ވިހެއުމުގެ ޗުއްޓީގައި ހުއްޓާ ދަރިފުޅު މަރުވިޔަސް، ޗުއްޓީ ލިބޭގޮތް ހަދަން މަޖިލީހަށް

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ): ވިހެއުމުގެ ޗުއްޓީގައި ހުއްޓާ ދަރުފުޅު މަރުވިޔަސް، ޗުއްޓީ ލިބޭގޮތް ހަދަން މަޖިލީހަށް ވަނީ ފޮނުވާފަ -- ފޮޓޯ/ މަޖިލިސް

ވިހެއުމުން ލިބޭ ހަ މަސްދުވަހުގެ ޗުއްޓީގައި ހުއްޓާ، ދަރިފުޅު މަރުވިޔަސް ޗުއްޓީ ލިބޭގޮތް ހަދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ކުޑޫ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ، ވިހެއުމުން ލިބޭ ހަ މަސްދުވަހުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު ނިޔާވުމުން އަނބުރާ ވަޒީފާއަށް ނުކުތުމަށް ސަރުކާރުގެ ދެ އިދާރާއަކުން އެންގުމުން އާންމުންގެ ޝަކުވާތައް އިންތިހާއަށް ލިބެމުންދާ ކަމަށެވެ. މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ރައްޔިތުންގެ މަޖިލީހަށް އޮތް ޒިންމާއެއް ކަމުގައި ދެކޭ ކަމަށް ކުޑޫގެ ގަރާރުގައި ވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ): ވިހެއުމުގެ ޗުއްޓީގައި ހުއްޓާ ދަރުފުޅު މަރުވިޔަސް، ޗުއްޓީ ލިބޭގޮތް ހަދަން މަޖިލީހަށް ވަނީ ފޮނުވާފަ -- ފޮޓޯ/ މަޖިލިސް

އިތުރަށް މި ގަރާރުގައި ވަނީ، ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ދެވޭނެ ޗުއްޓީތައް ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސްގެ ގަވާއިދު 2014ގައި ބަޔާންކޮށްފައި ވާކަމަށެވެ. މި ގާނޫނާއި ގަވާއިދުގެ ދަށުން، މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީގެ މުއްދަތުގައި ދަރިފުޅު ނިޔާވެއްޖެ ނަމަ، ދަރިފުޅު ނިޔާވާ ދުވަހާ ވިދިގެން އަންނަ ދުވަހުން ފެށިގެން މަސައްކަތަށް ނުކުންނަށް ނުޖެހޭ ގޮތަކަށް ޗުއްޓީއެއް ހަމަޖެހިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް މި ގަރާރުގައި ވެއެވެ.

"ދަރިފުޅަށް ހަ މަސް ވަންދެއް ލިބޭ ޗުއްޓީގެ މުއްދަތުގައި ދަރިފުޅު ނިޔާވެއްޖެ ނަމަ، އަދި، ގާނޫނާއި ގަވާއިދުގެ ފަށުން ހައްގުވާ އެހެން އެއްވެސް ޗުއްޓީއެއް އެ މުވައްޒަފަކަށް ނެގެން ނެތްނަމަ ނުވަތަ ހުރިހާ ޗުއްޓީއެއް އެ މުވައްޒަފުގެ ހަމަވެފައި ވާނަމަ، ދަރިފުޅު ނިޔާވެ މި ދިމާވާ ހިތާމަވެރި ވަގުތުގައި ކުއްލިޔަކަށް ވަޒީފާއަށް ނުކުންނަން ޖެހުމުން، އެ މުވައްޒަފަށާއި އެ މުވައްޒަފުގެ މުޅި އާއިލާއަށް މިކަމުގެ ސަބަބުން އިތުރު ހިތްދަތިކަމަކާއި ތަކުލީފުއުފުލަން ޖެހެއެވެ." އެ ގަރާރުގައި ވެއެވެ.

މިފަދަ ހާލަތެއް މެދުވެރިވެފައިވާ މީހަކު ވަޒީފާއަށް ނުކުންނަން ޖެހުމަކީ، މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކާމެދު ހުންނަންޖެހޭ އޯގާތެރިކަމާއި އަޅައިލުން ގެއްލި އޭގެ އަސަރު މުޅި މަސައްކަތުގެ މާހައުލަށް ވެސް ކުރާނެ ލާއިންސާނީ ކަމެއް ކަން މި ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

"...އެފަދަ ހާލަތެއްގައި ހުންނަ މުވައްޒަފަކަށް އެންމެ ރަނގަޅަށް މަސައްކަތުގައި ވެސް ޝާމިލުވެ ނޫޅެވޭނެކަން ފާހަގަކުރަމެވެ،" އެ ގަރާރުގައި ވެއެވެ.

އެހެންކަމުން، ގާނޫނާއި ގަވާއިދުގެ ދަށުން ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީތައް ކަމާގުޅޭ މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ރައްޔިތުންނާ ގުޅުންހުރި މި މުހިންމު މައްސަލަ ބަލައިދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.

ސިވިލް ސާވިސްގެ ގަވާއިދުގައި، ދަރިފުޅު މަރުވެއްޖެ ނަމަ ޗުއްޓީ ލިބޭނެ ގޮތާ ގުޅޭ ގޮތުން މިހާރު ބަޔާންކޮށްފައިވަނީ:

  • މުވައްޒަފެއް ބަލިވެއިންތާ 16 ހަފުތާއަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ދަރިފުޅު ބައިގެން ދިއުން ފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަން ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުން ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް، 10 ދުވަހުގެ ޗުއްޓީއެއް ދެވި ދާނެ
  • މުވައްޒަފެއް ބަލިވެ އިންތާ 16 ހަފުތާ އާއި 27 ހަފުތާ އާ ދެމެދުގެ މުއްދަތެއްގައި ފުރާނަހުރި ކުއްޖަކު ވިހައިފިނަމަ، ޗުއްޓީ ދޭނީ އެ ގަވާއިދުގައި، ވިހެއުމާ ގުޅިގެން އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގޮތަށް
  • އެ މުއްދަތުގެ ތެރޭގައި ވިހޭއިރު ދަރިފުޅު މަރުވެފައިވާނަމަ، އެކަން ބަޔާންކޮށްދޭ ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓުފިކެޓު ހުށަހެޅުމުން، ބަންދު ދުވަސް ހިމަނައިގެން، މުސާރަ ލިބޭ ގޮތަށް، 28 ދުވަހުގެ ޗުއްޓީއެއް ދެވި ދާނެ

ވިހެއުމުންދޭ ޗުއްޓީތެރޭ ދަރިފުޅު މަރުވުމުން ވަޒީފާއަށް ނުކުތުމަށް މަޖުބޫރު ކުރި ދެ މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފައެވެ. މި މައްސަލަ ގިނަބައެއްގެ ސަމާލުކަމަށް އައިސްފައި ވަނީ، ޕަބްލިކް އިންޓެރެސްޓު ލޯ ސެންޓާ (ޕީއައިއެލްސީ)ގެ ފަރާތުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް