ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިއްސާ އާންމުންނަށް ވިއްކުންކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެ ފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކެބިނެޓުގައި ދެކެވުނު ވާހަކަތައް ހިއްސާކުރައްވަމުންނެވެ.
މިއަދުގެ ކެބިނެޓުގައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަކީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމައިފައެވެ.
އެކަމުގެ އިތުރު ތަފްސީލް ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ މީގެފަހުން ސަރުކާރުގެ ހުރިހަ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނީ އެފްޑީސީގެ ތެރެއިން ކަމަށެވެ.
އަދި އެޗްޑީސީ ވާނީ ސަރުކާރުން ތަރައްގީ ކުރަން ނިންމާ އާބަން ސެންޓަރުތައް ތަރައްގީކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރާނެ ކުންފުންޏަށް ކަމަށް ވިދާޅުވިއެވެ.
"އޭރުން އެފްޑީސީން ކުރާ މަސައްކަތްތަކަކީ ހަމައެެކަނި ހުޅުމާލެއަކު ނޫން، މުޅި ރާއްޖޭގައި ވެސް އަސާސީ ބޯހިޔާވަހިކަން ސޯޝަލް ހައުސިން ފޯރުކޮށްދިނުމަށް އެންމެ ބޮޑު ރޯލެއް ކުޅޭނެ ކުންފުންޏަކަށް ވެގެންދާނެ،" ހައިދަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ މިއީ ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ބޭނުމުގައި، އެއްކަހަލަ މަސައްކަތްތައް ކުރާ ކުންފުނިތައް އެއްކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން ރައީސްގެ ވިސްނުންފުޅަކީ ކުރިއަށް ހުރި ދުވަސްތަކުގައި އެޗްޑީސީގެ ހިއްސާ އާންމުންނަށް ވިއްކުންކަމަށް ވެސް ވިދާޅުވިއެވެ.
"މިއަދު ކެބިނެޓުގައި ނުނިންމެވި ނަަމަވެސް ރައީސް ވިސްނަވައިފައި އޮތީ އެޗްޑީސީއަކީ އާންމުންގެ ވެސް ހިއްސާ އޮންނަ ކުންފުންޏަކަށް ހަދަން. ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަކަށް،" ހައިދަރު ވިދާޅުވިއެވެ.
ހިއްސާ ވިއްކުމާ ގުޅޭ އިތުރު ތަފްސީލް ހައިދަރު ހިއްސާ ނުކުރައްވައެވެ.
މި ވަގުތު އެޗްޑީސީއަކީ ހުޅުމާލޭގެ މުނިސިޕަލް ނޫން، އެހެން ހުރިހާ ކަމެއް ބަލަހައްޓާ ކުންފުންޏެވެ. އެފްޑީސީއަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އުފެއްދެވި ކުންފުންޏެކެވެ.
އެޗްޑީސީގެ ސަބްސިޑަރީއަކަށް އެފްޑީސީ ހަދައިފައިވާއިރު، މި ދެ ކުންފުނި މެދުވެރިކޮށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކުރަން މުހިންމު ކަންތައްތަކެއް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
comment އިބްރާހީމް
8 month 3 week ago
ނަމެއް ގެނެސް ނަމެއްގެ ދަށަށްލައިގެން ޚަރަދު ކުޑަވޭހެއްޔެވެ؟ ކުރިން ތިބި މުވައްޒަފުން ހަމަ އެ ޢަދަދަށް ތިބެއެވެ. އޭރު ބޭނުންކުރި އޮފީހާއި، އެހެނިހެން ވަޞީލަތްތައް ހަމަ އެގޮތަށް، އެ ވަރަށް ބޭނުންކުރެ އެވެ. ކަންކުރަންވީ ގޮތް އެނގޭ ތަންދޮރުދަންނަ މީހުން ސަރުކާރުގައިވެސް ތިބޭނެއެވެ. ކުރަންޖެހޭ ގޮތަށް ކަންކަން ނުކޮށް، ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތަށް ކަންކަން ކުރުމަކީ ވަރަށް ދެރަކަމެކެވެ.
comment ދދ
8 month 3 week ago
ކުންފުނި ދަރަނިވެރިވެ ދަރަނި އަދާ ނުކުރެވިގެން ފައިސާ ނުލިބިގެން ކޭޝްފުލޯ މެނޭޖް ނުވެގެން ކުންފުނި ވިއްކާލަނީ ! މިހާރު ނުވިއްކާ ހުރީ މަދު ކުންފުނިތަކެއް !
comment ސސ
8 month 3 week ago
ދިރާގު ހިއްސާ ބަޔަކަށް ވިއްކާލަން އުޅޭތީ އެކަން ފޫބައްދަން ކުރާން އުޅޭކަމެއް، އެޗްޑީސީ ވެސް ފައިސާނެތިގެން އުޅެނީ ، ބިންތަށް ހިލޭދިނީމާ !
comment މާލެމީހާ
8 month 3 week ago
ވ ރަނގަޅު ނިންމުމެެއް. ހުޅުމާލެ ރާއްޖޭގެ އެހެން ހުރިހާ ތަނަކަށްވުރެ ތަފާތުވެފަ ރަނގަޅުވުމީ އެޗްޑީސީގަ ތިބި މީހުންގެ ޤާބިލްކަން އިނގޭ ކަމެއް. ބާރަށް ކުރިއަށް..
comment އައްޓަމަސް
8 month 3 week ago
އެޗްޑީސީގެ ބިންތަކުގެ ވެރި ފަރާތަށް އޭރުންވާނީ ކާކު؟
comment ފިން
8 month 3 week ago
އެޗްޑީސީ އޮތީ ހިނގައި ނުގަނެވޭ މިންވަރަށް ދަރާފައި އެކި އެކި ލޯނުތަކަށް. ދެން އެފައިސާ ނުދެއްކިގެން މިއުޅެނީ މިހާރު ރައްޔިތުން ލޮލުގަ އަނދުން އަޅުވާފަ ފައިސާ ރެއިޒްކުރަން.
reply އައިމަން
8 month 3 week ago
އަލުގަނޑށް ބޮޑަށްހީވަނީ ކަމާގުޅެ އެއްވެސް މައުލޫމާތެއްނެތި އަމިއްލަފުޅު ޚިޔާލުފުޅުހެން ތި ފާޅުކެއްވީ ދެއްތޯ؟ ކުރިންވެސް އަދި ފަހުންވެސް ވާންހުރިކަމެއް ވުމުގެ ކުރިން އެކަކަށްވެސް ނޭނގޭނެ އެކަމެއް ވީމާނޫނީ ދެއްތޯ؟ އެވަރުގެ ތަންދޮރު ނުދަންނަ މީހުން އުޅޭ ޒަމާނެއް ނޫންވީމާ އަމިއްލަފުޅަށް ކަންކަން ނުނިންމަވާތީ ނޫންތޯ ރައީސުލްޖުމްހޫރިއްޔާ ވަޒީރު ބޭފުޅުންގެ މަޝްވަރާއާއި އެކީގައި ކަންކުރައްވަނީ ދެއްތޯ.