ރާއްޖެއަށް ޗައިނާ މުހިއްމު، ގެންގުޅޭނީ ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް: ނައިބު ރައީސް

"ޗައިނާ - އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ތަރައްޤީއަށް ޗައިނާއަކީ ވަރަށް މުހިންމު ޤައުމެއް ކަމަށާއި ދެ ޤައުމުން ވެސް އިޖްތިމާޢީ ތަރައްޤީއާއި، ސުލްހަމަސަލަސްކަން އަދި ތަނަވަސްކަން އިތުރު ކުރުމުގެ މަގުސަދުގައި ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭނެ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، "ޗައިނާ - އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ޗައިނާއާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ސަރުކާރެއް ކަމަށެވެ. އަދި، ދެގައުމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިޙްތިރާމާއި ދެ ޤައުމުން ޙިއްޞާކުރާ އަމާޒުތަކަށް މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

https://sun.mv/185810

މީގެ އިތުރުން، އެމަނިކުފާނު ވަނީ ދެ ޤައުމަށް ވެސް ފައިދާކުރަނިވި އެކިއެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

އެ މަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑާ ގުޅިފައިވާ ކާރިސާތަކާއި، ދުނިޔެ ހޫނުވުމާއި، ރަށްގިރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައްފަދަ ގެއްލުންތަކަކީ ރާއްޖެއިން ވެސް ތަޖުރިބާކުރަންޖެހޭ ކަންތައްތައްކަން ފާހަގަކުރައްވައިފައެވެ. އަދި، ދިވެހިން ދިރިއުޅުމަށް ކުރާ މަސައްކަތް ގުޅިފައިވަނީ ކަނޑުގެ ދިރުންތަކާއި، ނޫ އިޤްތިޞާދާ ކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތަކީ ކަނޑުގެ ދުޅަހެޔޮކަމުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތައްކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަދި، ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއްގެ ވެރި ޤައުމެއް ނަމަވެސް ރާއްޖެއަކީ ވިލުންތެރި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރަމުން އަންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. މުޖުތަމަޢުތަކަށާއި ތިމާވެއްޓަ ފައިދާވާ ގޮތަށް ކަނޑުގެ ދިރުންތަކުގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އީޖާދީ ގޮތްތައް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ފޯރަމް ވެގެންދާނީ ޚިޔާލު ބަދަލުކޮށް، ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވި، މި ސަރަޙައްދުގެ މުސްތަޤްބަލް ބައްޓަންކުރުމަށް ލިބޭ މުހިންމު ފުރުސަތަކަށްކަން ޔަޤީންކުރައްވާ ކަމުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތައް އިތުރުކޮށް ތަރައްގީގެ މަޝްރޫއުތައް އިތުރުކުރާނެ ކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ވަނީ ދީފައެވެ.

comment ކޮމެންޓް