އިންޑިއާ ސިފައިންގެ އަދަދު އޮޅުންއަރާތީ ކުއްލި މައްސަލައެއް

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ -- ފޮޓޯ/ މަޖިލިސް

އެކުވެރި އަރަބި އިމާރާތުގައި ބޭއްވި ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން އެ ގައުމުން އެއްބަސްވެފައިވާކަން ހާމަކޮށްފައިވާތީ، އިންޑިއާ ސިފައިން ބާލަން އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުމެއް ހާމަކުރަން ގޮވައިލައި ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 33ވަނަ ޖަލްސާގައި އެ ކުއްލި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ.

އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ އިންޑިއާ ސިފައިން ބާލަން އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމެއް ރައްޔިތުންނަށް ހާމަކުރަން ޖެހޭނެ ކަމަށެވެ.

އެހެންވެ، އިންޑިއާ ސިފައިން ބާލަން އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުން ހާމަކުރަން ވަނީ ގޮވައިލައިފައެވެ.

ކުއްލި މައްސަލައިގައިވަނީ ގައުމީ ސަލާމަތާއި އިސްތިގުލާލަށް ނުރައްކާވާހެން ހަދާފައިވާ ކަމަށް ރައީސް މުއިއްޒު ކުރިން ތުހުމަތު ކުރެއްވި ހުރިހާ އެއްބަސްވުމެއް ވެސް ހާމަކުރަން ގޮވާލައިފައެވެ.

"އަރަބި އެމިރޭޓްސްގައި ބޭއްވުނު ކޮޕް 28ގެ ސައިޑްލައިންގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ އެކު ބޭއްވުނު ބައްދަލުވުމުގައި އިންޑިއާ ސިފައިން ބާލަން ވެފައިވާ އެއްބަސްވުން ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް ހާމަ ކުރުމަށް ގޮވާލައި،" މައްސަލައިގައި ބުނެފައިވެއެވެ.

އެ ކުއްލި މައްސަލަ ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވި 36 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ ވޯޓާއެކު ވަނީ އެ މައްސަލަ މަޖިލީހަށް ބަލައިގެންފައެވެ. އެ މައްސަލަ ބަލައިނުގަންނަން ތިން މެންބަރުން ވޯޓު ދެއްވިއެވެ.

https://sun.mv/185593

ކުއްލި މައްސަލަ ހުށަހެޅުމަށްފަހު ވާހަކަދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ކަމަށް ވިދާޅުވެ، އެކިއެކި ބޭބޭފުޅުން ވިދާޅުވަނީ އެކިއެކި އަދަދުތައް ކަމަށެވެ. އެހެންވެ، އެ ކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދޭން އޭނާ ވަނީ ގޮވާލައިފައެވެ.

"މިލިޓަރީ ވިސާގައި ރާއްޖޭގައި ތިބީ ކިތައް އިންޑިއާ ސިފައިންތޯ، ހަތިޔާރު ހުރީ ކޮންތާކުތޯ؟ ހަތިޔާރު އެޅި ސިފައިން ތިބީ ރާއްޖޭގެ ކޮން ރަށެއްގައި ތޯ ނުވަަތަ ކޮން ސަރަހައްދެއްގައިތޯ މިއިން އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ހާމަވެފައެއް ނުވޭ،" އަހުމަދު ވިދާޅުވިއެވެ.

ސަރުކާރުން އެންމެ ފުރަތަމަ ބުނެފައިވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ހޯދުނު ހޯދުންތަކުން ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ތިބިކަން އެނގިފައިވާ ކަމަށެވެ.

އެކަމަކު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އިންޑިއާ ސިފައިންގެ އަދަދު މިހާރު 89އާ ހަމައަށް އަރާ ކަމަށާއި އެ އަދަދު އެއަށްވުރެ ވެސް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެއީ، އަދިވެސް އެ ކަންކަން ސާފުކުރުމުގެ މަސައްކަތްތައް އެއްކޮށް ނުނިމޭތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެ ގައުމުން ވަނީ އެއްބަސްވެފައެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެސް އަދި އޭގެ ކުރީގައި ވެސް އޭރު އިދިކޮޅުގައި ތިބި ޕީޕީއެމް/ޕީއެންސީން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ ރާއްޖޭގައި ގާއިމުވެ ތިބޭ އިންޑިއާ ސިފައިންގެ ވާހަކައެވެ. ހުރިހާ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަކީ ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުފުޅެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ގެންދަން އެ ގައުމުން އެއްބަސްވެ، ދެ ގައުމު ގުޅިގެން މަސައްކަތްކުރާ ކަމަށް ބުނި ނަމަވެސް އެ ގައުމުގެ ސިފައިން ފޮނުވައިލެވޭނެ ތާރީޚެއް ސަރުކާރުން ނުބުނެއެވެ.

އަދި، އިންޑިއާއާ އެކު 100އަށް ވުރެ ގިނަ އެއްބަސްވުން ކުރީ ސަރުކާރުން ހަދައިފައިވާއިރު، އެ އެއްބަސްވުންތައް ދިރާސާ ކުރުމުގެ މަސައްކަތް ސަރުކާރުން އަދިވެސް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް