ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގެން ރަނގަޅަށް ސަރުކާރު އެކުލަވައިނުލެވި އުޅެނިކޮށް އަޒުލުކޮށް މަގާމުން ދުރުކުރުމުގެ ވާހަކަދެއްކުމަކީ 'ހަޑިހުތުރު'ކަމެއް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސާއި ނައިބު ރައީސް އަޒުލުކުރަން ފަސޭހަވާ ގޮތަށް އާންމު ކޮމިޓީން ވަނީ ތިން އިސްލާހެއް ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.
އެ މައްސަލައިގައި ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވަނީ މަޖިލީހުން މި ވަގުތު ކުރަން އޮތް އެންމެ މުހިއްމު މަސައްކަތަކީ ރައީސް އަޒުލުކުރުން ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ރައީސް އަޒުލުކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ބަހުސްގެ ވަގުތުގައި އެ ކަމަށް އިޝާރާތްކުރައްވައި މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، ވަޒީރުންނަށް ރުހުންދޭން ވުޒާރާތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެނގެން ނުޖެހޭނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ގާނޫނު އަސާސީގައި ވަޒީރުންގެ ޝަރުތުތައް ބަޔާންކުރާއިރު، ވަޒީރުންގެ މަޖިލީހަށް ރުހުންދިނުމަކީ މެންބަރުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އޭގެ ފަހުން އެއްވެސް މިނިސްޓަރަކު ގޯހެއް ހަދާ ކަމަށް ވާނަމަ އެކަމާ މެދު އަޅުގަނޑުމެންނަށް ސުވާލުކޮށް، ޒިންމާދާރުކުރުވަން ނުވަތަ ސުވާލުކުރުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް ނޯ ކޮންފިޑެންސް ވޯޓެއް ނެގިދާނެ،" ގާސިމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްގެން އަޒުލުކުރަން ފަސޭހަވާނެ ގޮތަށް ގަވާއިދު ބަދަލުކޮށްގެން އެ މަސައްކަތްކުރުމަކީ 'ހަޑިހުތުރު' ކަމެއް ކަމަށެވެ.
"ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި އެ ވަނީ މެންބަރުންގެ އަދަދު ކަނޑައަޅާފައި. އެހެންވީމާ މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލަކުން އެ ކަމެއް ނުކުރެއްވޭނެ،" ނިމުނު ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވައި ނާކާމިޔާބުވީ ގާސިމް ވިދާޅުވިއެވެ.
"މިއަދު އެމްޑީޕީގައި މެޖޯރިޓީ އޮތީމާ ތި ބޭފުޅުން މަޖިލީހުގެ ގަވާއިދަށް އެގޮތަށް އެކަން ކުރައްވައިފިނަމަ ވަރަށް ހަޑިހުތުރު ކަމެއް. އެމްޑީޕީއަށް ވެރިކަން ނުލިބުނީމާ ރައީސުލްޖުމްހޫރިއްޔާކަމަށް އައި ބޭފުޅަކު ނައިބާ އެއްކޮށް މަގާމުން އަޒުލުކުރަން އެކަން ކުރަން ވިސްނުމެއް އޮތްކަމަށް ޕަބްލިކްގެ ތެރޭގައި ވާހަކަދެކެވުމުގެ ޖާގަ އެބަ ލިބޭ،"
އެހެންވެ، އެ މަނިކުފާނު ވަނީ އަޒުލުކުރުމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރާނަމަ ހުއްޓައިލަން ގޮވާލައްވައިފައެވެ.
ގާސިމް ވިދާޅުވީ، މި ވަގުތު ސަރުކާރުން ކުރަން އޮތް އެންމެ މުހިއްމު މަސައްކަތަކީ ވަޒީރުންގެ މަޖިލީހަށް ރުހުންދިނުން ކަމަށެވެ. އެ މަސައްކަތް އަވަސްކުރަން އެ މަނިކުފަނު ވަނީ ގޮވާލައްވައިފައެވެ.
"އެހެންވެ، އަޅުގަނޑު ދަންނަވަން އެކަން [އަޒުލުކުރުމުގެ ވާހަކަ] ހުއްޓައިލައްވާށޭ، ވަގުތުން މިހާރުން މިހާރަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮމިޓީން ފާސްކޮށް ތަޅުމަށް ހުށަހެޅި އިސްލާހު
ކޮމިޓީއަށް ވަނީ މައިގަނޑު ތިން މާއްދާއެއް އިސްލާހުކުރަން ފާސްކޮށްފައެވެ. އެއީ، ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް މަޖިލީހުގެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހާއި، ޝިފާއު މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހެވެ. އެއީ:
- ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސާއި ނައިބު ރައީސަށް ދިނުން އަދި 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ ފުރަތަމަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހެޅުން
- ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު
- އެ މައްސަލަ ތަޅުމުން ފާސްވުމުން ފޮނުވަން ޖެހޭ ކޮމިޓީގައި ކުރިން ތިބެން ޖެހޭ ކަމަށް ބަޔާންކުރާ 11 މެންބަރުންގެ އަދަދު ހަތަކަށް މަދުކުރުން
- އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީއެއް ތަމުސީލުވާން ނުޖެހޭ ގޮތް ހެދުން
ޝިފާއު ހުށަހެޅުއްވީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރުގައި އިސްތިއުފާ ދެއްވާފައިވާ މެންބަރުން ނުގުނައި ގޮތަށެވެ. އޭރުން، މަޖިލީހުގެ މި ދައުރުގެ ބާކީ އޮތް ބައިގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެއީ، ސަރުކާރުގެ މަގާމުތަކާ ހަވާލުވާން ހަތް މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެކަމަކު، ގާނޫނު އަސާސީގައި މެންބަރުންގެ އަދަދު ބަޔާންކުރާއިރު، ގަވާއިދަށް ގެންނަ އިސްލާހަކުން މެންބަރުންގެ އަދަދަށް ބަދަލުނުގެނެވޭނެ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.
މަޖިލީހުން މި އިސްލާހު ފާސްވެއްޖެ ނަމަ، މެޖޯރިޓީ ޕާޓީ އެމްޑީޕީން އެކަނި ވެސް ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެއެވެ.