މެޑަމް ސާޖިދާއާ ދޭތެރޭ ހާއްސަ އުސޫލެއް ނުގެންގުޅެން: ސީއެސްސީ

މެޑަމް ސާޖިދާ -- ފޮޓޯ/ އެލީޒް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވެލެއްވުމުން، އެ ކަމަނާއަށް އެ ފުރުސަތު އަރުވަން ހާއްސަ އުސޫލެއް ހަދާފައިނުވާނެ ކަމަށް, ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން މިއަދު ބުނެފިއެވެ.

މެޑަމް ސާޖިދާއަށް ހާއްސަ އުސޫލަކުން އަމަލުކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ. މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމަށް ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން ވަނީ ހާޒިރުކޮށްފައެވެ.

މެޑަމް ސާޖިދާއަކީ އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރެކެވެ. އެއީ ސިވިލް ސާވިސް ވަޒީފާއެކެވެ.

އެކަމަކު، އެ ކަމަނާ ވަނީ ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުމުން އޭރު އަދާކުރައްވަމުން ގެންދެވި ސިވިލް ސާވިސް ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ހަތަރު އަހަރުގެ ޗުއްޓީއެއް ނަންގަވައިފައެވެ. އެ ކަމަނާ ފުރަތަމަ އެދިވަޑައިގަތީ ފަސް އަހަރުގެ ޗުއްޓީއަކަށެވެ. ނަމަވެސް ގަވާއިދު ތަންނުދޭތީ އެ ކޮމިޝަނުން ދިނީ ހަތަރު އަހަރުގެ ޗުއްޓީއެކެވެ.

އެކަމަކު، އެ ކަމަނާ ވަޒީފާ އަދާކުރައްވަމުން ގެންދެވި އެމްއެފްޑީއޭއިން ވަނީ އަދިވެސް މެޑަމް ސާޖިދާގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ފަސްޓް ލޭޑީއަށް ވީތީ މެދަމް ސާޖިދާއަށް ހާއްސަ އުސޫލަކުން އަމަލުކޮށްފައިނުވާނެ ކަމަށެވެ.

ސިއްހީ ވުޒާރާއިން އެދުނީ އެ ކަމަނާގެ ތަޖުރިބާ އަދިވެސް އެ ވުޒާރާއަށް މުހިއްމު ކަމަށްވާތީ، ގަވާއިދު ތަންދޭ ގޮތަކުން ލިބެން އޮތް ގޮތަކަށް އެ ކަމަނާގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ނާސިހް ވިދާޅުވި ގޮތުގައި ފުރަތަމަ އެދުނީ މެޑަމް ސާޖިދާއަށް ދާއިމީ ވަޒީފާގައި ދެމިހުރެވޭނެ ގޮތެއް ހޯދާށެވެ.

އެކަމަކު، ގަވާއިދު އެގޮތަށް ތަން ނުދޭތީ ކޮންސަލްޓެންޓެއްގެ ގޮތުގައި ކޮންޓްރެކްޓު އުސޫލުން އެ ކަމަނާ މަސައްކަތް ކުރައްވާ ގޮތަށް ހަމަޖެއްސީއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް -- ފޮޓޯ/ ކޮމިޝަން

ނާސިހް ވިދާޅުވީ، އެ މަސައްކަތަށް ފަސްޓް ލޭޑީ މުސާރައެއް ބޭނުންފުޅުނުވާ ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށެވެ. އެކަމަކު، ސިވިލް ސާވިސްގެ ގާނޫނު އޮންނަ ގޮތުން، އެއްވެސް މީހަކު ލައްވައި މަސައްކަތެއް ކުރުވާނަމަ އެ މީހަކަށް އުޖޫރައެއް ދޭން ޖެހެއެވެ.

"މިހާރު ރާއްޖޭގައި ހުރި އެއްވެސް ގާނޫނަކުންނެއް މަނައެއް ނުކުރޭ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ސިވިލް ސާވިސްގެ އެއްވެސް ވަޒީފާއެއް އަދާކުރުމެއް،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، މެޑަމް ސާޖިދާއަށް ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރެވޭ ގޮތަށް ހަމަޖެއްސީ ކުރިން ވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ކަމަށް ނާސިހް ވިދާޅުވިއެވެ.

