އެކްސިޑެންޓު ގިނައީ އޮފީސްތައް ނިމޭ ވަގުތު

ހުޅުމާލޭ މަގުމަތި -- ސަން ފޮޓޯ

ހުޅުމާލޭގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާ ވަގުތުތަކަކީ ހަވީރާއި ރޭގަނޑު ކަމަށް ފުލުހުން ބުނެފިއެވެ.

މި ފަހުން ހުޅުމާލޭގައި ވަނީ އެކްސިޑެންޓުތަކުގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އަދި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި މިދިޔަ ހަފުތާގައި މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.

"ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހުޅުމާލޭ ފޭސް އެކެއްގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝުޖާއު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ހުޅުމާލޭ ފޭސް އެކަކުން 852 އެކްސިޑެންޓެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައި ވަނީ، ހަވީރުން ފެށިގެން ރޭގަނޑު 11:30އާ ދެމެދުގެ ވަގުތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އެކްސިޑެންޓުތަކުގައި ފާހަގަކޮށްލެވޭ ގާތްގަނޑަކަށް 407 ވަރަކަށް އެކްސިޑެންޓު ހަވީރު ހިނގާފައިވަނީ. ދެން 300 ކޮންމެ ވެސް ވަރަކަށް އެކްސިޑެންޓް ހެނދުނު ހިނގާފައި ވަނީ، 81 އެބަ އުޅޭ ދަންވަރު ހިނގާފައި،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި ހުޅުމާލޭގައި މިހާރު ދުވާލަކު އެވަރެޖްކޮށް ދޭއް ނުވަތަ ތިން އެކްސިޑެންޓު ހިނގައެވެ.

ހަވީރުގެ ވަގުތުގައި ހިނގާ އެކްސިޑެންޓްތައް ގިނަވާ ސަބަބު ކަމަށް އޭނާ ފާހަގަކުރީ އެ ވަގުތަކީ އޮފީސް ނިންމުމަށް ފަހު ގިނަ ބަޔަކު އަނބުރާ ހުޅުމާލެ އަންނަ ވަގުތަށް ވުމެވެ. އަދި، ގިނަ ބަޔަކު އެންމެ ގިނައިން ބޭރަށް ނުކުންނަ ވަގުތަކީ ހަވީރު ވަގުތުކަން ޝުޖާއު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ހަވީރުގަޑީ ހުޅުމާލޭގެ މަގުމަތި ވަރަށް ބޮޑަށް ތޮށްޖެހޭ ކަމަށެވެ.

އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ތަނަކަށް ދާންޖެހޭނަމަ ވަގުތު އޮއްވާ ނުކުތުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވަގުތު ޖެހުމުން ގެއިން ނުކުމެ ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ވެސް ވަރަށް ގިނަ އަދަދެއްގެ އެކްސިޑެންޓުވެފައި އެބަހުރި ކަމަށެވެ.

comment ކޮމެންޓް