ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް މަރާލިކަމުގެ ދައުވާ އުފުލި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ނަދީމަށް ވަޅިން ހަމަލާ ދީފައިވަނީ 2017ވަނަ އަހަރުގެ ޖުލައި މަހުގެ 27ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. ނަދީމް މަރުވެފައިވަނީ، ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ.
ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ:
- ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް - (ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ)
- ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިން - (ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ)
- ގއ. ގެމަނަފުށީ ހަވާސް، މުޙައްމަދު ކަރަމް ސުލައިހް - (ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ)
- ލ. ގަން، ވިދާތަރި ޢަލީ ނިފާޒް މައްޗަށެވެ. - (ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ)
ހަތަރު މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާން، އަދި ޕަބްލިކް ޕްރޮސެކިއުޓާ އަޙްމަދު ޝަފީއު މިއަދު "ސަން"އަށް ވިދާޅުވީ, ނަދީމުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިހާރު އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
ނަދީމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ހެކިބަސް ދިން ބައެއް މީހުން ވަނީ ހެކިބަސް އަނބުރާ ގެންގޮސްފައެވެ. އަދި ބައެއް ހެކިވެރިން ވަނީ ހެކިބަސް ދިނުމަށް އުޒުރުވެރި ވެސް ވެފައެވެ.
ކުރިން މި މައްސަލައިގައި ދުއުލަތުން ހުށަހެޅި ބައެއް ހެކިވެރިން ހެކިބަސް ދިންފަހުން މާލޭގައި ވަނީ ސިލްސިލާ މާރާމާރީތަކެއް ވެސް ހިންގާފައެވެ. ހެކިބަސް ދިނުމާ އެ މާރާމާރީތަކާ ގުޅިފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ.