ކުށުގެ ރެކޯޑު ސާފުކުރުން ހަމައެކަނި ރަސްމީ ގަޑީ ކުރާ ގޮތަށް ވަގުތީ ބަދަލެއް

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ

ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެ ވެސް ރަސްމީ ގަޑި ނިމެންދެން އެ ދުވަހަކަށް ސާފުކޮށްދެވުނު ވަރަކަށް ސާފުކޮށްދޭ ގޮތަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ މަސައްކަތަަށް ވަގުތީ ބަދަލެއް ގެނެސްފިއެވެ.

އާންމު އުސޫލުންނަމަ، އެ އޮފީހުގައި ކުށުގެ ރެކޯޑު ސާފުކޮށްދިނުމަށް އޮންލައިންކޮށް އެދުމުން އެއް ދުވަހުގެ ތެރޭގައި ސާފުކޮށްދެއެވެ.

ނަމަވެސް، ޕީޖީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކުއްލިއަކަށް އެ އޮފީހަށް ބާރު ބޮޑުވީ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހެޅުމުންކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެއާއެކު ކުށުގެ ރެކޯޑު ސާފުކުރުމުގެ ނިޒާމު މި ވަގުތު އޮތީ ތޮއްޖެހިފައި ކަމަށާއި އެހެންވެ، އެ އޮފީހުން ފޯރުކޮށްދޭ އެހެން ޚިދުމަތްތަކަށް ވެސް އިއްޔެ ބުރޫއެރިކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ، އާންމު ގޮތެއްގައި އަހަރަކު އެ އޮފީހަށް ސާފުކޮށްދެެވެނީ ގާތްގަނޑަކަށް 13،000 ކުށުގެ ރެކޯޑު ކަމަށެވެ. ނަމަވެސް އިއްޔެ އެކަނި އެ އޮފީހަށް ވަނީ 3،930 ފޯމު ލިބިފައިވާކަމަށާއި އެއީ އަހަރެއްގައި ލިބޭ މިންވަރުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިކަމަށް އެ އޮފީހުން ބުންޏެވެ.

"އެއީ ގާތްގަނޑަކަށް އަހަރަކު އަންނަނާނެކަމަށް އަންދާޒާކުރާ ފޯމުގެ 30 ޕަސެންޓް ފޯމު. އޭގެ ތެރެއިން 3،419 ފޯމުގެ ރެކޯޑު ސާފުކޮށްދެވިފައިވޭ،" ޕީޖީގެ ބަޔާނުގައި ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ 3،930 ފޯމުގެ ތެރެއިން 3،419 ކުށުގެ ރެކޯޑު ސާފުކުރެވުނީ މުޅި ދުވަހު، ރޭގަނޑާ ހަމައަށް މަސައްކަތްކޮށްގެންކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އެ އޮފީހުން ބުންޏެވެ.

"ނަމަވެސް، އެއީ، ރޭގަނޑާ ހަމައަށް މަސައްކަތްކޮށްގެން. މިއީ ދެމެހެއްޓެނިވި ކަމަކަށް ނުވާތީ، މި ދުވަސްކޮޅު ރެކޯޑު ސާފުކޮށްދިނުން ހިނގާނީ ރަސްމީ މަސައްކަތު ވަގުތަގައި އެކަނި ކަމުގައި ހަމަޖައްސައިފިން،" ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އެ އޮފީހުން ބުނީ ކޮންމެ ދުވަހަކު ވެސް ރަސްމީ ވަގުތު ނިމެންދެން އެ ދުވަހަކަށް ސާފުކޮށްދެވުނު ވަރަކަށް ސާފުކޮށްދޭނެ ކަމަށާއި އެއަށްފަހު ޖެހިގެން އަންނަ ދުވަހު އަނެއްކާ ވެސް އަލުން ފަށާނެ ކަމަށެވެ.

"މިގޮތަށް ގޮސް، މިހާރު އޮތް ފޯމުތައް ކުޑައަޑިވުމުން، ކުރިން ވެސް ޚިދުމަތް ދެމުންގެންދިޔަ ގޮތަށް ދުވަހުން ދުވަހަށް ފޯމުތައް ސާފުކޮށްދެމުން ގެންދާނަން،" ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް