ގަވާއިދާ ޚިލާފުނުވާނަމަ ލިސްޓާ އެއްގޮތަށް ގޯތި ލިބޭނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ގެދޮރުވެރިކަމާބެހޭ އެކި ޔޫނިއަންތަކުގެ ބޭފުޅުންނާއެކު ބައްދަލުކުރައްވަނީ: އެމަނިކުފާނު ވަނީ ގަވާއިދާ ޚިލާފުނުވާނަމަ ލިސްޓާ އެއްގޮތަށް ގޯތި ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ގެޒެޓުކޮށްފައިވާ ފަރާތްތަކަށް، ގަވާއިދާ ޚިލާފުނުވާނަމަ ގޯތި ދޭނެކަމުގެ ޔަގީންކަން އެމަނިކުފާނު މިއަދު ދެއްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ގެދޮރުވެރިކަމާބެހޭ އެކި ޔޫނިއަންތަކާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެގޮތުން ރައީސް މުއިއްޒު ވަނީ މާލެ ސަރަޙައްދުގައި ހަރަކާތްތެތިވާ ގެދޮރުވެރިކަމާގުޅޭ ބައެއް ޔޫނިއަންތައް ކަމައްވާ، ފަހި ޔޫނިއަން، ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަން، ގުޅިފަޅުގެ ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލެ ރަށްވެހިންގެ ޖަމިއްޔާގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ.

މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ގެދޮރުވެރިކަމާބެހޭ ޔުނިއަންތަކުގެ މެންބަރުން ވަނީ، މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.

އެ ގޮތުން މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އެކި ކަންކަމާ ގުޅިގެން އަދި މިހާތަނަށް ހަވާލުނުކުރެވި ހުރި ގޯތިތަކުގެ ރަޖިސްޓްރީތަކާއި، އެޝުއަރެންސް ސިޓީގެ ކަންކަން އަވަސް ކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި ކަމާގުޅޭ ފަރާތްތަކުން ޖަވާބުދާރީވުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިއުމުގެ އިތުރުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭ ގޮތަށް އެކަންކަން ހައްލުކޮށްދިނުމަށް ވަނީ އެދިފައެވެ.

އެކަންކަމަށް ޖަވާބުދާރީވެވަޑައިގެން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަންތައް ކަމުގައެވެ.

އެގޮތުން ގެޒެޓްގައި ނަން އާންމުކޮށްފައިވާ ކޮންމެ މީހަކަށް، ރައީސްގެ ރިޔާސީ ވައުދާ އެއްގޮތަށް، އެމީހަކު ގަވާއިދާ ޚިލާފުނުވާ ކަމުގައި ވާނަމަ ގޯތި ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އަދި މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކުގެ އަދާހަމަ ތަފްސީލުތައް މެންބަރުންނާ ހިއްސާ ކުރައްވައި، އެ މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން، ވީހާވެސް އަވަހަށް އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނުގެ ވަނީ ޔޫނިއަންތަކުގެ މެމްބަރުންނަށް ދެއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި އިތުރު 23 ގޯތި ވެރިފަރަތާ ހަވާލުކޮށްފައިވާ ކަމަށް މިއަދު ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ. އެ ގޮތުން، މިހާތަނަށް ޖުމުލަ 648 ގޯތި، ވެރިފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމުލަ 1،408 ގޯތި ދޫކޮށްފައިވާއިރު، އަދިވެސް 761 ގޯތި ވަނީ ވެރިފަރާތްތަކާ ހަވާލުނުކުރެވިއެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓްތައް ލިބުނު ފަރާތްތަކުން ވަނީ ދާދި ފަހުން ވެސް ގޯއްޗާއި ފްލެޓް ލިބުން ލަސްވާތީ އިހުތިޖާޖަށް ނިކުމެފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ ގޯތިތަކާ ފްލެޓްތައް ދޫކުރުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް