ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި ހަތަރު މީހުން ވެސް ސަލާމަތްވެއްޖެ

ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުން: އެ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިއަދު ވަނީ ހުކުމް ކޮށްފަ ---

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް މަރާލިކަން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ސާބިތުނުވިއިރު، އެ މައްސަލައާ ގުޅިގެން ދައުވާ އުފުލި އަނެއް ތިން މީހުން ވެސް ސަލާމަތް ވެއްޖެއެވެ.

ނަދީމަށް ވަޅިން ހަމަލާ ދީފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. ނަދީމް މަރުވެފައި ވަނީ، ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ކުރަނިކޮށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އޭގެ ދެ ދުވަސް ފަހުންނެވެ.

އެ މައްސަލާގައި މަފާޒުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށީ ހަވާސް، މުޙައްމަދު ކަރަމް ސުލައިހުގެ އިތުރުން ލ. ގަން، ވިދާތަރި ޢަލީ ނިފާޒުގެ މައްޗަށެވެ. އެ ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލި ތިން މީހުން ---

އެހެން ނަމަވެސް އެ ތިން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

ނަދީމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ހެކިބަސް ދިން ބައެއް މީހުން ވަނީ ހެކިބަސް އަނބުރާ ގެންގޮސްފައެވެ. އަދި ބައެއް ހެކިވެރިން ވަނީ ހެކިބަސް ދިނުމަށް އުޒުރުވެރި ވެސް ވެފައެވެ.

މީގެ ކުރިން އެ މައްސަލައިގައި ދުއުލަތުން ހުށަހެޅި ބައެއް ހެކިވެރިން ހެކިބަސް ދިންފަހުން މާލޭގައި ވަނީ ސިލްސިލާ މާރާމާރީތަކެއް ވެސް ހިންގާފައެވެ. ހެކިބަސް ދިނުމާ އެ މާރާމާރީތަކާ ގުޅިފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ.

comment ކޮމެންޓް