ވާދަވެރިއެއް ނެތުމުން ޕީޕީއެމް/ޕިއެންސީގެ މޭޔަރުކަމުގެ ޓިކެޓު އާޒިމާއަށް

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު--

ވާދަކުރާނެ އެހެން ފަރާތެއް ނެތުމުން ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ ޓިކެޓު، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް އެރުވުމަށް އެ ދެ ޕާޓީން ނިންމައިފިއެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ އެ ކޯލިޝަނުން މޭޔަރުކަމަށް ކުރިމަތިލައިފައި ވަނީ ހަމައެކަނި އާޒިމާ ކަމަށެވެ. އެހެންވެ އާޒިމާއަށް ޓިކެޓު ވަނީ ކަށަވަރުވެފައެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް އެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރައްވަން އާޒިމާ ޕީއެންސީގެ އޮފީހުގައި އެ ޕާޓީގެ ޗެއާޕާސަން އަބުއްރަހީމް އަބްދުﷲ (އަދުރޭ)އާ ފޯމު ހަވާލުކުރެއްވީ ރޭގައެވެ.

އެއަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ، އޭނާ މޭޔަރުކަމަށް ވާދަކުރަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދެވި ޚިދުމަތްތައް މެދުނުކެނޑި ކުރެއްވުން ކަމަށެވެ.

އެގޮތުން މިވަގުތަކީ ސަރުކާރާއެކު މަސައްކަތް ކުރާނެ މޭޔަރެއް ގެންނަންވީ ވަގުތުކަމަށް އާޒިމާ ވިދާޅުވިއެވެ.

"ރައީސް [ޑރ. މުޙައްމަދު] މުއިއްޒު އެބައޮތް ވަރަށް ރަނގަޅު ކޮމިޓްމަންޓްތަކެއް މާލޭ ރައްޔިތުންނަށް ދެއްވައިފައި. އެހެންވީމަ މި ގަޑީގައި ސަރުކާރާ އެކުގައި މަސައްކަތް ކުރެވޭނެ، ހީވާގި މުރާލި ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިންމު ކަންތައް،" އާޒިމާ ރޭ ވިދާޅުވިއެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް މުއިއްޒު ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު މި މަހުގެ 17ވަނަ ދުވަހު ރައީސްކަމުގެ ހުވައި ކުރައްވަން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އާޒިމާގެ އިތުރުން މާލެ މޭޔަރުކަމުގެ މަގާމަށް ކުރިމަތި ލައްވާނެކަން މިހާތަނަށް އިއުލާނުކުރައްވައިފައިވާ ބޭފުޅުންގެ ތެރޭގައި:

  • ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީގެ ކައުންސިލް މެމްބަރު ސައިފް ފާތިހު
  • އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް
  • އަލަށް އުފައްދާ ޕީއެންއެފްގެ ފަރާތުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު

މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލިމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އިންތިޚާބު ބާއްވާނެކަމަށް ވެސް އީސީން ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް