ތިލަމާލެ ބުރިޖު އަވަސްކޮށްދޭން މޯދީ އަރިހު އެދެފިން: ރައީސް

ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުން: އެ ބައްދަލުކުރެއްވުމުގައި ތިލަމާލެ ބުރިޖުގެ މަޝްރޫއު އަވަސްކުރަން އެދިލެއްވިން ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ އެފްކޯންސް ކުންފުންޏާ ހަވާލުކޮށްގެން މިދިޔަ ސަރުކާރުން ފަށާފައިވާ ތިލަމާލެ ބުރިޖުގެ މަޝްރޫއު އަވަސްކޮށްދޭން، އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ތިލަމާލެ ބުރިޖުގެ މަޝްރޫއު ފެށީ އިންޑިއާއިން ލޯނު ނަގައިގެންނާއި އެ ގައުމުން ލިބުނު ހިލޭ އެހީގެ ދަށުންނެވެ. އެފްކޯންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ވަނީ ވަރަށް ބޮޑަށް ލަސްވެ، ދިގުލައިގެން ގޮސްފައެވެ. އެކަމަކު، ކުރީ ސަރުކާރުން ވަނީ ވެރިކަމުގެ އެންމެ ފަހު ވަގުތު، އެ މަޝްރޫއުގެ އެއްބަސްވުން ދިގުދަންމާލައިފައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ އަޑަށް 61 އަހަރު ފުރުން ފާހަގަކުރަން މިއަދު ހެނދުނު ބޭއްވި ހާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ތިލަމާލެ ބުރިޖުގެ މަޝްރޫއު 2026 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2027 ވަނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ކޮޕް 28 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުވުމުން، އެ ދުވަހު ވެސް ތިލަމާލެ ބުރިޖުގެ މަޝްރޫއު އަވަސްކޮށްދޭން އެދިވަޑައިގެންފައިވާނެ ކަމަށެވެ. މަޝްރޫއު ކަންކަން ދިމާވެފައި ހުރި ގޮތުން ހަމައެކަނި ދިވެހި ސަރުކާރަށް މަޝްރޫއު އަވަސްކުރެވެން ނެތްކަން ވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

"ބޮޑު ވަޒީރާ ބައްދަލުވި ބައްދަލުވުމުގައި ރަސްމީކޮށް އަޅުގަނޑު ދެންނެވިން މި ބުރިޖު މަޝްރޫއު އަވަސްކުރަން ބޭނުންވޭ. ދެ ގައުމަށް ވެސް އެންމެ ފައިދާހުރި ކަމަކަށް ވާނީ އެގޮތޭ،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެހާ ދުވަސް ނަގާވަރު ކަމެއް ކަމަކަށް. އެންމެ ކުޑަމިނުން ވިލިނގިއްޔާ ހަމައަށް 24 ނިމެންވާއިރަށް ނުވަތަ 25ގެ ކުރީކޮޅު ނިންމުނަސް ވަރަށް ބޮޑުވަރުވީ،"

ދިވެހިރާއްޖޭގެ އަޑުގައި އޮތް ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު -- ފޮޓޯ/ ދައުކަތުގެ މީޑިއާ

މީގެ ކުރިން ރާއްޖޭގައި އެޅި ފުރަތަމަ ބުރިޖު ސިނަމާލެ ބުރިޖު އެޅުއްވިއިރު އެކަމުގައި އެންމެ އިސްކޮށް ހައުސިން މިނިސްޓަރަކަށް ހުންނެވި ރައީސް މުއިއްޒު މިއަދު ވިދާޅުވީ، އަމާޒަކީ ސިނަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތަށް ހަލުވި ދުވެލީގައި މި ބުރިޖުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުން ކަމަށެވެ.

އެކަމަކު، ކުރީ ސަރުކާރުގައި އެ މަޝްރޫއު ކުރިއަށް ގެންދިޔައިރު، ބައެއް މަސައްކަތްތައް ގޮސްފައިހުރީ މާ ބޮޑަށް ލަސްކޮށްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

"ތަނބުތައް ޖެހުމުގައި ދޮޅު އަހަރެއްހާ ދުވަސް ދިޔަކަމަށް ރަނގަޅަށް އެ ބޭފުޅުންނަށް ސްޓާޓް ނުކުރެވިގެން. ދޮޅު އަހަރެއްހާ ދުވަސް ތަނބުތައް ޖަހަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ދެން އޮތީ ބާރު ސްޕީޑުގައި ދާގޮތަށް، އެކަމަކު އެއަށްވުރެ ބާރަށް ވެސް ކުރެވޭނޭ،"

ރައީސް ވިދާޅުވީ މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޮޑަށް ގަބޫލުކުރެއްވެނީ 2026 ވަނަ އަހަރު ކަމަށެވެ. އެކަމަކު، އެ މަނިކުފާނު ބޭނުންފުޅުވަނީ 2025 ވަނަ އަހަރުގެ ކުރީކޮޅަށް އެ މަޝްރޫއު އެއްކޮށް ނިންމައިލަންކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

https://sun.mv/185113

އަސްލު އެ ބުރިޖުގެ މަޝްރޫއު ނިންމަން އެއްބަސްވީ އަންނަ އަހަރުގެ ނިޔަލަށެވެ. އެކަމަކު، ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު ސޮއިކުރި އާ އެއްބަސްވުމުގައި ވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30ގެ ނިޔަލަށް އެ މަޝްރޫއު ނިންމަން ޖެހޭ ތާރީޚު ފަސްކޮށްލައިފައެވެ.

އަދި، 2025 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ވިލިމާލެއާއި މާލެ ގުޅައިލަން އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް ވެސް އާ ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ތިލަމާލެ ބުރިޖުގެ މިހާތަނަށް ނިމިފައިވަނީ އެންމެ 29 އިންސައްތަ މަސައްކަތެވެ.

ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

ކުރީ ސަރުކާރުން ވެސް ވަނީ ތިލަމާލެ ބުރިޖުގެ މަޝްރޫއު ލަސް ކަމަށް އެއްބަސްވެފައެވެ.

comment ކޮމެންޓް