ވެބްސައިޓުތައް ބްލޮކްކުރުމަކީ ޚިޔާލުފާޅުކުރުން ހަނިކުރުން: ޑިމޮކްރެޓްސް

ދި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު: ޑިމޮކްރެޓްސްއިން ވަނީ ވެބްސައިޓުތައް ބްލޮކްކުރުން ކުށްވެރިކޮށްގައި -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރާ ދެކޮޅު ދެ ވެބްސައިޓެއް ބްލޮކްކުރުމަކީ ހިޔާލުފާޅުކުރުމާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ހުރަސްއެޅުން ކަމަށް ބުނެ ދަ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަރުކާރާ ދެކޮޅަށް ހިޔާލުފާޅުކުރަމުންދިޔަ ދެ ވެބްސައިޓެއް ސަރުކާރުން ރޭ ވަނީ ބަންދުކޮށްފައެވެ. އެ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް މިހާރު ވަނީ ބްލޮކްކޮށްފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޚަބަރު ގެނެސްދޭ އޮންލައިންކޮށް ހިންގާ ދެ ނޫހެއް ސަރުކާރުން ބްލޮކްކޮށް، އެ އޮންލައިން ނޫސްތަކަށް ނުވަދެވޭގޮތް ހަދާފައިވާތީ، އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ސަރުކާރުން ރޭ ބްލޮކްކުރި ދެ ވެބްސައިޓަކީ:

މިއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކެއް ނޫނެވެ. އެކަމަކު، ދެ ވެބްސައިޓުގައި ވެސް ގެންދަނީ ސަރުކާރާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށް، ލިޔުންތައް ޝާޢިއުކުރަމުންނެވެ.

https://sun.mv/186403

މި ދެ އޮންލައިން ނޫސްތައް ބްލޮކްކުރި ސަބަބެއް ސަރުކާރުން ސާފުކޮށް ބުނެދީފައެއް ނުވެއެވެ. މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަދި އިންޓަނެޓް ސެންސާޝިޕްގެ އަމަލެއްކަމަށް ދަ ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަމެއްގެ މުލުގައިވާ ބާރެވެ. އެހެންކަމުން މި ބާރު ނުވަތަ މި ހައްގު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް މި ޕާޓީން އިލްތިމާސްކުރަމެވެ،" ޑިމޮކްރެޓްސްއިން ބުންޏެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ތަންތަން މޮނިޓާ ކުރާ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) މިހާރު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާނަންސް އެންޑް ޕަބްލިކް ވޯކްސްގެ ދަށުގައެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއް ވެސް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށެވެ.

https://sun.mv/186402

"ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ތަރުޖަމާނު ވިދާޅުވިއެވެ.

ވެބްސައިޓުތައް ބްލޮކްކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް