ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލަން ހުށަހަޅައިފި

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް: އޭނާ ވަނީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވައިލަން ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވައިލަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް މިއަދު ބިލެއް ހުށަހަޅުއްވައިފިއެވެ.

ސަލީމް ވަނީ، އެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާ ވަގުތުން ފެށިގެން ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވައިލަން ހުށަހަޅުއްވައިފައެވެ.

އެ ބިލު ހުށަހަޅުއްވަމުން ސަލީމް ވިދާޅުވެފައިވަނީ، ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަކީ އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން އެކުލަވައިލާފައިވާ ގާނޫނެއް ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ގާނޫނު އޮތް ގޮތުން ވަޒީރުންނާ ސުވާލުކުރުމުގެ ހައްގު ހަނިވާ ކަމަށެވެ.

އަދި، މަޖިލީހުގެ ގަވާއިދުގެ 21 ވަނަ ބާބުގައި ވަޒީރުންނާ ސުވާލު ކުރާނެ ގޮތުގެ އުސޫލެއް ބަޔާންކޮށްފައިވާތީ، މިހާރު ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނެއް ބޭނުންނުވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

"މިހާރު އަމަލުކުރެވެމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 21 ވަނަ ބާބުގައި ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތައް ވެސް ބަޔާންކޮށްފައިވާއިރު، އެހެން ކަމުން މިހާރު އެ ގާނޫނަކީ ބޭނުން ހިފޭ ގާނޫނެއް ނޫން،" ސަލީމް ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2005 ވަނަ އަހަރު އެކުލަވައިލާފައިވާ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަށް އޭގެ ފަހުން އެއްވެސް އިސްލާހެއް ވެސް ގެނެސްފައެއް ނުވެއެވެ.

comment ކޮމެންޓް