ޖަރުމަނުވިލާތުގައި ރާއްޖެ ތަމްސީލުކުރުމަށް އެޖެންސީއެއް ހޯދަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން މަހަކަށް 3،600 ޑޮލަރު (55،293.65 ރުފިޔާ)ގެ ބަޖެޓެއް ކަނޑައަޅައި، މިއަދު އިއުލާނުކޮށްފައެވެ.
އެމްއެމްޕީއާރުސީން ކުރި އިއުލާނުގައިވާ ގޮތުން ޖަރުމަނުގައި ރާއްޖެ ތަމްސީލުކުރުމަށް އެޖެންސީއެއް ހޯދަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
މި ޕްރޮޖެކްޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވަނަ ދުވަހުގެ 12:00އެވެ.
މި ޕްރޮޖެކްޓަށް ކަނޑައަޅާފައި ވަނީ މަހަކަށް 3،600.00 ޑޮލަރު ނަމަވެސް މަސައްކަތުގެ ސްކޯޕްގައި ބަޔާންކޮށްފައިވާ އެއްވެސް ޚިދުމަތަކާ ގުޅޭ އިތުރު ފައިސާއެއް ދައްކަން ޖެހިއްޖެނަމަ، އެމްއެމްޕީއާރުސީން ދައްކަން ނުޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީން ކޮންޓްރެކްޓް އާކޮށްފިނަމަ މަހު ފީ ބޮޑުކުރެވޭނީ މިހާރު އޮތް ކޮންޓްރެކްޓް އަގުގެ ގިނަވެގެން 20 އިންސައްތައަށް ކަމަށް އިއުލާނުގައިވެއެވެ.
އެމްއެމްޕީއާރްސީގެ އިއުލާނުގައި ބުނާ ގޮތުންނަމަ މި ޕްރޮޖެކްޓަށް ބީލަން ހުށަހަޅާ އެޖެންސީއަކީ ފާއިތުވީ ފަސް އަހަރު ތެރޭގައި އެފަދަ މަސައްކަތެއްގެ ތަޖުރިބާ ލިބިފައިވާ އެޖެންސީއަކަށް ވާންޖެހޭނެއެވެ. އެފަދަ ތަޖުރިބާއެއް ލިބިފައި ނެތް ނަމަ، ނުވަތަ އެޕްލައި ކުރާއިރު ތަޖުރިބާގެ ލިޔުމެއް ނުވަތަ އީމެއިލްއެއް ހުށަހަޅާފައި ނުވާނަމަ ޑިސްކޮލިފައިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ޕްރޮޖެކްޓުގެ އެންމެ ބޮޑު އެއް މަގުސަދަކީ ޖަރުމަނުވިލާތުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި، ރާއްޖެއާ މެދު މީހުން އަހުލުވެރިކުރުވުމެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ މާކެޓުތަކުގެ ތެރެއިން ޖަރުމަނުގެ މާކެޓު ފުޅާކުރުމެވެ.
ޖަރުމަނުވިލާތަކީ މިހާރު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 މާކެޓުތަކުގެ ތެރެއިން އެއް މާކެޓެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް އެ ގައުމުން ވަނީ 95،217 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައެވެ. އަދި އެއީ ރާއްޖެއަށް ފަސް ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓު ވެސްމެއެވެ.