ރައީސްގެ ދަތުރު ޚަރަދު އެ ހާމަކުރީ، ޚަރަދު ހޯދަން ފަހައި ދުވުމެއް ދެން ނޯންނާނެ

ރައީސްގެ ފުރަތަމަ ރަސްމީ ދަތުރުފުޅަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މީގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުުރުފުޅުތަކަށް ކުރާ ޚަރަދުގެ ތަފްސީލު ނޫސްވެރިން ނުވަަތަ އާންމު ރައްޔިތަކު ހޯދަން ބޭނުންނަމަ ޖެހެނީ އާރްޓީއައި ފޯމު ހުށަހަޅާށެވެ.

އެ ފޯމު ހުށަހަޅައިގެން ޖަވާބެއް ލިބުމާ ހަމައަށް މަސްދުވަހެއް ހޭދަވާއިރު، ބައެއް ހާލަތްތަކުގައި ޖަވާބު ނުދީ ހިފަހައްޓައެވެ. އެހެންވެ އެ ފަދަ ފަހަރުތަކުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މައްސަލަ އިސްތިއުނާފްކުރުމާއި އެކި މަރުހަލާތައް ކަޑައްތުކޮށް، އެތައް ތަކުލީފެއް އުފުލަންޖެހެއެވެ.

މިހައި ދަތީގެ ތެރެއިން ކަންކުރުން ނޫން އެހެން ގޮތެއް ނެތި އޮއްވައި ރާއްޖެއިން ބޭރަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދިވެހި ދައުލަތުން ކުރާ ޚަރަދުގެ ތަފްސީލް 15 ދުވަހުގެ ތެރޭ ހާމަކުރައްވާނެކަމަށް އާ ސަރުކާރުން ނިންމެެވުމާއެކު މިއީ ސަރުކާރު ފަހަތުން ބުނެ ކިޔައިގެން މައުލޫމާތު ހޯދުމުހެ ސަގާފަތަށް ނިމުން އައި ކަމެކެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއް -- ފޮޓޯ/ ރައީސް އޮފީސް

މިއީ ގޮތް ނޭނގޭ ޚަރަދުތަކާއި، މާލީ ވައްކަންތައް ނިމުމަކަށް ގެނައުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާއާ ހަމައިން އެޅުއްވި އެންމެ ފުރަތަމަ ފިޔަވަޅެވެ. މިއީ މިފަދަ ސިޔާސަތެއް ތަންފީޒުކުރަން ފެށި އެންމެ ފުރަތަމަ ސަރުކާރެވެ.

https://sun.mv/185544

އެގޮތުން ރައީސް ޑރ. މުއިއްޒު ތުރުކީއަށާއި ދުބާއީއަށް ކުރެއްވި ރަސްމީ ދަތުުރުފުޅު ނިންމަވައި ރާއްޖެ ވަޑައިގަތްތާ މިއަދަށް 11 ދުވަސް ވެފައިވާއިރު ރައީސް އޮފީހުން ވަނީ ދަތުރުފުޅުތަކުގެ ތަފްސީލް ހާމަކޮށްފައެވެ.

މިއީ، ކޮރަޕްޝަނާއި، އެ ނޫން ކަންކަމަށް ހުޅުވިފައި އޮންނަ މަގު ހަނިވެ، ދެފުށް ފެންނަ ނިޒާމަކުން ކަންކަން ހިނގަން ފަހިވާނެ ކަމެކެވެ.

ގާނޫނީ ވަކީލް މުޙައްމަދު ނިޝާން ވިދާޅުވި ގޮތުގައި ސަރުކާރުން ކުރާ ކަންކަމަކީ ފާޅުގައި ކުރާ ކަންކަން ކަމުން، މާލިއްޔަތުގެ ކަންކަން ހާމަކުރުމަކީ ގޯސް ނިޔަތެއްގައި ކުރަން އުޅޭ ކަންކަން މަދުވާނެ ކަމެއްކަމަށެވެ. އަދި އެ ފަދަ ނިޔަތެއްގައި ކުރި ކަންކަން ވެސް ހާމަވާނެ ކަމެއް ކަމަށެވެ.

"ދައުލަތުގެ މުދަލާއި ހުރިހާ ފެސިލީޓީތަކެއް ހަވާލުކޮށްފައި އޮތީ އެ ކަންކަން އެ ގޮތަށް ދެފުށް ފެންނަ ފަދަ ގޮތަކަށް ކުރަން. އެހެންވީމާ އެ ކަންތައް އެގޮތަށް ކުރުމަކީ ކޮރަޕްޝަނާއި ފަސާދައާއި އެ ކަންކަމުން ދުރުވާނެ ސަބަބެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" 'ސަން'އާ ވާހަކަދައްކަވަމުން ނިޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައުލޫމާތު ހާމަކުރުމުން ގޯސް މަގަކުން ދާ ކަންކަން ރަނގަޅުވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

މީގެ އިތުރުން 'ސަން'އާ ވާހަކަދައްކަވަމުން ގާނޫނީ ވަކީލް ހުސައިން ސިރާޖް ވެސް ވަނީ ސަރުކާރުން މިފަދަ ކަންކަން ކުރުމާއެކު މިއީ ޚަރަދަށް ޒިންމާވުމާއި، ޚަރަދުކުޑަކުރުމަށް ވެސް ބާރު އެޅޭނެ ކަމެއް ކަމަށް ފާހަގަކުރައްވައިފައެވެ.

ރައީސް މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން މާލީ ޚަރަދުތައް ހާމަކުރުމުން ކޮންމެހެން ކުރަން ޖެހޭ ޚަރަދުތައްކޮށް ނުކުރެވި ދޫކުރެވޭނެ ކަންކަން ދައުލަތުގެ ފައިސާއިން ނުކޮށް ދޫކުރަން ވިސްނުން ބައްޓަންކުރަން މަގުފަހިވާނެކަމަށް ފާހަގަކުރެއްވިއެވެ.

"ދެން ވިސްނަންވީ، މި ފައިސާ މި ޚަރަދުކުރަން ލިބެނީ ކިހިނެއްތޯ، ކޮން ބަޖެޓަކުންތޯ. އަދި ޚަރަދުތައް އާންމުކުރާއިރު، ވަކިވަކި ހޭދަތަކުގެ ތަފްސީލް އެނގެން އޮތުން އެއީ ވަރަށް މުހިންމު ކަމެއް،" ސިރާޖު ވިދާޅުވިއެވެ.

ދަތުރު ޚަރަދުތައް ހޯދަން އެންމެ ބުރަކޮށް މަސައްކަތް ކުރާ އެއް ބަޔަކީ ނޫސްވެރިންނެވެ. އެއަށްފަހު ވާދަވެރި ސިޔާސީ ބޭފުޅުންނާއި އާންމު ރައްޔިތުންނެވެ.

މިއިން ކޮންމެ ފަހަރަކު އުފުލަން ޖެހޭ ބުރައަކީ، އާދައިގެ ކަމެއް ނޫނެވެ. ތަކުރާރުކޮށް އަމާޒުކުރެވޭ ސުވާލުތަކާއި، ލެވޭ އާރްޓީއައިތަކަކީ ނޫސްވެރިންނަށް އާ ކަމެއް ނޫނެވެ. ހުރިހާ ވެސް މައްސަލައަކީ އަވަސް މިނުގައި އެ މައުލޫމާތު ނުލިބުމެވެ، ނުދީ ފޮރުވައި ހިފެހެއްޓުމެވެ.

ނަމަވެސް މި ފިޔަވަޅާއެކު އެ ކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއްް ލިބިއްޖެއެވެ.

"ކުރިން ވިއްޔާ އެނގޭނެ އަޅުގަނޑުމެން އެއް އޮފީހުން އަނެއް އޮފީހަށް ގުޅައި ވަރަށް ޕްރޮސީޖަރު ދިގުކޮށް މި އޮންނަނީ. ފަސޭހައިން ނޯވެ މިފަދަ މައުލޫމާތެއް ލިބޭކަށް. މިއީ ވަރަށް ބޮޑަށް، މައުލޫމާތު ސިއްރުކުރުމުގެ ސަގާފަތަށް ނިމުން އަންނާނެ ކަމެއް. ސަބަބަކީ މާލީ ކަންކަމަކީ ވައްކަމާއި ކޮރަޕްޝަން އެންމެ އާންމު އެއް ދާއިރާ. އެކަމު މި ކަމުން އެބަ ހުއްޓުމެއް އާދެ އެ ފަދަ ކަންކަމަށް،" މި ކަމާ ގުޅިގެން ނޫސްވެރިއަކު ބުންޏެވެ.

ކޮންމެ އަކަސް މިއީ ރަނގަޅު ފެށުމެކެވެ. މައުލޫމާތު އާންމުކުރުމާއި ހާމަކުރުމަކީ ދެފުށް ފެންނަ ރަނގަޅު ވެރިކަމެއްގައި ކުރުން މުހިންމު ކަމެކެވެ. އެ ކަން ދަމަހައްޓަން ސަރުކާރުން މަސައްކަތްކުރުމަކީ އެންމެންގެ ވެސް އުންމީދެވެ.

comment ކޮމެންޓް