އެމްޑީއޭއިން މަޖިލިސް އިންތިޚާބަށް ޕީޕީއެމް ޕީއެންސީ ޕްރައިމެރީގައި ބައިވެރިވެއްޖެ

އެމްޑީއޭއިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުން-- ސަން ފޮޓޯ:

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މަޖިލިސް އިންތިޚާބަށް ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ، ޕޮރޮގްރެސިވް ކޮންގަރެސް ކޯލިޝަނުން މަޖިލިސް ޕްރައިމެރީ ކުރިއަށް ގެންދިއުމަށް އެކުލަވައިލާފައިވާ ގައިޑްލައިންގައިވާ ގޮތުގެ މަތިން، އެ ކޯލިޝަންގެ ލީޑަޝިޕާ އެއްބަސްވެވޭ އުސޫލެއްގެ ތެރެއިން އިތުރު ސިޔާސީ ޕާޓީތަކަށް ޕްރައިމެރީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ.

އެހެންކަމުން އެމްޑީއޭގެ ފަރާތުން ޕްރައިމެރީގައި ވާދަކުރަން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލައިފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

އެމްޑީއޭގެ ފަރާތުން ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ މީހުންގެ ފުރިހަމަ ވާންޖެހޭ ޝަރުތުތައް:

  • 2023 ޑިސެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ހިމެނިފައިވުން.

  • ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ފަރާތަކަށްވުން.

  • ގާނޫނު އަސާސީންނާއި، ގާނޫނުތަކުން އެ އިންތިޚާބަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަންވާ ޝަރުތައް ފުރިހަމަވުން.

  • އަބުރުވެރި ނަޒާހަތްތެރި މީހެއް ކަމުގައިވުން.

އެމްޑީއޭއިން ބުނީ ކޯލިޝަން އުސޫލާ އެއްގޮތައް ޕްރައިމެރިގައި ޕާޓީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ މީހުން ފުރިހަމަ ކުރަންޖެހޭ ފޯމާއި ކެންޑިޑޭޓުން ފުރިހަމަ ކުރަންޖެހޭ އިޤުރާރު އަންނަ ހޯމަ ދުވަހުގެ 14:00 ކުރިން ޕާޓީ އޮފީހަށް ނުވަތަ ޕާޓީގެ އީމެއިލަށް ހުށަހަޅަންވާނެ ކަމަށެވެ.

އެއާއެކު ފޯމާއި އިޤުރާރު މިއަދުން ފެށިގެން ހެނދުނު 9:00އިން މެންދުރު 14:00 އަށް ޕާޓީ އޮފީހުން ލިބެން ހުންނާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

އެމްޑީއޭއަކީ ނިމިދިޔަ ސަރުކާރުގެ ކޯލިޝަން ޕާޓީއެކެވެ. އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕަޓީން ވަނީ އެމްޑީޕީއާ އެކު ކޯލިޝަން ހަދައިފައެވެ.

ނަމަވެސް، ދެވަނަ ބުރުގައި އެ ޕާޓީން ވަނީ ޕީޕީއެމް ޕީއެންސީއާއެކު ކޯލިޝަން ހަދަން ނިންމައިފައެވެ. އަދި މި ސަރުކާރު ހޮވުމަށް މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް