ފްލެކްސިބަލް އުސޫލުން މެޑަމް ސާޖިދާއަށް މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

މެޑަމް ސާޖިދާ -- ފޮޓޯ/ އެލީޒް

ފަސްޓް ލޭޑީއެއްގެ ގޮތުގައި ހުންނަވައިގެން ވެސް ސިއްހީ ދާއިރާއަށް ޚިދުމަތްކުރައްވަން ބޭނުންވެވަޑައިގަންނަވާތީ، އެ ކަމަނާ އެދިވަޑައިގަތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ފްލެކްސިބަލް އުސޫލުން މަސައްކަތްކުރެއްވޭނެ ގޮތެއް ހަމަޖައްސައިދެވެން އޮތްތޯ ކަމަށާއި އެހެންވެ އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން މިއަދު ބުނެފިއެވެ.

މެޑަމް ސާޖިދާއަކީ އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރެކެވެ. އެއީ ސިވިލް ސާވިސް ވަޒީފާއެކެވެ.

ނާސިހް ވިދާޅުވީ ފަސްޓް ލޭޑީއަކަށް ވެވަަޑައިގަތުމަށްފަހު މެޑަމް ސާޖިދާ އެދިވަޑައިގަތީ އެ ކަމަނާ އަދައިކުރައްވަމުން އައި ވަޒީފާ ފްލެކްސިބަލް އުސޫލަކުން އަދައިކުރެވޭނެ ގޮތެއް ހަމަޖައްސައިދެއްވުމަށްކަމަށެވެ.

"މެޑަމް ވިދާޅުވެފައިވަނީ ފަސްޓްލޭޑީއަކަށް ވެވަަޑައިގަތުމާއެކު އިތުރު ބައެއް ޒިންމާތައް އައުމާއެކު އެ ކަމަނާއަށް ކުރިންހެން ފުލްޓައިމްކޮށް ވަޒީފާގައި ދެމިހުންނެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް. އެހެންވެ ފްލެކްސިބަލްކޮށް ލިބޭ ވަގުތުގައި މަސައްކަތް ކުރަން އެދިވަޑައިގެންފައިވަނީ،" ނާސިހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އެ ކޮމިޝަނުން ބަލަމުން އަންނަނީ މެޑަމް ސާޖިދާގެ އެ އެދިވަޑައިގަތުމާ އެއްގޮތަށް ގަަވައިދުގެ ތެރެއިން އެ އިންތިޒާމު ހަމަޖައްސައިދެވޭނެ ގޮތެއްކަމަށެވެ.

އެހެންކަމަށްވާނަމަ ދެން އެ ކަމަނާ ވަޒީފާ އަދައިކުރައްވަން ޖެހިވަޑައިގަންނަވާނީ ކުރީގެ މަގާމުގައި ނޫންކަމަށާއި އެހެން މަގާމެއްގައިކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ފްލެކްސިބަލް އުސޫލުންނަމަ ފައިސާ ހަމަޖެހޭނީ ކުރާ މަސައްކަތަށް އެކަނިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަދި ރަސްމީކޮށް އެއްވެސް ނިންމުމެއް މި ކަމުގައި ނުނިންމާކަމަށް ނާސިހް ވިދާޅުވިއެވެ.

ނާސިހް ވިދާޅުވީ މި ވަގުތު ސާޖިދާ ހުންނެވީ ޗުއްޓީގައިކަމަށެވެ. އެހެންކަމުން ޗުއްޓީގެ މުއްދަތު ހަމަވެ، މަސައްކަތަށް އެ ކަމަނާ ނިކުމެވަޑައިގަންނަވަން ޖެހުމުގެ ކުރިން ދެން އެ ކަމަނާއަށް އެމްއެފްޑީއޭގައި މަސައްކަތް ކުރެއްވޭނެ އިންތިޒާމެއް ހަމަޖައްސާނެކަމަށް ވެސް ނާސިހް ވިދާޅުވިއެވެ.

"މި ވަގުތު އެ ކަމަނާ ހުންނެވީ ޗުއްޓީގައި. އެހެންވީމާ އަދި ވަޒީފާ އަދައިކުރައްވާނެ ގޮތަކާމެދު ނެތްތާ ވަކި ސުވާލެއް. ދެން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ޗުއްޓީ ހަމަވުމުގެ ކުރިން މެޑަމް އެދިވަޑައިގެންފައިވާ ގޮތަށް ވަޒީފާ ހަމަޖެހޭނެ އިންތިޒާމެއް ހަމަޖައްސަން،" ނާސިހް ވިދާޅުވިއެވެ.

މީގެ ކުރިން ދެއްވި ބައެއް އިންޓަވިއުތަކުގައި މެޑަމް ސާޖިދާވަނީ ސިވިލް ސާވިސް ވަޒީފާގައި ދެމި ހުންނަވައި ޚިދުމަތްކުރައްވަން ބޭނުންވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އެ ކަމަނާ ސިއްހީ ދާއިރާގައި ޚިދުމަތް ކުރައްވަމުން އަންނަތާ ގިނަ ދުވަސްތަކެއްވަނީ ވެފައެވެ.

comment ކޮމެންޓް