މާޗު މަހުގެ ނިޔަލަށް އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފި

އިންޑިއާގެ ފިޔާ ގުދަނެއްގައި މަސައްކަތްތެރިއަކު މަސައްކަތްކުރަނީ --

އަންނަ މާޗު މަހުގެ ނިޔަލަށް އިންޑިއާއިން އެއްވެސް ގައުމަކަށް ފިޔާ ބޭރުކުރުން މަނާކޮށްފިއެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފިޔާ އެތެރެކުރާ ގައުމެވެ. އެހެންކަމުން އެ ގައުމުން ފިޔާ ބޭރުކުރުން ހުއްޓައިފިނަމަ ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

"ރޮއިޓާސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާއިން ވަނީ އަންނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހާ ހަމައަށް ފިޔާ ބޭރުކުރުން މަނާކޮށް އަމުރެއް ނެރެފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ސަ އިންޑިއަން އެކްސްޕްރެސް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ޑިރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ)ން ނެރުނު ބަޔާނެއްގައި ބުނީ ފިޔާ އެތެރެކުރުން މަނާކުރި ނަމަވެސް، އިންޑިއާ ސަރުކާރުން ހުއްދަ ދޭނެ ވަކި ހާލަތްތަކެއްވާނެ ކަމަށެވެ.

އެގޮތުން އެ ބަޔާން ނެރުމުގެ ކުރިން ފިޔާ ބަރުކުރަން ފަށައިފައިވާ އުޅަނދު ތަކަށް ފިޔާ ޝިޕްމަންޓްތައް އެކްސްޕޯޓު ކުރުމުގެ ހުއްދަ ދޭނެ ކަމަށް ޑީޖީއެފްޓީން ބުންޏެވެ.

މީގެ އިތުރުން ޝިޕިން ބިލް ހުށަހަޅައި، މިހާރުވެސް އިންޑިއާގެ ބަނދަރުތަކުގައި ލޯޑުކޯށްފައިވާ އުޅަނދުތަކަށް ހުއްދަ ދެވޭނެ ކަމަށެވެ.

އަދި އެފަދައިން އެކްސްޕޯޓު ކުރުމުގެ އެންމެ ފަހު މުއްދަތަކީ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަސް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ނަމަވެސް, އެހެން ގައުމުތަކުގެ ސަރުކާރުން އިންޑިއާ ސަރުކާރުގައި ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދައަށް އެދިއްޖެ ހާލަތެއްގައި އެކަން ކޮށްދޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް