އާސަންދައިން ފައިދާއެއް ނުކުރި، ފެންނަނީ ވައްކަން ކުރާތަން: ސިޔާމް

އާސަންދައިން ސިއްހީ ދާއިރާއަށް ފައިދާއެއް ނުލިބުނު ކަމަށާއި، އޭގެ ބަދަލުގައި، އެ ޚިދުމަތް މެދުވެރިކޮށް ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރާ މަންޒަރު ފެންނަ ކަމަށް ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަޙުމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، އިޖުތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ މިދިޔަ 30 އަކަށް އަހަރުތެރޭ ސިއްހީ ދާއިރާ އެއްކޮށް ފެއިލްވެފައިވާ ކަމަށާއި މިހާރު ވެސް އޮތީ އެ ހާލަތުގައި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހިންނަށް ސިއްހީ ފަރުވާ ލިބެން ޖެހޭ ގޮތަކަށް ނުލިބޭ ކަމަށާއި ހޮސްޕިޓަލްތައް ހުރި ނަމަވެސް ރަނގަޅު ބޭހާއި ވަސީލަތްތަކާއި ޑޮކްޓަރުން ނުތިބޭ ކަމަށެވެ.

"ބަލިވެގެން ރަށްރަށުން އަންނަ މީހާ ހޮސްޕިޓަލަށް ދިޔައިމަ ވަނީ ހައްތަހާ ބަލި. ބައްޔެއް ރަނގަޅެއް ނުވޭ. އެހެންވީމަ ހެލްތު ސެކްޓާ މިއޮތީ މުޅިން ފެއިލްވެފައި. މުޅިން ހަމަ އެއްކޮށް ފެއިލްވެފައި،" ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އާސަންދަ ދެނީ ސިއްހީ ޚިދުމަތް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށްވީ ނަމަވެސް އެ ޚިދުމަތުން ފައިދާއެއް ނުލިބޭ ކަމަށެވެ. އެހެންވެ، މި ދާއިރާ ބިންގަލުން ފަށައިގެން ރަނގަޅު ކުރަން ޖެހިފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އާސަންދަ މިދެނީ ހެލްތު ސެކްޓަރު ރަނގަޅު ކުރުމަށް ޓަކައި. އެކަމަކު އާސަންދަ ދިނުމަކުން ވެސް އަޅުގަނޑުމެންނަކަށް އެއްވެސް ފައިދާއެއް ނުކުރި. އޭގެ ސަބަބުން އަޅުގަނޑުމެންގެ މާލިއްޔަތުން އެތައް ބަޔަކު ވައްކަން ކުރަމުންދާތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ބަހުސްގައި ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ރިޕޯޓު ވަރަށް ފުރިހަމަ ކަމަށާއި އެ ބިލުގައި ހިމަނައިފައިވާ އިސްލާހުތަކަކީ ގައުމުގެ އިގުތިސާދީ ހާލަތަށް ބަލާއިރު ރަނގަޅު އިސްލާހުތަކެއް ކަމަށެވެ.

އެ ބިލާ ގުޅޭ ގޮތުން ވާހަކަދެއްކެވި އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ، ނިމިދިޔަ ވެރިކަމުގައި އެ ޕާޓީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެ ޕާޓީގެ މެންބަރުންގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން އެ ސަރުކާރުން މަސައްކަތް ކުރީ ސިއްހީ ފަރުވާއަށް މީހުން މާލެ ގެންނަން ކަމަށާއި އަތޮޅުތެރޭގައި ސިއްހީ ފަރުވާ ދޭ ތަންތަނަށް އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތަންތަނުގައި އެކަށީގެންވާ ވަރަކަށް މުވައްޒަފުންނެއް ނެތް. އަތެއް ފަޔެއް ކަނޑައިގެން ދިޔައިމަ ބޭސްކޮޅެއް އެޅޭނެ ވަރު ނެތް. ފަސް އަހަރުގެ ވެރިކަން ނިންމާލީ މުޅި ދައުލަތް ދަރުވާލާފައި، މުޅި ސިއްހީ ނިޒާމު ފުނޑާލާފައި،" އައްބާސް ވިދާޅުވިއެވެ.

އާސަންދައަށް ކުރާ ހޭދަ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ހޭދަވަނީ 60 އިންސައްތައަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު، 2018 ވަނަ އަހަރާ އަޅައިބަލާއިރު އާސަންދައިގެ ޚަރަދު ވަނީ 40 އިންސައްތަ އިތުރުވެފައެވެ.

https://sun.mv/195230

އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު އާސަންދަ ސްކީމަށް މި އަހަރަށް ބަޖެޓުކުރި 1.9 ބިލިއަން ރުފިޔާގެ ބޮޑުބައި ވަނީ ހުސްވެފައެވެ.

comment ކޮމެންޓް