ބުރައަކަށް ވެފައިވާ ޚަރަދު ކުޑަކުރަން އާސަންދައިން ޕެކޭޖުތަކެއް ހަދަނީ

ދައުލަތަށް ބުރައަކަށް ވެފައިވާ އާސަންދައިގެ ޚަރަދު ކުޑަކޮށް, ދެމެހެއްޓެނިވި ގޮތެއްގައި އެ ޚަރަދު ބެލެހެއްޓުމަށް ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އާމްދަނީ އާ ނުބައްދަލު ޚަރަދަކަށް ބޭސްފަރުވާގެ މި ނިޒާމު ވެފަވާއިރު އެއް އަހަރުން އަނެއް އަހަރަށް އާސަންދައިގެ ޚަރަދު ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި އިސްރާފުވާ އަދި ކޮރަޕްޝަނަށް ހޭދަވާ ފައިސާ ހިމެނޭ ކަމަށް ތުހުމަތުތައް ކުރެވެއެވެ.

'ސަން' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޒީނިޔާ ވިދާޅުވީ އެކަން ހުއްޓުވުމަށް ވިސްނުންތަކެއް ވިސްނާފައިވާ ކަމަށެވެ. އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން އަގުތައް މުރާޖައާކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ޒީނިޔާ ވިދާޅުވީ އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ ރާއްޖެއިން ބޭރަށް އާސަންދަ ސްކީމުން ކުރާ ޚަރަދުތައް ބޮޑު ވާހަކަ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ސްކީމުން އެންމެ ބޮޑު ޚަރަދެއް ކުރަނީ ރާއްޖޭގަ ފާމަސީތަކުން ބޭހަށް ކުރާ ޚަރަދާއި ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލުތަކުން އާސަންދަ ސްކީމަށް ކުރާ ޚަރަދުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސައްކަތް ކުރާނަން އަޅުގަނޑު މެނޭޖިން ޑިރެކްޓަރު ޕޯސްޓުގައި ހުރެ ސްކީމްގެ ކޮސްޓުތައް ކުޑަކުރުމަށް،" ޒީނިޔާ ވިދާޅުވިއެވެ.

އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ކުރާނެ ފުރަތަމަ ކަމެއްގެ ގޮތުން ޒީނިޔާ ވިދާޅުވީ ބޮޑެތި ބަލިތަކަށް ނޫނީ ސާޖަރީތަކަށް ޕެކޭޖްތަކެއް ހެދުމެވެ.

"ޕެކޭޖްތައް ހެދިގެން އައީމަ އަޅުގަނޑުމެންނަށް އެނގޭނެ މިސާލަކަށް މިވެނި ސާޖަރީއަކަށް ދާނީ މިވެނި ވަރެއްގެ ޚަރަދެއްކަން. ޕެކޭޖު ހެދުމަކީ ދުނިޔޭގެ އެހެން ތަންތާގަ ވެސް ކުރާ ކަމެއް. ޕެކޭޖް ހަދާފަ ހުރޭ ޚަރަދު ރެޑިއުސް ކޮށް އެ ސަސްޓެއިން ކޮށްފަ،" ޒީނިޔާ ވިދާޅުވިއެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ސަން އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ/ މުހައްމަދު މާވީ

ޒީނިޔާ ވިދާޅުވީ އާސަންދައިން ދޭ ޚިދުމަތްތަކަށް ޕެކޭޖުތަކެއް ހެދުމުގެ މަސައްކަތް އެއީ ކުރަން ވިސްނާފައި އޮތް އެންމެ ބޮޑު އެއް ކަންތައް ކަމަށެވެ.

"ރާއްޖެއިން ބޭރަށް އެންމެ ގިނައިން ފޮނުވަނީ އިންޑިއާ އަދި ސްރީލަންކާއަށް. އެތަންތަނުގައި ވެސް އެކި ސްޓޭޓްތަކުގައި އަގުތައް ތަފާތުވޭ. އަގުތައް ތަފާތުވަނީ ވެސް އެ ހޮސްޕިޓަލެއްގެ ސްޓޭންޑެޑް ވެސް ތަފާތުވީމަ. އެއް ސްޓޭޓެއްގަ ބައިވަރު ހޮސްޕިޓަލުތަކުގައި ހުންނަ އެއް އަގުތަކެއް ހިފެހެއްޓޭތޯ އަޅުގަނޑުމެން ވެސް ބަލާނަން،" ޒީނިޔާ ވިދާޅުވިއެވެ.

އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ އިތުރު ކަމެއްގެ ގޮތުން ޒީނިޔާ ފާހަގަކުރެއްވީ، ރާއްޖެއިން ބޭރުން ޚިދުމަތް ހޯދާއިރު އެއް ލެވެލެއްގެ ހޮސްޕިޓަލުތައް ގްރޭޑުކުރުމަށްފަހު އާސަންދަ ސްކީމްގެ ދަށުން އެ ޚަރަދުތައް ބެލެހެއްޓުމެވެ.

އެ މަސައްކަތް ވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށާއި އެކަންކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ޒީނިޔާ ވަނީ އަރުވާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮތުގައިވާ ގޮތުން، މިއަހަރު އާސަންދައަށް ކުރި ހޭދަ 2.3 ބިލިއަން ރުފިޔާ އަށް އަރާނެއެވެ. އެއީ ބަޖެޓު ކުރި އަދަދަށް ވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާސަންދަ އަށް ކުރި ހޭދަ ބޮޑުވުމުން ވަނީ، ސަޕްލިމެންޓްރީ ބަޖެޓުން ވެސް 1.2 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

https://sun.mv/183969

އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި، އާސަންދަ އަށް ވަނީ 1.9 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

އަންނަ އަހަރަށް ޚަރަދު ކުޑަކުރަން ފިޔަވަޅުތައް ނާޅައިފި ނަމަ އާސަންދައަށް ކުރާ ހޭދަ 3.4 ބިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެންމެ ބޮޑު ހޭދައެއް އާސަންދައަށް ކުރީ މިދިޔަ އަހަރެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ޚަރަދު ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 20 ޕަސެންޓު އިތުރުވެފައެވެ.

އާސަންދަ ސްކީމުން އެވަރެޖުކޮށް ބޭހަށް ކުރާ ހޭދަ 500 މިލިއަނަށް އަރައެވެ.

އެހެންވެ، ބޭހުގެ ޚަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި ރާއްޖޭގައި ވިއްކާ ބައެއް ބޭހުގެ އަގުތައް އުޅެނީ 75-15 ޕަސެންޓް ބޮޑުކޮށެވެ.

comment ކޮމެންޓް