އާސަންދައަށް ކުރި ހޭދަ ހަތަރު ގުނަ އިތުރު، ނަޝީދު ގުޅުވާލީ ޕްރައިމަރިއާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ސަރުކާރުން އާސަންދައަށް ކުރި ޚަރަދު ހަތަރު ގުނަ އިތުރުވެފައިވަނީ ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ސަބަބުންތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް ނަޝީދު ވަނީ ސަރުކާރުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ނުވަތަ ކޮންމެ ހަފުތާއަކު ސަރުކާރުން ހިނގާ ޚަރަދުގެ ތަފްސީލުން އާސަންދައަށް ކޮށްފައިވާ ޚަރަދަށް އަލިއަޅުވާލައްވާފައެވެ.

ފާއިތުވި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަރުކާރުން އާސަންދައަށް ޚަރަދުކޮށްފައިވަނީ 67.9 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު އެއަދަދު ވަނީ ހަތަރު ގުނަ އިތުރުވެފައެވެ. އެގޮތުން ސަރުކާރުން މިދިޔަ މަހު އާސަންދައަށް ކޮށްފައިވާ ޚަރަދު ވަނީ 283.4 މިލިއަން ރުފިޔާއަށް އަރާފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި މަލާމާތުގެ ރާގަށް ރައީސް ނަޝީދު ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ބަލި މީހުންގެ އަދަދު ހަތަރު ގުނައިން އިތުރުވެގެން ހިނގައްޖެ ކަމަށެވެ.

އެއީ އެތެރޭގެ އިންތިޚާބަކާ ގުޅިގެން އައި ބަދަލެއްތޯ ނޫވަތަ ހަގީގަތުގައިވެސް ބަލި މީހުންތައް ހަތަރު ގުނައަށް އިތުރުވެގެން ދިޔައީތޯ އެއީ މި މަޖިލީހުން އަހަން ޖެހޭ ސުވާލު. ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ހިނގާގޮތުގެ ތަފްސީލް ކޮންމެ ހަފުތާއަކުވެސް އާންމުކުރާއިރު، އެކަންކަމަކީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުން ބައްލަވައި ވިސްނަވަން ޖެހޭ ކަންކަން ކަމަށެވެ.

ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަނުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ކާމިޔާބުކުރައްވާފައިވާއިރު، އިންތިޚާބަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތު ކުރައްވައި، ރައީސް ނަޝީދު ވަނީ އިންތިޚާބުގެ ސައްހަ ކަމާމެދުވެސް މީގެ ކުރިން ސުވާލު އުފައްދަވާފައެވެ.

comment ކޮމެންޓް