ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރި ފްލެޓުތަކާއި ގޯތިތައް ހަވާލުކުރުން ލަސްވާތީ އަނެއްކާވެސް ގޯއްޗާއި ފްލެޓުތައް ލިބުނު މުޒާހަރާއަށް ނުކުމެއްޖެއެވެ.
އެގޮތުން މިރޭ ރާޅުގަނޑު ސަރަހައްދުގައި މުޒާހަރާގެ ބައިވެރިން ގޮވާލަމުން އަންނަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެން ވައުދުފުޅާ އެއްގޮތަށް އެ ގޯތިތަކާ ފްލެޓުތައް ހަވާލުކުރުމަށެވެ. އަދި، ގޯއްޗާއި ފްލެޓުތައް ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ހިއްކަން ފެށުމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.
"އަޅުގަނޑުމެން ނިކުމެ މިތިބީ އަޅުގަނޑުމެންގެ ހައްގު ހޯދަން. އެ ހައްގު ހޯދައިގެން ނޫނީ ގެއަކަށް ނުދާނަން،" ބައިވެރިއަކު ޝުއޫރު ފާޅުކުރިއެވެ.
އެއް ސަރުކާރުން ރައްޔިތުންނަށް ދީފައި ހުންނަ އަސާސީ ހައްގުތަކަށް އަނެއް ސަރުކާރުން އަރައިނުގަތުމަށާއި ވީހާ ވެސް އަވަހަށް ގޯތިތަކާއި ފްލެޓުތައް ހަވާލު ކުރުމަށް ބައިވެރިން މުޒާހަރާގައި އަންނަނީ ގޮވާލަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓުތައް ދޫކުރުން ލަސްވާތީ، އާންމުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައިވެއެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4000 ފްލެޓް ތަރައްގީ ކުރަމުން އަންނައިރު، ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޖިނާއީ ތަހުގީގެއް ކޮށްފައެވެ.
އެ ތަހުގީގުން ޝަރުތުހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމްތަކުގެ ލިސްޓެއް އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ފޮނުވިއެވެ.
އޭގެ ފަހުން ހައުސިން މިނިސްޓްރީން ވަނީ، އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމްތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ބުނެ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް ކުރަމުންދާ ކަމަށް ބުނެފައެވެ.
އެހެންވެ، ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން ފްލެޓް ލިސްޓު ބާތިލުކުރަނީ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.