިން ގުޅުވާފައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަށް ގޮވާލައި ކުރިއަށްގެންދިޔަ 'އިންޑިއާ އައުޓް' ހަރަކާތާއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެ ހަރަކާތުގެ މަގުސަދު ފުއްދަވައި، އިންޑިއާ ސިފައިން ފޮނުވާލާނެ ކަމުގެ ރިޔާސީ ވައުދުފުޅާ އެކުގައެވެ. މި ސަރުކާރުން ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެ ގައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ.

comment ކޮމެންޓް