ލ. ފޮނަދޫގައި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަސަން އުއްލާގެ ކަރުބުރިކޮށްލައި މަރާލި މައްސަލައިގައި ދައުވާ ސާބިތުނުވި ބިދޭސީންގެ އިސްތިއުނާފު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ.
މުހައްމަދު އަސަން އުއްލާ މަރާލައިފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން އުޅޭތާ ދެ ދުވަސް ފަހުން މާޗު 30، 2017 ވަނަ ދުވަހު ފޮނަދޫ ގޮނޑުދޮށުންނެވެ. ފުލުހުން ކުރި ތަހުގީގުން އޭނާ މަރާލައިފާވަނީ އޭގެ ފަސް ދުވަސް ކުރިން އެ މަހުގެ 26 ވަނަ ދުވަހުކަން އެނގުނެވެ.
އެ މައްސަލައިގައި ދައުލަތުން ޖުމުލަ އަށް ބިދޭސީއެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އޭގެ ތެރެއިން އެކަކުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއިރު، ބާކީ ހަތް މީހުންގެ މައްޗަށް ވެސް އުފުލީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގައި ޖެނުއަރީ 25، 2023 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އަށް ބިދޭސީންގެ މައްޗަށް ވެސް ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައިފައެވެ. އެކަމަކު، ޕީޖީ އޮފީހުން ވަނީ އެ މައްސަލައިގައި ހިމެނޭ ހަ މީހެއްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެއީ:
- އަބޫ ކަލަމް/ ބަންގްލަދޭޝް (ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ)
- ރޮބެލް މިއާ/ ބަންގްލަދޭޝް
- މުހައްމަދު ސުމޮން މިއާ/ ބަންގްލަދޭޝް
- ޕަރުވެޒް/ ބަންގްލަދޭޝް
- ދީން އިސްލާމް/ ބަންގްލަދޭޝް
- އަލް އަމީން/ ބަންގްލަދޭޝް
އެކަމަކު، ޕީޖީ އޮފީހުން މައްސަލަ މުރާޖާ ކުރުމަށް ފަހު، އިސްތިއުނާފު ބާތިލުކޮށްދޭން މިދިޔަ ހޯމަ ދުވަހު ވަނީ ހައިކޯޓުގައި އެދިފައެވެ. އެހެންވެ، އަންގާރަ ދުވަހު ހައިކޯޓުން ވަނީ އެ މައްސަލަ ބާތިލުކޮށް، އެ މީހުން ޑީޕޯޓުކުރުން ހުއްޓުވުމުގެ އަމުރު ވެސް ވަނީ ބާތިލުކޮށްފައެވެ.
ހުކުމުގައި ވާގޮތުން، އިސްތިއުނާފު ބާތިލުކުރަން ދައުލަތުން އެދުނީ، މައްސަލަ ރައްދުވަނީ ބިދޭސީންތަކަކަށްވެފައި، އެ މީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީއާއި، މައްސަލައިގައި ލިބިފައިވާ ހެއްކަށް ބަލާއިރު، މައްސަލަ ކުރިއަށް ގެންދިއުމުގެ މަސްލަހަތު ނެތުމުންނެވެ.
މާޗު 26، 2017 ވީ ދުވަހު، އަސަން އުއްލާ މަރާލާފައިވަނީ ފޮނަދޫ ފިނިމަގުގައި ބައިސްކަލެއްގައި އިންދާ، އަބޫ ކަލަމް ހަމަލާދީގެން ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ.
ހަމަލާ ދިނުމަށްފަހު އެ ރަށު ފިނިމަގު އަތިރިމައްޗަށް ދެން ދައުވާ އުފުލާފައިވާ ހަތް މީހުންނާއެކު އަސަން އުސްލާ ގެންގޮސް އޭނާގެ ކަރަށް ވަޅިން ހަމަލާދީ އަބޫކަލަމް އޭނާގެ ކަރު ބުރިކޮށްލާފައިވާ ކަމަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވެއެވެ.