އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024ގެ ޅ. ނައިފަރުގެ ޗެމްޕިއަންކަން ޓީމް "ހުސްބުޅި"އިން ހޯދައިފިއެވެ.
އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަކޮށް ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫގައި ބޭއްވުމަށް ނިންމާފައެވެ.
ނައިފަރުގައި މަސްރޭހަށް ރެޖިސްޓާ ކުރި 18 ޓީމާއެކު މި މުބާރާތް ބޭއްވީ އިއްޔެއެވެ. އެގޮތުން ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ޚާއްސަ ގިނަ އެވޯޑުތަކެއް ދީފައެވެ.

އުރީދޫ މަސްރޭސް 2024: 698.45 ޕޮއިންޓާއިއެކު މުބާރާތުގެ ދެވަނަ ކާމިޔާބުކުރި ޗިލް ބްރޯޒް ޓީމް--- ފޮޓޯ/ އުރީދޫ
ނައިފަރުގައި ބޭއްވި މަސްރޭހުގެ ވަނަތަކަށް ގޮސްފައިވާ ފަރާތްތަކުގެ ތެރޭގައި:
- ޗެމްޕިއަން ޓީމް: 921.4 ޕޮއިންޓާއެކު ހުސްބުޅި
- ދެވަނަ ޓީމް: 698.45 ޕޮއިންޓާއިއެކު ޗިލް ބްރޯޒް
- 3ވަނަ ޓީމް: 438.3 ޕޮއިންޓާއިއެކު ޓީމް ކޮރަކަލި
މި ވަނަތަކުގެ އިތުރުން އުރީދޫއިން ވަނީ އެންމެ ބަރު މަސް ބޭނި ފަރާތާއި އެންމެ މޮޅު ކެޔޮޅު ފިރިހެން އަދި އަންހެން ހޮވާފައެވެ.
އެގޮތުން އެންމެ ބަރު މަސް ބާނާފައި ވަނީ އަލިފަސް ޓީމްގެ މުހައްމަދު ނަޝީދެވެ. އޭނާ ބާނާފައި ވަނީ 9.4 ކިލޯގެ މުޑަ ހަންޖެކެވެ.

އުރީދޫ މަސްރޭސް 2024: މަސްރޭހުގެ ޓީމެއް މަހަށް ނިކުމެ--- ފޮޓޯ/ އުރީދޫ
އެންމެ މޮޅު ފިރިހެން ކޯޗަކަށް ހޮވިފައި ވަނީ ޗިލް ބްރޯސްގެ އަލީ އަބްދުﷲއެވެ. އެޓީމުން ވަނީ 24 މަސް ބާނާފައެވެ. އަދި އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވިފައި ވަނީ ޓީމް ކޮރަކަލީގެ ޖަވާދާ އަހްމަދެވެ. އެޓީމުން 15 މަސް ބާނާފައިވެއެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ މަސްރޭސްގެ ޕާޓްނަރުންގެ ފަރާތުން، ނައިފަރުގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
އުރީދޫ މަސްރޭސް މިދިޔަ މަހުގެ ނުވައެއްގައި ހިންމަފުށީގައި ބާއްވާފައިވާއިރު އެ މުބާރާތުން އެއް ވަނައަށް ދިޔައީ ސިފްކޯއެވެ.