ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ލަފާ ދިނުމަށް މި ސަރުކާރުން އެކުލަވާލަން ނިންމާފައިވާ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑަކީ ގައުމު ބިނާކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި ފިކުރާއި އުންމީދުތަކާ ގުޅޭ ގޮތުން ރައީސަށް ލަފާދޭނެ ބޯޑެއް ކަމަށެވެ.
މިއަދު ހުޅުވާލީ އެ ބޯޑުގައި ހިމެނޭ ދެ ދާއިރާއަކުން ހަތަރު ޖާގައަކަށް ކުރިމަތިލުމަށެވެ. އެއީ ކޮންމެ ދާއިރާއަކުން އަންހެނަކާއި ފިރިހެނަކަށް ފުރުސަތު ލިބޭ ގޮތަށެވެ.
އެއީ ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ/ ސިވިލް ސޮސައިޓީ ދާއިރާއިންނެވެ.
އެ ބޯޑުގެ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވަނީ ދިވެއްސަކަށް ވުމާއި އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމެވެ. އަދި އެ މީހަކު ތަމްސީލުކުރާ ދާއިރާއާ ގުޅޭ ފަންނީ ގާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވުމާއި ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ އިއުލާނުގައިވާ ގޮތުން ބޯޑަށް ކުރިމަތިލުމަށް ފުރަން ޖެހެނީ ގޫގުލް ފޯމެކެވެ. އަދި އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން ފޯމު ހުށަހަޅަން ވާނެ ކަމަށް އިއުލާނުގައިވެއެވެ.
މީގެ އިތުރުން އެކަމާ ގުޅޭ އިތުރު މައުލޫމާތު 3347400އަށް ގުޅުމުން ލިބޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާ އަރުވާ ބޯޑެއް އެކުލަވާލައްވަން އެ މަނިކުފާނު ނިންމަވާފައިވާކަން ސަރުކާރުން އިއުލާން ކުރީ މިދިޔަ މަހުގެ 25ގައެވެ. އެ ބޯޑުގައި ތިބޭނީ 15 މެންބަރުން ކަމަށާއި ކޮންމެ ތިން މަހުން އެއްމަހު އެ ބޯޑުގެ ޗެއާކަން ކުރައްވާނީ ރައީސް ކަމަށް އޭރު ސަރުކާރުން އިއުލާންކޮށްފައިވެއެވެ.