ސަރުކާރުގެ ހިލޭ ބޭސް ފަރުވާ ސްކީމް، އާސަންދައިގެ ތެރެއިން އެންމެ މުއްސަނދި މީހާއަށް ފައިދާވެ، އާދައިގެ ނިކަމެތި މީހާއަށް ގެއްލުންވާ ގޮތަށް އޮތް އޮތުން ބަދަލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ރިފޯމް ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ފާހަގަ ކުރެއްވީ، އެ ސްކީމް މިހާރު ގޮތް ގޮތުން އެންމެ މުއްސަނދި މީހާއާއި އެންމެ ނިކަމެތި މީހާ ވެސް ހަމަހަމަ ކަމަށެވެ. އެހެން ނަމަވެސް އެއީ އެ ކަން އޮންނަންވާނެ ގޮތް ނޫންކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެންމެ ފުރިހަމަ މާނައިގައި އާސަންދައިގެ ޚިދުމަތް ދިނުމަށް ޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު: ވިދާޅުވީ އާސަންދައިގެ ތެރެއިން އެންމެ މުއްސަނދި މީހާއަށް ފައިދާވެ، އާދައިގެ ނިކަމެތި މީހާއަށް ގެއްލުންވާ ގޮތަށް އޮތް އޮތުން ބަދަލުކުރާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
އާސަންދަ ރިފޯމް ކުރުމުގެ އެންމެ މުހިންމު އެއް މަގުސަދަކީ، އެންމެ ހައްގުވާ މީހުންނަށް އާސަންދައިގެ ޚިދުމަތްދީ، އެ ސްކީމުން އިސްރާފު ކުޑަ ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އާދައިގެ ނިކަމެތި މީހާ ވިޔަސް، އެންމެ މުއްސަނދި މީހާ ވިޔަސް މީގައި ބޭނުންވަނީ އެ އޮންނަ އުސޫލުތައް، ގޮތްތަކެއް އެނގެން މީގެ ތެރެއަށް އެކްސެސް ވެވެން. އެކްސެސްވުމަށް އުނދަގޫވާ، އެ ކަންތަކުގެ އެންމެ ފުރިހަމަ މައުލޫމާތު ނުލިބޭ މީހާއަށް ގިނަ ފަހަރަށް ޑިސްއެޑްވާންޓެޖު އެބަލިބޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އާސަންދައަށް ކުރާ ހޭދަ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ހޭދަވަނީ 60 އިންސައްތައަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު، 2018ވަނަ އަހަރާ އަޅައިބަލާއިރު އާސަންދައިގެ ޚަރަދު ވަނީ 40 އިންސައްތަ އިތުރުވެފައެވެ.
އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު އާސަންދަ ސްކީމަށް މި އަހަރަށް ބަޖެޓުކުރި 1.9 ބިލިއަން ރުފިޔާގެ ބޮޑުބައި ވަނީ ހުސްވެފައެވެ.
ޕްރައިވެޓް އިންޝުއަރެންސެއް އޮތްނަމަ، އެއަށް އިސްކަންދޭގޮތަށް އަންނަ އޮކްޓޯބަރު މަހުން ފެށިގެން އާސަންދައިން އަމަލުކުރަން ނިންމާފައިވާކަން މީގެ ކުރިން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.