ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ކޮޕް28 ސަމިޓުގައި ބޭއްވެވި މަޝްވަރާތަކާ ބެހޭ ގޮތުން ވާހަކަދެއްކެވިއެވެ.
ރައީސް މިއަދު ވިދާޅުވީ، އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިން ތެރޭގައި ވެސް އަދި ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ވެސް، ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެކަން ޔަގީން ކުރައްވާނެކަން ތަކުރާރުކޮށް ވިދާޅުވެފައިވާނެ ކަމަށެވެ.
އެހެންވެ، ރައީސް ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ސަރުކާރުން ރަސްމީކޮށް އެދުނުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ ކެމްޕެއިންގައި ވޯޓެއް ހޯދަން ދެއްކި ވާހަކައެއް ނޫން. ދިވެއްސަކަށްވީތީ، އަޅުގަނޑު ބޭނުންވަނީ ދިވެހިން އިސްކުރަން، ދިވެހި ގައުމުގެ މަސްލަހަތު އިސްކުރަން. ދިވެހިން އަޅުގަނޑަށް އެންމެ ފުރަތަމަ އަންނާނީ،" ރައީސް ވިދާޅުވިއެވެ.
އެހެންވެ، ޑިޕްލޮމެސީ އުސޫލުން އެކަމާ ގުޅުން ހުރި މަސައްކަތްތައް ކުރިއަށްގެންގޮސް، އެކަމާ ގުޅޭ ގޮތުން އެންމެ އިސް ލެވެލްގައި ގާތްގަނޑަކަށް ފަސް ބައްދަލުވުން ބާއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި އޭގެ ކުރިން ކުރެވުނު މަސައްކަތާއި މިއަދާ ހަމައަށް އައިއިރު ކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އިންޑިއާއިން ސިފައިން ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މީގެ ފަހުން ވެސް ދެ ގައުމުގެ ގުޅުން ރިވެތި ގޮތުގައި ކުރިއަށްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެކަމާ ގުޅުން ހުރި މަސައްކަތްތައް މިހާރު ފަންނީ ލެވެލެއްގައި ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުމަށް ވެސް އިންޑިއާއާއެކު މިހާރު އެއްބަސްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެންމެ ބޮޑު އެއް މަޝްރޫއު، މާލޭގެ ކައިރީ މި ހިނގާ ބްރިޖު މަޝްރޫއު ދެން ހުރި މަޝްރޫއުތަކައި އެކިއެކި ލޯންތަކުގައި މިދިމާވާ ކަންކަމާއި ގައުމަށް ބޮޑެތި މައްސަލަތަކާއި، މިކަންކަމުގައި ވަގުތުން ވަގުތަށް ނިންމުންތައް ނިންމޭ ކަހަލަ ހައި ލެވެލް ކޮމިޓީއެއް އެކުލަވާލަން ދެ ގައުމުން އެއްބަސްމިވީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮޕް28 ސަމިޓުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ދިވެހިންގެ ޑިމޮކްރެޓިކް ނިންމުމަށް އިންޑިއާއިން އިހުތިރާމް ކުރާ ކަމަށް މޯދީ ވިދާޅުވި ކަމަށެވެ. އަދި އެ ނިންމުމަށް ތަބާވެގެން ކުރިއަށް ދިޔުމަކީ ރާއްޖެއާއި މި ސަރަހައްދަށް އެންމެ ރަނގަޅު ގޮތް ކަމަށް މޯދީ ވިދާޅުވި ކަމަށް ވެސް، ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަކީ އިންޑިއާ ސިފައިން މިތަނުން ބާލަން ތިމަންނަމެން ބޭނުމޭ، 54 ޕަސެންޓު ޔަގީނުންވެސް އެ އޮތީ އެހެން ބުނެފައި. އަދި އެއަށް ވުރެ ގިނަ ރައްޔިތުން ވެސް ހަގީގަތުގައި ބުނޭ. އެހެންވީމަ ރައްޔިތުން ބޭނުންވާ ގޮތް އެ އޮތީ ރައްޔިތުން ނިންމާފައިކަން އެ މީޓިންގައި އެކްނޮލެޖް ކުރެވުނު،" ރައީސް ވިދާޅުވިއެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ޓިކެޓް ހޯއްދެވި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި މިދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގައި 'އިންޑިއާ އައުޓް'ގެ ނަމުގައި ހަރަކާތެއް ފެށިއެވެ. އެ ސިފައިން އަނބުރާ ފޮނުވާލުމަކީ މި ސަރުކާރުގެ ވެސް އެންމެ މައިގަނޑު އެއް ރިޔާސީ ވައުދެވެ.
މި ސަރުކާރުން ހާމަކުރި ގޮތުގައި ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ގާއިމުވެ އެބަތިއްބެވެ.