މިނެޓެއް ތެރޭ 30 ކުށުގެ ރެކޯޑު ސާފުކުރެވޭގޮތް ޕީޖީން ހަދައިފި

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން-- ސަން ފޮޓޯ

އަލަށް ތައާރަފުކުރި ޓެކްނޮލޮޖީއަކާއެކު، ކުށުގެ ރެކޯޑެއް ނެތްމީހުންގެ، މިނިޓެއް ތެރޭ 30 ރެކޯޑު ސާފުކުރެވޭ ގޮތް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހަދައިފިއެވެ.

ޕީޖީން އެގޮތަށް ހަދާފައި ވަނީ ކުއްލިއަކަށް އެ އޮފީހަށް ކުށުގެ ރެކޯޑު ސާފުކުރުމުގައި ބާރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެ އޮފީހުގެ މަސައްކަތްތަކަށް ބުރޫ އަރާފައިވަނިކޮށެވެ.

ޕީޖީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހެޅުމުން އެ އޮފީހަށް ބާރުބޮޑުވެފައިވާ ކަމަށެވެ.

ޕީޖީން ބުނީ އާންމު ގޮތެއްގައި އަހަރަކު އެ އޮފީހަށް ސާފުކޮށްދެެވެނީ ގާތްގަނޑަކަށް 13،000 ކުށުގެ ރެކޯޑު ކަމަށެވެ. ނަމަވެސް އާދިއްތަ ދުވަހު އެކަނި ވެސް އެ އޮފީހަށް ވަނީ 3،930 ފޯމު ލިބިފައިވާކަމަށާއި އެއީ އަހަރެއްގައި ލިބޭ މިންވަރުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިކަމަށް އެ އޮފީހުން ބުންޏެވެ.

https://sun.mv/185653

ހަމައެއާއެކު މިއަދު ޕީޖީން ހާމަކުރި ގޮތުގައި އިއްޔެ އެކަނި، ރަސްމީ މަސައްކަތު ގަޑީގައި 975 ކުށުގެ ރެކޯޑު ސާފުކޮށްދީފައިވެއެވެ. އެ މަސައްކަތް މިއަދު ވެސް ކުރިއަށްދާނެ ކަމަށް ޕީޖީން ބުންޏެވެ.

"މިފަހަރު މިކުރެވުނު ތަޖުރިބާގެ އަލީގައި، ކުރިއަށް އޮތްތަނުގައި، ގަނޑުކޮށް ކުށުގެ ރެކޯޑު ސާފުކުރަން އަންނަ ބައިބައި، ވަކި ކިއުއަކުން ދާގޮތަށް ހަމަޖައްސައި، ޢާންމު ނިޒާމުގެ ތެރެއިން އަންނަ ފޯމުތަކަށް، އާދައިގެ މަތިން ދުވަހުން ދުވަހަށް ޖަވާބުދެވޭނެ ނިޒާމަކަށް، ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" ޕީޖީން ބުންޏެވެ.

ޕީޖީން ބުނީ ކުށުގެ ރެކޯޑު ނެތް މީހުންނަށް، އެމީހުން ކުށުގެ ރެކޯޑަށް އެދޭ ވަގުތު، އޮޓޮމެޓިކުން ރެކޯޑު ނެތްކަމުގެ ލިޔުމެއް ދިނުމުގެ ނިޒާމެއް އެ އޮފީހުން ޓެސްޓުކުރުމަށްފަހު މިހާރު ބޭނުންކުރަން ފަށައިފި ކަމަށެވެ. އެގޮތުން މިނެޓެއް ތެރޭ 30 ރެކޯޑު މިހާރު ސާފުކޮށްދެވޭނެ ކަމަށް ޕީޖީން ބުންޏެވެ.

މި ދެތިން ދުވަސްތެރޭ ޕީޖީ އޮފީހުގެ މަސައްކަތްތަކަށް ބުރޫ އެރުމާ ގުޅިގެން ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެ ވެސް ރަސްމީ ގަޑި ނިމެންދެން އެ ދުވަހަކަށް ސާފުކޮށްދެވުނު ވަރަކަށް ސާފުކޮށްދޭ ގޮތަށް ރޭ ވަނީ ނިންމައިފައެވެ.

އަދި އެއީ ވަގުތީ ގޮތުން ގެނައި ބަދަލެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

comment ކޮމެންޓް