ފުރަތަމަ ފަރުވާ ބޭނުންވަނީ ޚަރާބުވެފައި އޮތް އާސަންދަ ނިޒާމަށް!

އާސަންދަ ކައުންޓަރު-- ފޮޓޯ: އާސަންދަ

ކިތަންމެހާ ވެސް ރަނގަޅެވެ. ދިވެހި ރައްޔިތުން ބޮޑު ހޭދަކޮށްގެން ފަރުވާ ހޯދަން ޖެހުނު ގިނަ ބަލިތަކެއް، ދައުލަތުން ހިލޭ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ އާސަންދަ ނިޒާމުގެ ތެރެއަށް ވައްދައިފިއެވެ. އެ ކަމަށް ރައްޔިތު މީހާ ކުރަމުން އައި ބޮޑު ޚަރަދު ހުއްޓުމަކަށް އައީއެވެ. ނަމަވެސް ދެން ދައުލަތަށް މި އުފުލަން ޖެހެނީ އިތުރު ބުރައެކެވެ. އިތުރު ޒިންމާތަކެކެވެ.

މި ދައްކަނީ ކޮރަޕްޝަނާއި މިސް މެނޭޖްމަންޓުގެ ސާފު މާޒީއަކުން ކިލަނބުވެފައިވާ އާސަންދައިގެ ތިޖޫރި ތެރެއަށް އަނެއްކާ ވެސް އިތުރު ފައިސާތަކެއް ދައުލަތުން އަޅަންޖެހޭނެކަމުގެ ވާހަކައެވެ. ދައުލަތުގެ ހޭދަ އަނެއްކާ ވެސް އެތައް މިލިއަނަކުން އިތުރުވާނެކަމުގެ ވާހަކައެވެ.

ސުވާލުތަކާއި ނުތަނަވަސްކަން ފުނިޖެހިއްޖެއެވެ. އާ ޚިދުމަތްތަކެއް އާސަންދަ ތެރެއަށް ވައްދައިގެން އެއަށް ޚަރަދުކުރާނެ ފައިސާ ހޯދާނެ ގޮތެއް އެބައޮތް ހެއްޔެވެ؟ އާސަންދަ މިހާރު މި އޮތް ގޮތަށް އެންމެ އިންސާފުވެރި ކަމާއެކު ޚިދުމަތްތަކެއް ފޯރުކޮށްދެވޭ ހެއްޔެވެ؟

ފުރަތަމަ ކުރަންވީ ކަމަކީ، އާސަންދައިގެ ނިޒާމަށް ފަރުވާ ކުރުމެވެ. ކޮރަޕްޝަނާއި މިސް މެނޭޖްމަންޓުގެ ހާއްޔަކަށްވެފައި އޮތް އެ ތަން ހަރުދަނާކުރުމެވެ.

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާސަންދަ ސްކީމަށް އިތުރުވި ޚިދުމަތްތައް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ، އާ ސަރުކާރުން ވެރިކަން ފެށިތާ ގާތްގަނޑަކަށް މަސް ދުވަހެއްވީއެވެ. އާސަންދަ ޚިދުމަތާއި ސަރުކާރުގެ ފުރަތަމަ 100 ދުވަހާ ގުޅިފައިވާ ސިއްހީ ދާއިރާގެ މުހިންމު ވައުދުތައް ފުއްދުމަށް ޓަކައި އަވަސް ސްޕީޑުގައި ގިނަ ކަންތައްތަކެއް އެބަ ނިންމަވައެވެ. އެގޮތުން އަލަށް ގިނަ ޚިދުމަތްތަކެއް އާސަންދައިގެ ތެރެއިން ދިނުމަށް ވަނީ ނިންމަވައިފައެވެ. އެ ޚިދުމަތްތަކަކީ:

  • އާސަންދައިގެ ތެރެއިން އެކި އުމުރުފުރައަށް ހިލޭ މެޑިކަލް ޗެކަޕް ހެދުން
  • އާސަންދަ ސްކީމް ލިބޭ ބޭރުގެ ހޮސްޕިޓަލްތައް ގްރޭޑްކޮށް، މަތީ ގްރޭޑަކަށް ބަދަލުވާނަމަ އިތުރުވާ ފައިސާ ދައްކަން ކުރިން އަތުން ކުރި ޚަރަދު އާސަންދައިން ކުރުން
  • އާސަންދައިގެ ތެރެއިން އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާތައް ހިލޭކުރުން
  • ޕީސީއޯއެސް، އެންޑްރިއޯމެޓްރިއޯސިސް ފަދަ ފަރުވާތަކަށް ފުރިހަމަ ކަވަރޭޖު ދިނުން
  • ތެލަސީމިއާ ފަރުވާ ޚިދުމަތް ރަނގަޅުކޮށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭހެން ހަމަޖެއްސުން
  • ޑީއެންއޭ ޓެސްޓާއި ތެލެސީމިއާގެ ޓީޓޫސްޓާ ޓެސްޓު އާސަންދައިން ކަވަރުކުރުން

އިތުރުވީ ބޮޑު ޚަރަދުތަކެއް، ފައިސާ ކޮބާ؟

އަލަށް ތައާރަފްކުރި މި ހުރިހާ ޚިދުމަތަކާއެކު ސަރުކާރަށް އަނެއްކާ ވެސް ކުރަން ޖެހިފައި މި އޮތް ޚަރަދަކީ ބޮޑު ޚަރަދެކެވެ. ދިރިއުޅުމުގެ ހާލަތަށް ބަލައި މުއްސަނޖެއް، ފަގީރެއް ވަޒަންކުރުމެއް ނެތި ދިވެހި ސަރުކާރުން ދިވެހި ކޮންމެ ރައްޔިތަކަށް ދޭ މި ޚިދުމަތާއެކު ޚަރަދުތައް އަތް ނުފޯރާ ފަށަށް އެބަ އަރައެވެ.

މިހާ ގިނަ ޚަރަދުތަކެއް ކުރަން ސަރުކާރުގައި ހަރުދަނާ ޕްލޭނެއް އެބަ އޮންނަންޖެހެއެވެ. މިހާރު ލިބެން ހުރި ޚިދުމަތްތަކަށް ވެސް އާސަންދަ ކަވަރޭޖު ދީގެން އަހަރު މެދަށް ބަޖެޓު ހުސްވާއިރު، އަލަށް ތައާރަފްކުރާ ޚިދުމަތްތަކަށް ހުސްނުވާ ބަޖެޓެއް އޮންނާނެ ފޯމިއުލާއަކީ ކޮބައިތޯ ހާމަކުރުން މުހިންމެވެ.

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"އަދި އެ ކަމަށް ޚާއްސަ ފަންޑެއް އިރާދަކުރެއްވިއްޖެޔާ ސަރުކާރު ބަޖެޓުން މި އަންނަ އަހަރަށް ދެން މި ބަލަނީ ގާތްގަނޑަކަށް 30 މިލިއަން ރުފިޔާގެ ފާޓިލިޓީ ކެއާ ފަންޑެއް ގާއިމްކުރެވޭނޭ. އެހެންވީމާ އެ ކަން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ،" މިއީ އައިވީއެފް ޚިދުމަތަށް ފަންޑުކުރަން ސަރުކާރުގެ ވިސްނުން ހުރި ގޮތް ހާމަކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވި ވާހަކަފުޅެކެވެ.

މީގެ އިތުރުން ދެން ސަރުކާރުގެ ވިސްނުން ހުރީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީއާއި މިހާރު ހުރި އާމްދަނީ ލިބޭ މަގުތަކުން ޚަރަދުތައް ފޫބެއްދުމެވެ.

"މިހާރު ވެސް ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން މެނޭޖުކުރެވޭނެ ކަންތައްތަކެކޭ ދައުލަތުގެ އާސަންދައިގެ ކަވަރޭޖު ތެރޭ މި ހިމެނެމުން ދަނީ،" ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުޙައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އެއާއެކު ކުރާނެ ކަމަކީ ޚަރަދުތައް އެންމެ ރަނގަޅަށް ކުރެވެން ހުރި ގޮތަށް ކުރުމެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ކަން ކުރެވޭނެހެން ސިޔާސަތުތައް ބައްޓަންކުރުމެވެ.

އާސަންދަ ނިޒާމު އޮތީ ޚަރާބުވެފައި

މިހާ ގިނަ ޚިދުމަތްތަކެއް އާސަންދައިގެ ތެރެއިން ލިބޭ ގޮތަށް ތައާރަފްކުރިއިރު މި ނިޒާމު އޮތީ ބޮއްސުންލައިފައިކަން ޚުދު ސަރުކާރުން ވެސް ގަބޫލުކުރެއެވެ.

އެގޮތުން ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އާސަންދަ ފެންނަން އޮތީ ސިޔާސީ ކެމްޕޭނުތަކުގައި ވޯޓު ހޯދަން ޚަރަދުކުރާ ނިޒާމެއްގެ ގޮތުގައެވެ. ކުންފުނީގައި ރަނގަޅު ޗެކް އެންޑް ބެލެންސް ނިޒާމެއް މިވަގުތު ނެތް ކަމަށެވެ.

"ދެން އާސަންދަ ހަރުދަނާކޮށްގެން، ކޮންމެ ގޮތެއްގައި ވެސް އާސަންދައިގައި ތި ވިދާޅުވި ގޮތަށް ސިޔާސީ ގޮތުން ބޭނުންކޮށްފައި އޮތްކަން ހަމަ އަޅުގަނޑުމެންނަށް ވެސް ފެނިފައި އޮތް މިދިޔަ {ރިޔާސީ} ކެމްޕޭން ތެރޭގައި ލިބުނު މައުލޫމާތުގެ އަލީގައި،" ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ހުރިހާ ކަމެއް ހައްލުކުރުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ތަނުގެ ހިންގުން ރަނގަޅުކޮށް ހަރުދަނާ ކުރުން މުހިންމު ކަމަށެވެ.

މިއީ ހަމައެކަނި ސަރުކާރުން ދައްކާ ވަހަކައެއް ނޫނެވެ. ސިޔާސީ ޕޯޑިއަމްތަކުގައި ހަމަ ކޮންމެ ސިޔާސީ ބޭފުޅަކު ވެސް މި ކަން ފާހަގަކުރެއެވެ. ލިބޭ ޚިދުމަތުގެ ފެންވަރާއި، އެ ޚިދުމަތް ހޯދަން ރައްޔިތު މީހާ 'ތެޅެންޖެހޭ' ހާލުން އެކަނި ވެސް މި ނިޒާމުގެ ޚަރާބުކަން ވިސްނެއެވެ.

"ސަރުކާރުތަކަށް އެބަ އެނގޭ އާސައިންދައިން ވައްކަން ކުރާކަން. އޭގެން ރޯމާއި ދުވާލު ވައްކަން ކުރާކަން އެބަ އެނގޭ. އެކަމު ހުއްޓާކަށް ބޭނުމެއް ނުވޭ. ކީއްވެގެންތޯ ނުހުއްޓަންވީ،" އާސަންދަ ނިޒާމާ ގުޅޭގޮތުން ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވިއެވެ.

އާސަންދަ ނިޒާމުގައި ލައިފައި ހުރި ރެނދުތައް ހުރީ ސާފުކޮށް ފެންނާށެވެ. އެ ރެނދުތައް ފޫބައްދަން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަން ވެސް ހަމަ އެހާ ސާފެވެ.

ހުސްނުވާ އާސަންދައިން ހައްދެއް ނެތި ކޮރަޕްޝަން

ހަމައެކަނި މިހާރަށް ބަލައި ނަމަވެސް އާސަންދައިގެ ޚަރަދުތައް އުޅެނީ ރެކޯޑު އަދަދުގައެވެ. ފިނޭންސް މިނިސްޓްރީން ހެދި އަންނަ އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުންނަމަ، މި އަހަރު ނިމޭއިރު އާސަންދައަށް 2.3 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށްވަނީ ލަފާކޮށްފައެވެ.

އެއީ ބަޖެޓުގައި އޮތް މިންވަރަށްވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއާއެކު އާސަންދައަށް ކުރި ހޭދަ ބޮޑުވުމުން ވަނީ، ސަޕްލިމެންޓްރީ ބަޖެޓުން ވެސް 1.2 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

އަންނަ އަހަރަށް 1.9 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު ޚަރަދު ކުޑަކުރަން އަންނަ އަހަރު ފިޔަވަޅުތައް ނާޅައިފިނަމަ އާސަންދައަށް ކުރާ ހޭދަ 3.4 ބިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު އޮތްކަމަށް ފިނޭންސް މިނިސްޓްރީން އޮތީ ބުނެފައެވެ.

ޚަރަދުތައް އިންތިހާއަށް މަތިވުމުގައި ފަހަތުގައި ކުރެވޭ އެކި ތުހުމަތުތައް އެބަ އޮތެވެ.

އެގޮތުން އިންތިޚާބެއް އޮންނަ އަހަރެއްނަމަ، ސިޔާސީ މަންފާއަށް އާސަންދައިގެ ތިޖޫރީން ތަންމިނަށް ހުޅުވިގެން ކުރެވޭ ޚަރަދަކީ އެންމެ ބޮޑު އެއް މައްސަލައެވެ.

އެ އަހަރެއްގައި އާސަންދަ ޚަރަދުތައް އާދަޔާ ޚިލާފަށް އިތުރުވެފައި ހުންނަކަން ހިސާބުތަކުން ފެންނަން ވެސް އޮވެއެވެ. ސިޔާސީ ބޭފުޅުން މި ކަން ގުޅުވައިލަނީ އިންތިޚާބަށް ފަރިކުރަން ކުރާ ސިޔާސީ ޚަރަދުގެ ގޮތުގައެވެ. ހިފެހެއްޓިފައި ހުރި އުސޫލަކަށް، އެޔެއް މިޔެއް ނުބަލައި ޚަރަދުތައް ކޮށްލަނީކަމުގެ ތުހުމަތުތަކީ އަޑު ގަދަކޮށް ކުރެވޭ ތުހުމަތުތަކެކެވެ.

https://sun.mv/173788

"އެއީ އެތެރޭގެ އިންތިޚާބަކާ ގުޅިގެން އައި ބަދަލެއްތޯ ނުވަތަ ހަގީގަތުގައިވެސް ބަލި މީހުންތައް ހަތަރު ގުނައަށް އިތުރުވެގެން ދިޔައީތޯ އެއީ މި މަޖިލީހުން އަހަން ޖެހޭ ސުވާލު," ކުރިން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސުވާލު އުފެއްދެވިއެވެ.

ހަމައެއާއެކު ބޭސް ސިޓީތަކަށް ބޭސް ދިނުމުގައި އެއީ ހަމަ ސައްހަ ސިޓީއެއްތޯ ބަލައިލުމެއް ނެތި ބޭސް ދިނުމާއި، އާސަންދަ މެދުވެރިކޮށް، ބޭސް ހިލޭ ލިބޭއިރު، ބޭހުގެ އަގުގައި ކޮންޓްރޯލެއް ނެތި އިންތިހާއަށް ބޮޑުކޮށްގެން ވިއްކުން ހިމެނެއެވެ.

ނަތީޖާއަކަށްވަނީ ހަމައަަގަށްވުރެ ބޮޑު އަގެއް ނަގައި، ބޭސް ވިޔަފާރިވެރިން ނާޖާއިޒް ފައިދާ ހޯދުމެވެ. އާސަންދައިން ފާމަސީތަކަށް ކުރާ ޚަރަދު އިންތިހާއަށް ބޮޑުވުމެވެ.

އެގޮތުން އާސަންދައިގެ އާ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައި ގޮތުން އެންމެ ބޮޑު ޚަރަދެއް ދަނީ ރާއްޖޭގެ ފާމަސީތަކުން ވިއްކާ ބޭހަށް ފައިސާ ދިނުމަށެވެ.

އެހެންކަމުން އާސަންދައިން ކޮރަޕްޝަނާއި ނާޖާއިޒް ފައިދާއަށް މަގުފަހިވާހެން ހުރި ދޮރުތައް ބަންދުކުރުން މުހިންމެވެ.

މިހެންނެއް މިކަމެއް ނުވާނެ، ހަރުދަނާ ކުރަންވެއްޖެ

އާސަންދައޭ ބުނުމުން ސިފަވާ ކޮރަޕްޝަނާއި، އަޑިއަޑިން ނަގާ ކަޓުތަކާއި މި ހުރިހާ ޑީލުތަކަށް އަވަސް ހައްލު ހޯދަން އެބަޖެހެއެވެ. މި ކަމަށް ޓަކައި ސަރުކާރުން މަޝްވަރާތަކެއް ފަށައި، ހައްލުތަކެއް ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭން އެބަޖެހެއެވެ.

އޭގެ ތެރެއިން ބައެއް ހައްލުތައް ޒީނިޔާ ވިދާޅުވިއެވެ. އެގޮތުން އޭނާ ވިދާޅުވީ ބޮޑެތި ބަލިތަކަށް ނޫނީ ސާޖަރީތަކަށް ޕެކޭޖްތަކެއް ހެދުމަކީ އެންމެ ފުރަތަމަ ކުރާނެ އެއް ކަންތައް ކަމަށެވެ.

"ޕެކޭޖްތައް ހެދިގެން އައީމަ އަޅުގަނޑުމެންނަށް އެނގޭނެ މިސާލަކަށް މިވެނި ސާޖަރީއަކަށް ދާނީ މިވެނި ވަރެއްގެ ޚަރަދެއްކަން. ޕެކޭޖު ހެދުމަކީ ދުނިޔޭގެ އެހެން ތަންތާގައި ވެސް ކުރާ ކަމެއް. ޕެކޭޖް ހަދާފަ ހުރޭ ޚަރަދު ރެޑިއުސްކޮށް އެ ސަސްޓެއިން ކޮށްފައި،" ޒީނިޔާ ވިދާޅުވިއެވެ.

އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ އިތުރު ކަމެއްގެ ގޮތުން ޒީނިޔާ ފާހަގަކުރެއްވީ، ރާއްޖެއިން ބޭރުން ޚިދުމަތް ހޯދާއިރު އެއް ލެވެލެއްގެ ހޮސްޕިޓަލުތައް ގްރޭޑުކުރުމަށްފަހު އާސަންދަ ސްކީމްގެ ދަށުން އެ ޚަރަދުތައް ބެލެހެއްޓުމެވެ.

"ރާއްޖެއިން ބޭރަށް އެންމެ ގިނައިން ފޮނުވަނީ އިންޑިއާ އަދި ސްރީލަންކާއަށް. އެތަންތަނުގައި ވެސް އެކި ސްޓޭޓްތަކުގައި އަގުތައް ތަފާތުވޭ. އަގުތައް ތަފާތުވަނީ ވެސް އެ ހޮސްޕިޓަލެއްގެ ސްޓޭންޑެޑް ވެސް ތަފާތުވީމަ. އެއް ސްޓޭޓެއްގަ ބައިވަރު ހޮސްޕިޓަލުތަކުގައި ހުންނަ އެއް އަގުތަކެއް ހިފެހެއްޓޭތޯ އަޅުގަނޑުމެން ވެސް ބަލާނަން،" ޒީނިޔާ ވިދާޅުވިއެވެ.

ހަމައެއާއެކު އިންޑައިރެކްޓް ސަބްސިޑީ ހުއްޓައިލައި ޑައިރެކްޓް ސަބްސިޑީ ދޭން ނިންމި ގޮތަށް އާސަންދަ ދިނުމުގައި ވެސް އެ މީހެއްގެ ދިރިއުޅުމުގެ ފެންވަރު ވަޒަންކޮށް، އެންމެ ނިކަމެތި މީހާއަށް ކުރާ ހޭދަ އިތުރުކޮށް، ތަނަވަސް މީހާއަށް ކުރާ ހޭދަ ލުއިކުރުމަކީ މި ނިޒާމު މާލީ ގޮތުން ހަރުދަނާކުރުމަށް ޓަކައި ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.

އޭގެ ސަބަބުން އެންމެ ބޭނުންޖެހިފައިވާ މީހާއަށް ބޭސްފަރުވާގެ އަސާސީ ނިޒާމު ޔަގީންކޮށްދީ، ގިނަ ބަޔަކަށް މި ނިޒާމުގެ ފައިދާ ލިބޭކަން ކަށަވަރުކުރުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ކޮންމެ އަކަސް ފުރަތަމަ ކުރަންވީ ކަންތައް ވަރަށް ސާފެވެ. އެއީ ޚަރާބުވާން ދޫކޮށްލައިފައި އޮތް އާސަންދަ ނިޒާމު، ރައްޔިތުންނަށް ހަގީގީ މަންފާ ލިބޭނެހެން ހަރުދަނާކުރުމެވެ. އިތުރު ގަވައިދުތައް ހަދައި، ފުރިހަމައަށް މެނޭޖުކުރުމެވެ. އޭރުން ދެމެހެއްޓެނިވި ގޮތެއްގައި މި ނިޒާމު ހިނގާނެއެވެ.

comment ކޮމެންޓް