މެންބަރުން ގަންނަން ރިޝްވަތެއް ހުށައެއްނާޅަން: ސަރުކާރު

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ މަޖިލިސް މެންބަރުން ގަތުމަށް ސަރުކާރުން ރިޝްވަތު ހުށަހަޅަމުން އަންނަ ކަމަށް އެ ޕާޓީއިން ކުރާ ތުހުމަތު ސަރުކާރުން ދޮގުކޮށްފިއެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންތަކެއް ޕީއެންސީއަށް ބަދަލުވާކަމުގެ އަޑުތައް މިވަނީ ވަރަށް ގަދަވެފައެވެ. އަދި މިރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް ޕީއެންސީއިން ދަރުބާރުގޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މިރޭ ސޮއި ކުރާނެކަން ވަނީ އެނގިފައެވެ.

https://sun.mv/186660

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް ނޫސް ވެބްސައިޓްތައް ބްލޮކް ކުރުމާ ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން، އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ މިހާރު ރާއްޖެ މިދަނީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ވަރަށް ބިރުވެރި، ނާމާން މިސްރާބަކަށް ކަމަށެވެ. މަޖިލީހުގެ މެންބަރުން އިންތިޚާބު ކާމިޔާބު ކުރުމަށް ރައްޔިތުންގެ ގާތުގައި ވީ އެންމެ ބޮޑު ވައުދަކީ ޕާޓީ ބަދަލު ނުކުރުން ކަމަށާއި ނަމަވެސް މެންބަރުން ގަތުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ޑރ. މުޙައްމަދު މުއިއްޒު އެ މަނިކުފާނުގެ އެންމެ ފުރަތަމަ މަހު ވެސް މި ހަޑިމުޑުދާރު ކުޅިވަރު. މެންބަރުން ގަނެ ވިއްކާ. މި ރައްޔިތުންގެ މަޖިލިސް ހަރާބުގެ މަގަށް ގެންދިއުމުގެ ހަޑި މުޑުދާރު ކުޅިވަރު ފައްޓަވައިފި ކަމުގެ މަލަމަތި ވެސް އެ މަނިކުފާން ދައްކަވައިފި،" މީކާއީލް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން "ސަން" އިން ސުވާލު ކުރުމުން ސަރުކާރުގެ އިސް ތަރުޖަމާން މުޙައްމަދު ޝަހީބު ވިދާޅުވީ ސަރުކާރުން ރިޝްވަތު ދީގެން މެންބަރުން ގަންނަ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ އިސް މެންބަރަކު "ސަން"އަށް ވިދާޅުވީ، އެ ޕާޓީގެ "ހަޔެއްކަ" މަޖިލިސް މެންބަރުން ޕީއެންސީއަށް ސޮއިކުރަން ނިންމާފައިވާ ކަމަށާއި މިރޭ ޕީޕީއެމް، ޕީއެންސީން ބާއްވާ ޖަލްސާއެއްގައި އެ މެންބަރުން ސޮއިކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ޕީއެންސީގެ އިސް މެންބަރަކު "ސަން"އަށް ވިދާޅުވި ގޮތުގައި އެމްޑީޕީން އެ ޕާޓީއަށް 12 މެންބަރުން ސޮއިކުރާނެއެވެ.

ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް މިހާތަނަށް ކަށަވަރުވެފައިނުވެއެވެ.

comment ކޮމެންޓް