އެ އުސޫލުގެ ތެރެއިން މެޑަމް ސާޖިދާ ކޮންޓްރެކްޓު އުސޫލުން އެމްއެފްޑީއޭގައި މަސައްކަތް ކުރައްވާގޮތަށް މި މަހުގެ ހަތްވަނަ ދުވަހު ވަނީ ހަތަރު އަހަރުގެ މުއްތަކަށް ކޮންޓްރެކްޓުގައި ސޮއިކޮށްފައެވެ. ފަންނީ ލަފައާއި މުވައްޒަފުން ތަމުރީނު ކުރުމާއި ބައެއް އުސޫލުތައް ހެދުމުގައި އެހީތެރިވާގޮތަށް، އެ ކޮންޓްރެކްޓު ހަދާފައިވަނީ މަހަކު 40 ގަޑިއިރު މަސައްކަތް ކުރާގޮތަށެވެ. އަދި، އުޖޫރައެއްގެ ގޮތުގައި ގަޑިއަކަށް 75 ރުފިޔާ ލިބޭނެއެވެ. އެއީ، މަހަކު 3،000 ރުފިޔާއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ތަކުރާރުކޮށް ބުނި ގޮތުގައި މިއީ ފަސްޓް ލޭޑީއަށް ވީތީ ހަމަޖެއްސި އުސޫލެއް ނޫނެވެ. އޭގެ އިތުރުން ވެސް ބައިވަރު މުވައްޒަފުން ކޮންޓްރެކްޓު އުސޫލުން މަސައްކަތްކުރާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

"ހެލްތު މިނިސްޓްރީން ވެސް ރިކުއެސްޓު ކުރައްވާފައި އޮތް، އެ ބޭފުޅުން ވެސް ބޭނުންފުޅުވާ ކަމަށް ފަސްޓްލޭޑީގެ ޚިދުމަތް، އެ ތަނަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތެއް ކަމަށް ވާތީ،" ނާސިހް ވިދާޅުވިއެވެ.

އެކަމަކު، މެޑަމް ސާޖިދާ ސިވިލް ސާވިސް ވަޒީފާއެއް އަދާކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެ، ބައެއް މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

https://sun.mv/185350

އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މީކާއިލް ނަސީމް ވިދާޅުވީ، މެޑަމް ސާޖިދާ މަސައްކަތް ކުރައްވާނީ ސިއްހީ ވަޒީރުގެ ދަށުން ކަމަށެވެ. އަދި، ސިއްހީ ވަޒީރަކީ ސާޖިދާގެ ފިރިކަލުން ރައީސް މުއިއްޒު އައްޔަންކުރައްވާ ބޭފުޅެއް ކަމަށްވާއިރު، އެ ކަމުގެ ސަބަބުން ނާޖާއިޒު ނުފޫޒާއި ބާރުވެރިކަން ގަދަވެދާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެއަށް ޖަވާބުދެއްވަމުން ނާސިހް ވިދާޅުވީ، އެމެރިކާގެ ފަސްޓްލޭޑީ ވެސް ސަރުކާރުގެ ވަޒީފާއެއް އަދާކުރައްވާ ކަމަށެވެ. އެހެންކަމުން، އެ ގައުމުތަކުގައި ވެސް ގާނޫނުން ތަންދޭ ނަމަ އެއީ ހުރަހެއް އޮތް ކަމެއް ކަމަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނީ ހުރަހެއް ނެތް ކަމަށްވަންޏާ، މުވައްޒަފުންނަށް ޓްރީޓްކުރަން ޖެހޭނީ ފަސްޓްލޭޑީއެއް ކަމަށް ވިޔަސް އެއްގޮތަކަށް،" ނާސިހް ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވެސް ބޭނުންފުޅު ވަނީ ފަސްޓްލޭޑީއަށް ވެވަޑަައިގެން ނަމަވެސް ސިވިލް ސާވިސް ވަޒީފާގައި މަސައްކަތް ކުރައްވާށެވެ. އެހެންވެ، މި މަހު ހަތްވަނަ ދުވަހު ސޮއިކުރި އެއްބަސްވުމާ އެކު އެ ކަމަނާ އަންނަނީ ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް