ވަޒީރުންނަށް ރުހުންދޭން ވަކިވަކިން ވޯޓަށް އަހަން ފާސްކޮށްފި

އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް ހުވާ ކުރައްވަނީ: މަޖިލީހުގެ ކޮމިޓީން މިއަދު ވަނީ ވަޒީރުންނަށް ރުހުންދޭން ވަކިވަކިން ވޯޓަށް އަހަން ފާސްކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުން ވެސް ގާނޫނު އަސާސީގައި ބުނާ ޝަރުތުހަމަވާކަމަށް ކަނޑައަޅައި، އެ ވަޒީރުންނަށް ރުހުންދޭން ވަކިވަކިން ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު އޮތް ކޮމިޓީގައި އޮތީ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ކަނޑައެޅުމެވެ.

ކޮމިޓީން ވަނީ 22 ވަޒީރުންގެ ވެސް ގާނޫނު އަސާސީގައި ބުނާ ޝަރުތުތައް ހަމަވާ ކަމަށެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވަނީ ރުހުން ހޯދަން ހުރިހާ ވަޒީރުންނަށް ވަކިވަކިން ވޯޓަށް އަހަން ހުށަހަޅުއްވައިފައެވެ. އޭނާ ހުށަހެޅުއްވި 22 ވަޒީރުންގެ ރިޕޯޓު އެއްކޮށް ތަޅުމަށް ފޮނުވި ނަމަވެސް ރުހުން ހޯދަން ތަޅުމުގައި ވޯޓަށް އަހާއިރު ވަކިވަކިން ވޯޓަށް އަހާށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މި ފަހުން ޕީއެންސީއާ ގުޅިވަޑައިގެން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

އެ ހުށަހެޅުމަށް ކޮމިޓީގައި މިއަދު ވޯޓަށް އެހުމުން ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުން އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފައެވެ.

އާ ސަރުކާރުގެ ވަޒީރުންގެ ގޮތުގައި 22 ވުޒާރާއަށް ރައީސް އައްޔަންކުރެއްވި ބޭފުޅުންނަކީ:

  • ދިފާޢީ ވުޒާރާ - މުހައްމަދު ޣައްސާން މައުމޫން
  • ޚާރިޖީ ވުޒާރާ - މޫސާ ޒަމީރު
  • ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ - އަލީ އިހުސާން
    މާލީ ވުޒާރާ - ޑރ މުހައްމަދު ޝަފީގު
  • ތަޢުލީމީ ވުޒާރާ ޑރ. އިސްމާއިލް ޝަފީއު
  • ޞިއްޙީ ވުޒާރާ - ޑރ. އަބްދުﷲ ޚަލީލް
  • އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ - މުހައްމަދު ސައީދު
  • މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ - އަހުމަދު ޝިޔާމް
  • ބަންޑާރަ ނައިބުގެ އޮފީސް - އަހުމަދު އުޝާމް
  • އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ފަތުރުވެރިކަމާ ބެހޭ ވުޒާރާ - އިބްރާހިމް ފައިސަލް
  • އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ - ޑރ. އައިޝަތު ޝިހާމް
  • ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ - އަބްދުﷲ ރަފީއު
  • މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ - ތޯރިގް އިބްރާހިމް
  • ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ - ޑރ. އަލީ ހައިދަރު
  • ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ - މުހައްމަދު އަމީން (ކެޕްޓަން އަމީން)
  • ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ - އާދަމް ނަސީރު އިބްރާހިމް
  • މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ - ޑރ. މަރިޔަމް މާރިޔާ
  • އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ - ޑރ. އަބްދުﷲ މުއްތަލިބް
  • ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ - ޑރ. އައިޝަތު ރަމީލާ
  • ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ - އިބްރާހިމް ވަހީދު (އަސްވާޑު)
  • ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ - އާދަމް ޝަރީފް އުމަރު

އޭގެ ތެރެއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީގެ ބައެއް މެންބަރުން މީގެ ކުރިން ގޮވާލާފައިވެއެވެ. އެކަމަކު، އެފަދަ އެއްވެސް ރަސްމީ ނިންމުމެއް މިހާތަނަށް ނިންމައިފައެއް ނުވެއެވެ.

comment ކޮމެންޓް