ކްރެޑިޓް ނުދޭތީ ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް ބަލިމީހުން ފޮނުވުން އާސަންދައިން ހުއްޓައިލައިފި

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ: ކްރެޑިޓް ނުދޭތީ ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް ބަލިމީހުން ފޮނުވުން އާސަންދައިން ހުއްޓާލައިފި --

އިންޑިއާގެ ބެންގަލޫރުގެ ދެ ހޮސްޕިޓަލަކުން ކްރެޑިޓަށް ޚިދުމަތް ދިނުން މެދުކަނޑާލުމާ ގުޅިގެން އެ ދެ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން މިހާރު ހުއްޓާލައިފައިވާ ކަމަށް އާސަންދައިން މިއަދު ބުނެފިއެވެ.

އިންޑިއާއަކީ އާންމުގޮތެއްގައި އާސަންދައިގެ ދަށުން ސިއްހީ ފަރުވާ ހޯދުމަށް ބަލިމީހުން ފޮނުވާ ގައުމެކެވެ. އެގޮތުން މިހާރުވެސް ބެންގަލޫރުގެ ގިނަ ހޮސްޕިޓަލުތަކަށް އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް ފޮނުވައެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ، ބެންގަލޫރުގެ ސައިޓް ކެއާ ހޮސްޕިޓަލްގެ އިތުރުން އެސްޓާ ސީއެމް އައި ހޮސްޕިޓަލުން ފަރުވާ ހޯދުމަށްޓަކައި ބަލި މީހުން ފޮނުވުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

އާސަންދަ ކައުންޓަރު-- ފޮޓޯ: އާސަންދަ

އެއީ އެ ދެ ހޮސްޕިޓަލުން ވެސް ކްރެޑިޓަށް ޚިދުމަތް ދިނުން ހުއްޓާލައިފައިވާތީ ކަމަށް ޒީނިޔާ ވިދާޅުވިއެވެ. އެގޮތުން އެ ދެ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން ހުއްޓާލީ ދެ ހޮސްޕިޓަލުން ވެސް އެދިގެން ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

މިއަދާ ހަމައަށް ވެސް އެ ހޮސްޕިޓަލުތަކަށް ދައްކަންޖެހޭ ޕޭމަންޓުތައް އަޅުގަނޑުމެން އައީ ދައްކަމުން، އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުގެ އަގުތައް ބޮޑުވުމުގެ ސަބަބުން މި އަހަރުގެ ޖުލައި މަހުން ފެށިގެން އެ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް އާ ޕޭޝަންޓުންނަށް ދިނުން ވެސް ވަގުތީ ގޮތުން ވަނީ ހުއްޓާލައިފައެވެ.

އޭރު ޒީނިޔާ ވިދާޅުވީ އެއީ ވަގުތީގޮތުން ކަމަށާއި، އަގުތައް ހެޔޮކޮށް ޚިދުމަތްތައް ދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރާކަމަށެވެ.

މަނިޕާލް ހޮސްޕިޓަލުން އާސަންދަ ހުއްޓާލުމާ ގުޅިގެން މިއަދު ޒީނިޔާ ވިދާޅުވީ، އެ ހޮސްޕިޓަލުން މިހާރު އަލުން އަގުތައް ހެދުމަށްފަހު ދީފައިވާ ކަމަށެވެ. އެގޮތުން އާސަންދައިން މިހާރު އެ އަގުތައް ވެސް ރީއިވެލުއޭޓް ކުރަމުންދާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ނަމަވެސް އެ ޚިދުމަތްތައް އަލުން ފެށޭނެ ދުވަހެއް އޭނާ ވިދާޅެއްނުވެއެވެ.

comment ކޮމެންޓް