އިންޑިޔާގެ ކޮންމެ ރައްޔިތަކަށް ވެސް އޭއައި ލިބޭނެ ގޮތް ހަދަނީ

އިންގްލެންޑްގެ ބްލެޗްލީގައި ކުރިއަށްދާ އޭއައި ސޭފްޓީ ސަމިޓްގެ ފުރަތަމަ ދުވަހު އިންޑިއާގެ ޓެކްނޮލޮޖީ މިނިސްޓަރު ރަޖީވް ޗަންދްރަޝޭކަރު ވާހަކަ ދައްކަވަނީ .--- ފޮޓޯ: ގެޓީ އިމޭޖާސް

އިންޑިއާއިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާނީ އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ކަމަށާއި ޓެކްނޮލޮޖީ ގޯސް ނުކުރާނެ ކަމަށާއި، އިންޑިއާގެ ކޮންމެ ރައްޔިތަކަށް ވެސް އޭއައިގެ ފުރުޞަތު ހޯދައިދެއްވާނޭކަމަށް އިންޑިއާގެ އައިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ރަޖީވް ޗަންދްރަޝޭކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބުދަ ދުވަހު ބޭއްވި ގްލޯބަލް ޓެކްނޮލޮޖީ ސަމިޓްގައި ވާހަކަ ދައްކަވަމުން ޗަންދްރަޝޭކަރު ވިދާޅުވީ އިންޑިއާއަކީ އޭއައިއަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ގައުމެއް ކަމަށެވެ.

ޗަންދުރަޝޭކަރު ވިދާޅުވީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން "ގެއްލުމާއި ކުށުގެ" ފުރުސަތު އޮތް ނަމަވެސް، އިންޑިއާގެ ސްޓޭންޑަކީ ހަމައެކަނި ސަލާމަތާއި އިތުބާރުގެ ވިސުނުމުން އޭއައިއަށް ބަލައިގެން އޭއައިއާ މެދު "މާ ބޮޑަށް އޮބްސެސް" ކުރުން ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އޭއައި ރެގިއުލޭޓް ކުރުމަށް ޓަކައި ސަލާމަތާއި، އިތުބާރު ހިފޭ އަދި ޖަވާބުދާރީކުރުމުގެ ގަވައިދުތަކެއް ހަދަން ޖެހޭ ކަމަށެވެ.

އިންޑިއާގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދާނާގެ ފޭކް ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އޭއައިއިން އުފައްދާ "ޑީޕްފޭކް ކޮންޓެންޓްއާ ދެކޮޅަށް އިންޑިއާއިން ދަނީ މަސައްކަތްތައް ކުރަމުންނެވެ. އެއަށްފަހު އެގައުމުން ވަނީ ރެގިއުލޭޓަރީ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ.

އޭއައި ރެގިއުލޭޝަނާ ބެހޭ ގޮތުން އިންޑިއާގެ އެންމެ ބޮޑު ތިންކް ޓޭންކް ކަމަށްވާ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ޓެކްނޮލޮޖީގެ ބޭނުން އިތުރުވަމުންދާ މިންވަރާއި ގަވާއިދުތައް ނެތުމުގެ ސަބަބުން "އިތުރުވަމުންދާ ކަންބޮޑުވުން" ތަކާއެކުވެސް އޭއައި ހިންގުމާއި ރެގިއުލޭޓް ކުރުމުގެ މަސައްކަތް އަދިވެސް އޮތީ "އާދަޔާ ޚިލާފަށް ލަސް މަރުހަލާއެއްގައި" ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ އިންޑިއާއިން އަދިވެސް ޔުނިފައިޑް ނޭޝަނަލް އޭއައި ގަވަނަންސް މެކޭނިޒަމެއް އެކުލަވާލާފައި ނުވާ ކަމަށެވެ.

ޗަންދްރަޝޭކަރު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، އީލޮން މަސްކްގެ އޭއައި ނުވަތަ ސޭމް އޮލްޓްމަންގެ އޯޕަންއޭއައި ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކާ ވާދަކުރުމުގެ ބަދަލުގައި މުޖުތަމައުތަކަށް ހެޔޮ އަސަރެއް ފޯރުވުމަށް އޭއައި ބޭނުންކުރުން ކަމަށެވެ.

އޯޕަންއޭއައިއަކީ ބަހުގެ މޮޑެލް، ޗެޓްޖީޕީޓީއަށް މަޝްހޫރު ކުންފުންޏަކަށް ވާއިރު، ޓެސްލާގެ ސީއީއޯ އެލޮން މަސްކް ވެސް ވަނީ މި އަހަރުގެ ކުރީކޮޅު އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓެއް ކަމަށްވާ ގްރޯކް ޗެޓްބޮޓް ދައްކާލައިފައެވެ.

ތައުލީމާއި ވިޔަފާރިވެރިކަމުގައި އޭއައިގެ ދައުރަށް އިންޑިއާއިން އަންނަނީ ވަކާލާތު ކުރަމުންނެވެ. އިންޑިއާގައި އެއް އަހަރު ދުވަހުގެ ތެރޭގައި އެއް މިލިއަން މީހުން އޭއައިއަށް ތަމްރީނު ކުރުމުގެ މަގުސަދުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ 2021 ވަނަ އަހަރު "އޭއައި ފޯ އޯލް" އިނީޝިއޭޓިވް އިފްތިތާހު ކުރައްވައިފައެވެ.

އިންޑިޔާގެ ކޮންމެ ރައްޔިތަކަށް ވެސް އޭއައި ލިބޭނެ ގޮތް ހެދުމަށްޓަކައި ސަރުކާރުން އަންނަނީ އޭއައި ބަހުގެ ތަރުޖަމާގެ ނިޒާމެއް ކަމަށްވާ "ބަޝިނީ" ތަރައްގީ ކުރަމުންނެވެ.

comment ކޮމެންޓް