އަތޮޅުތެރޭގެ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކުގެ ކުލި ވަރަށް ބޮޑަށް ކުޑަކޮށްފި

ވިނަރެސް ފުލެޓެއްގެ އެތެރެ، މި މަޝްރޫއުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓްތައް ހިމެނޭ -- ސަންފޮޓޯ/ ނާއިލް ހުސައިން

އަތޮޅުތެރޭގައި ހަދާފައިވާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ބޮޑު ލުޔެއް ދޭން ނިންމައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކަން އިއުލާން ކުރައްވައިފިއެވެ.

ކެބިނެޓުން މިއަދު ނިންމި ކަންކަން އިއުލާން ކުރައްވަން ރައީސް މިވަގުތު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާން ވިދާޅުވީ އަތޮޅުތެރޭގެ ބައެއް ހައުސިން ޔުނިޓްތައް މިހާރު ދޫކޮށްފައި ހުރީ 5000 ރުފިޔާއަށް ނުވަތަ އެއަށް ވުރެން ބޮޑު އަގުތަކެއްގައި ކަމަށެވެ.

އެ އަގުތައް ކުޑަކުރުމަކީ އެ މަނިކުފާނުގެ ވައުދަކަށް ވާތީ މީގެ ފަހުން އަތޮޅުތެރޭގެ ހައުސިން ޔުނިޓްތަކުގެ ކުއްޔަކީ 3333 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް

ރައީސް ވިދާޅުވީ އެ އަގަށް ވުރެން ހެޔޮކޮށް މިހާރު ދޫކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލި ދައްކަން ޖެހޭނީ މިހާރު ވެސް އެ ދައްކާ ވަރަށް ކަމަށެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ވިނަރެސް ފްލެޓްތަކަށް މަހުން މަހަށް ދައްކަން ޖެހޭ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަކީ އެމަނިކުފާންގެ ވައުދަކަށްވާއިރު އެކަން ކުރުމަށް މިއަދު ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މިހާރު ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 ޕަސެންޓް ކުޑަކޮށްދިނުމާއެކު މަހު ކުލިން އެވެޖްކޮށް 4200 ރުފިޔާ ކަނޑާލައިދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މިއަދު ވަނީ ހިޔާ ފްލެޓްތަކުގެ ކުލި ވެސް ކުޑަ ކުރައްވާފައެވެ. ހިޔާ ފްލެޓުތަކުގެ އަގުން ދެ ލައްކައަށްވާ ވަރަށް އަގު ކުޑަކުރުމަށް ފަހު، ދެން ހަތް އަހަރު ވަންދެން މަހަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،984.21 ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ހުޅުމާލޭގައި ބޭއްވި ހަރަކާތެއްގައި ރައީސް ޑރ. މުއިއްޒު ވަނީ، ހިޔާ ފްލެޓްގެ ފިނިޝިންއަށް ދިޔަ ޚަރަދު ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް