ފިޔާ ލިބުން ދަތިވެ ބަސްތާއެއް 900 ރުފިޔާއާ ހަމައަށް މައްޗަށް

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް. ފިޔާގެ އަގު އިންތިހާއަށްވަނީ އުފުލިފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

ބާޒާރުގައި ފިޔާ ލިބުމުގައި ދަތިކަމެއް އައިސް، ފިޔާ ވިއްކާ އަގު އިންތިހާއަށް ބޮޑުވެއްޖެއެވެ.

މާލޭ ބާޒާރުމަތީ ސަރަހައްދުގައި ހޯލްސޭލްކޮށް މި ވިޔަފާރީ ކުރާ ބައެއް ފަރާތްތަކާ "ސަން"އިން ވާހަކަދައްކައިލުމުން އެ މީހުން ބުނީ ފިޔާ ލިބުމުގައި މިހާރު ވެސް ކޮންމެ ވެސް މިންވަރަކަށް ދަތިވެފައިވާކަމަށެވެ. އަދި ބާޒާރުގައި ވިއްކަން ހުރި ސްޓޮކް ވެސް މަދުވެފައިވާކަމަށް ބުންޏެވެ.

ބައެއް ހޯލްސޭލް ފިހާރަތަކުގައި ސްޓޮކް އެއްކޮށް ހުރީ ހުސްވެފައެވެ.

އަގުތައް ކުއްލިއަކަށް މަތިވެގެން އައިއިރު މީގެ ކުރިން ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 200 ރުފިޔާއާ 350 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ނަމަވެސް މިހާރު 500 ރުފިޔާއަށް ވެސް ބައެއް ފިހާރަތަކުން އަގު ބޮޑުކޮށްފައިވާއިރު، ގިނަ ފިހާރަތަކުގައި ފިޔާ ވިއްކަނީ 800 ރުފިޔާއާއި 900 ރުފިޔާއާ ދެމެދުގެ ބޮޑު އަގެއްގައެވެ.

ކުރީގެ އަގުތަކަށްވުރެ މިހާރުގެ އަގު ތިން ގުނަ ބޮޑުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ވިޔަފާރިވެރިން ފާހަގަކުރަނީ އިންޑިއާއިން އެހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ވަގުތީ ގޮތުން ހުއްޓައިލުމެވެ.

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް. ފިޔާގެ އަގު އިންތިހާއަށްވަނީ އުފުލިފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

"އިންޑިއާއިން ފިޔާ ނުލިބޭތީ އަސްލު މިހާރު އެހާ އަގުބޮޑުވަނީ. ނުލިބޭނެ ކަމަށް ބަލައި ސްޓޮކް ގިނަ ދުވަހަށް ހުސްނުކޮށް ދަމަހައްޓާނަމަ އެބަޖެހޭ އަގުތައް ބޮޑުކުރަން،" ވިޔަފާރިވެރިއަކު ބުންޏެވެ.

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ގައުމަކީ އިންޑިއާއެވެ. ނަމަވެސް އެ ގައުމުންވަނީ ވަކި ގައުމެއް އިސްތިސްނާ ކުރުމެއް ނެތި، އެއްވެސް ގައުމަކަށް ފިޔާ އެކްސްޕޯޓްކުރުން އަންނަ މާޗު މަހުގެ ނިޔަލަށް ހުއްޓައިލައިފައެވެ.

ނަމަވެސް, އެހެން ގައުމުތަކުގެ ސަރުކާރުން އިންޑިއާ ސަރުކާރުގައި ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދައަށް އެދިއްޖެ ހާލަތެއްގައި އެކަން ކޮށްދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ.

https://sun.mv/185827

އެއާއެކު މިހާރު ރާއްޖޭގެ ބާޒާރުގައި ލިބެން ހުރީ ޕާކިސްތާނުން އެތެރެކުރާ ފިޔައާއި، މަދުމަދުން ޗައިނާއިން އެތެރެކުރާ ފިޔައެވެ.

ނަމަވެސް ފިޔާ ލިބުން ކުރިއަށްހުރި ދުވަސްތަކުގައި ދަތިވާނެކަމަށް އަންދާޒާކޮށް އެ ގައުމުތަކުން އެތެރެކުރާ ފިޔަލުގެ އަގު ވެސް ކޮންމެވެސް މިންވަރަކަށް ވަނީ މަތިވެފައެވެ.

https://sun.mv/185844

ބާޒާރުގައި މިހާރު ފިޔާގެ އަގު އުފުލިފައިވާއިރު އިންޑިއާއިން ފިޔާ އެކްސްޕޯޓް ހުއްޓައިލި ނަމަވެސް ދިވެހިން ކަންބޮޑުވާން ނުޖެހޭނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ވަކިވަކި ޤައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު ގެނައުމަކީ އެކި ދުވަސްވަރު ކަން ހިނގާ ގޮތްކަމަށެވެ.

އެހެން ނަމަވެސް، ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ޤައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް